ޖީއެމް ފޯރަމްގެ ޕްލެޓިނަމް ޕާޓްނަރަކީ ދިރާގު
ޖީއެމް ފޯރަމްގެ ޕްލެޓިނަމް ޕާޓްނަރަކީ ދިރާގު

ޖީއެމް ފޯރަމްގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ހޮޓެލިއާ މޯލްޑިވްސްއާ އެކު ދިރާގުން ސޮއިކޮށްފި އެވެ.

މިއަހަރު މި ފޯރަމްގައި "ޑިޖިޓަލައިޒޭޝަން އެންޑް އެކްސްޕޭންޑިން އެކްސްޕީރިއަންސެސް"ގެ މައުލޫއުގެ ދަށުން، ފަތުރުވެރިކަމުގެ ދާއިރާއަށް އަންނަމުންދާ ބަދަލުތަކަށް އަލިއަޅުވާލައި، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފަތުރުވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވީ ޑިޖިޓަލް ވަސީލަތްތަކާއެކު ފަތުރުވެރިކަމުގެ ސިނާއަތުގައި ހިދުމަތްތައް ފޯރުކޮށްދޭ ގޮތްތައް ބަދަލުވެ، ހިދުމަތްތައް އިތުރަށް ހަލުއިކޮށް، އެ ފަތުރުވެރިއަކަށް ހާއްސަ ހިދުމަތްތައް ދިނުމުގެ މަގު ފަހިވެފައިވާ ކަމަށެވެ. އަދި ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށް، އެ ސިނާއަތް އިތުރަށް ވަރުގަދަ ކުރުމުގެ މަގުސަދުގައި ހޮޓެލިއާ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ޖީއެމް ފޯރަމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއްގެ ގޮތުގައި ސިފަކުރި އެވެ.

އަންނަ މަހުގެ 13 ވަނަ ދުވަހު ބާއްވާ އެ ފޯރަމްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއި ލީޑަރުން އެއްތަނަކުން ފެނިގެންދާނެ އެވެ. އަދި އެ ފޯރަމްގައި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުގެ ކީނޯޓް ސްޕީޗްތަކާއެކު ޕެނަލް ޑިސްކަޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާގެ ފަރާތްތައް ބައްދަލުވެ، ގުޅުން ބަދަހިކޮށް ހިޔާލު ބަދަލު ކުރުމުގެ ފުރުސަތު ފަހިވެގެން ދާނެ އެވެ.

ދިރާގުން ދަނީ ދިވެހިރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކަށް އެންމެ ކުރީސަފުގައި އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީ، އެ ދާއިރާގެ މަސައްކަތްތަކަށް ޑިޖިޓަލް ހައްލުތައް ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.