މިއީ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ނަގާ ވޯޓެއް ކަމަކަށް ގަބޫލެއް ނުކުރެވޭ: އިބޫ
މިއީ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ނަގާ ވޯޓެއް ކަމަކަށް ގަބޫލެއް ނުކުރެވޭ: އިބޫ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓު، މެމްބަރުންނާ ސުވާލުކޮށްގެން ނަގަން ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުށަހަޅުއްވާފައިވީ ނަމަވެސް އެއީ މަޖިލީހުގެ ގަވައިދާ ހިލާފު ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.

ސުވާލުކޮށްގެން ވޯޓު ނެގޭނީ މިހާރު ވޯޓުލާ ނިޒާމާ މެދު ސުވާލު އުފެދިއްޖެ ހާލަތެއްގައި ކަަމަށާއި އެގޮތަށް އެކަން ކުރެވޭނީ ވެސް މަޖިލީހުގެ ޖަލްސާގައި ހުށަހަޅައި ފާސްކޮށްގެން ކަމަށް ވިދާޅުވި އެވެ. އެހެންކަމުން މިއަދު ވެސް ފެނިގެން ދިޔައީ، މަޖިލީހުގެ ރިޔާސަތުން ގާނޫނާ ހިލާފަށް އަމަލުކުރަން ނިންމާފައި އޮތް ތަން ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ކަންބޮޑުވުންފާޅުކުރެއްވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މިއަދު ޖަލްސާގައި ވެސް ނަގަން ޖެހޭނީ އިލެކްޓްރޯނިކް ވޯޓެއް ކަމަށެވެ. އެ ނޫން ގޮތަކަށް ވޯޓު ނެގުން ގާނޫނާ ހިލާފު ކަމަށް ވިދާޅުވި އެވެ.

ނިހާންގެ ހުށަހެޅުއްވާ ދެކޮޅު ހައްދަވައި މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖޭލީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ މަޖިލީހުގައި އާއްމުކޮށް މިހާރު ވޯޓު ނަގާ ގޮތާ ހިލާފަށް، މެމްބަރުންނާ ސުވާލުކޮށްގެން ވޯޓަށް އަހަން ޖެހޭނީ ވޯޓުލާ ނިޒާމުގައި އެއްވެސް މައްސަލައެއް އުޅޭ ނަމަ ކަމަށެވެ. އެފަދަ އެއްވެސް މައްސަލައެއް ވޯޓުލާ ނިޒާމަށް ދިމާވެފައިވޭތޯ ބައްލަވައި ދެއްވަން ގާސިމް ވަނީ އެދިވަޑައިގެންފަ އެވެ.

"ރޯލް ކޯލް ވޯޓަކަށް ދާން ޖެހޭނީ މިހާރު ވޯޓުލާ ނިޒާމުގައި މައްސަލައެއް އުޅޭ ނަމަ،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ގާނޫނުގެ 164 ވަނަ މާއްދާގެ ނ ގައި ކަނޑައަޅައި ފާޅުގައި އެނގެން އޮތް މައްސަލައެއް ދިމާވެއްޖެ ހާލުގައި މެނުވީ، އިލެކްޓްރޯނިކް ވޯޓަކާ މެދު އިތުރު ސުވާލެއް ނުކުރެވޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

މަސީހް ވަކިކުރަން ވޯޓު ނެގުން އޮންނާނީ 1:30 ގަ އެވެ.

މިއީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް މިހާތަނަށް މަޖިލިހުގެ ތެރެއިން ކުރިމަތިވި އެންމެ ބޮޑު ޗެލެންޖެވެ. ސަރުކާރު ކޯލިޝަނުން ބުނާ ގޮތުގައި އިދިކޮޅު ފަރާތްތަކުގެ އިސްނެގުން ވަރަށް ފަސޭހައިން ނާކާމިޔާބުކޮށްލާނެ އެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ބުނަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ގޮނޑިން މަސީހު ބޭރުކުރެވޭ ވަރަށް ވޯޓު ހަމަވެފައިވާ ކަމަށެވެ. އިދިކޮޅު މީހުންނަށް މި ވޯޓް ކާމިޔާބުކުރެވެން އޮތީ ސަރުކާރު ކޯލިޝަނުގެ ބައެއް މެމްބަރުންގެ ވޯޓު ލިބިގެންނެވެ.