ވިލާ ކޮލެޖުގެ "ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑް" ދީފި
ވިލާ ކޮލެޖުގެ "ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑް" ދީފި

ވިލާ ކޮލެޖުން ހިންގި އެކި ކޯސްތަކުން މަތީ ވަނަތައް ހާސިލްކުރި ދަރިވަރުންގެ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ބާއްވާ "ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑް" މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބާއްވައިފި އެވެ.

ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުގެ ހޯލުގައި ބޭއްވި އެ ހަފްލާގައި، އެކި ދާއިރާތަކުން މަތީ ވަނަ ހޯދި ދަރިވަރުންނަށް ވަނީ އެވޯޑު ހަވާލުކޮށްފައެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ވިލާ ކޮލެޖަކީ މަތީ ތަޢުލީމުގެ ދާއިރާގައި ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއް މުއައްސަސާ ކަމަށް ވިދާޅުވެފަ އެވެ. އަދި ވިލާ ކޮލެޖް ވެގެން ގޮސްފައިވަނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ޔުނިވާސިޓީތަކަށް ގޮސްގެން ހާސިލްކުރާ ފެންވަރުގެ މަތީ ތައުލީމު، ރާއްޖޭގައި ތިބެގެން ދިވެހި ދަރިވަރުންނަށް ހޯދޭނެ އިލްމީ ޖަވާހިރަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ދަރިވަރުންނަށް އެކި ރޮނގުން ތިން އެވޯޑެއް ދިނެވެ. އެއީ ގާސިމް އިބްރާހީމް އެވޯޑް ފޯ އެކްސަލަންސް އެވޯޑާއި އޭސީސީއޭ ޕްރައިޒް އާއި ވިލާ ކޮލެޖް ގޯލްޑް މެޑަލް އަދި އިންޑަސްޓްރީ ޕްރައިޒެވެ.

އެ ކޮލެޖުން ދޭ ގާސިމް އިބްރާހިމް ފޯ އެކްސެލެންސް އެވޯޑަކީ ވިލާ ކޮލެޖުން ދަސްވެނިވާ ދަރިވަރުންގެ ތެރެއިން، އެ ދަރިވަރަކު ކިޔެވި ޕްރޮގްރާމުން އެންމެ މަތިން އެވްރެޖް މާކްސް ހޯދާ ދަރިވަރެއްގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މި އެވޯޑު ލިބޭނީ، ދަސްވެނިވާ ކްލާހުގެ ތެރެއިން، 'ފަސްޓް ކްލާސް' ނުވަތަ 'ޑިސްޓިންކްޝަން' ހާސިލްކޮށް، އެ ދަރިވަރަކު ކިޔެވި ޕްރޮގްރާމުން އެންމެ މަތީ 'ކިއުމިލޭޓިވް ގްރޭޑް ޕޮއިންޓް އެވްރެޖް' (ސީޖީޕީއޭ) ނުވަތަ އެންމެ މަތީ އެވްރެޖް މާކްސް ހޯދައި، އަދި ކޮލެޖުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވެގެންނެވެ. މި އެވޯޑު މިއަހަރު 36 ދަރިވަރަކަށް ލިބުނެވެ.

އެ ކޮލެޖުން ދޭ އޭސީސީއޭ ޕްރައިޒަކީ އެސޯސިއޭޝަން އޮފް ޗާޓަޑް ސެޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ)ގެ އިމްތިހާނުތަކުން ރާއްޖެއިން އެންމެ މަތީ މާކްސް ހޯދާ ދަރިވަރުންނަށް، އެ ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. މި އެވޯޑު ލިބެނީ، ފުރަތަމަ ފަހަރަށް އިމްތިހާނު ހަދައިގެން އެންމެ މަތީ މާކްސް ހޯދާ ދަރިވަރުންނަށެވެ. މި އެވޯޑު މިއަހަރު ތިން ދަރިވަރަކަށް ލިބުނެވެ.

ވިލާ ކޮލެޖުންދޭ ވިލާ ކޮލެޖް ގޯލްޑް މެޑަލް އަދި އިންޑަސްޓްރީ ޕްރައިޒް އެވޯޑަކީ ކޮންމެ ޕްރޮގްރާމެއްގެ ކޮންމެ ބެޗަކުން، އެންމެ މޮޅު ދަރިވަރަކަށް ދޭ މެޑެއްޔެކެވެ. އެ މެޑަލް ދެނީ އެ ދަރިވަރެއްގެ ބެޗުން 'ފަސްޓް ކްލާސް' ނުވަތަ 'ޑިސްޓިންކްޝަން' ހާސިލްކޮށް، އެ ޕްރޮގްރާމުން އެންމެ މަތީ 'ކިއުމިލޭޓިވް ގްރޭޑް ޕޮއިންޓް އެވްރެޖް' (ސީޖީޕީއޭ) ނުވަތަ އެންމެ މަތީ އެވްރެޖް ހޯދައި، އަދި ކޮލެޖުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވެގެންނެވެ. މި އެވޯޑު 2019 ވަނަ އަހަރުން ފެށިގެން ދެމުންދަނީ ކޮންމެ ދާއިރާއެއްގެ 'އިންޑަސްޓްރީ ލީޑަރުންނާ' ގުޅިގެންނެވެ. މި އެވޯޑު މިއަހަރު 54 ދަރިވަރުންނަށް ލިބުނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިލާ ކޮލެޖުގެ ރެކްޓަރ، ޑރ. އަހުމަދު އަންވަރު ވަނީ އެވޯޑު ހާސިލްކުރި ދަރިވަރުން ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައި ވެސް އިސް ދައުރެއް އަދާކުރުމަށް ހިތްވަރު ދެއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި އެ ކޮލެޖުގެ ވައިސް ރެކްޓަރ، ޑރ. އަލީ ނަޖީބު ވިދާޅުވީ އެ ކޮލެޖުގެ 36 ޕްރޮގްރާމަކުން ކޮލެޖް މެޑަލް ހާސިލްކުރާ ދަރިވަރުންނަށް ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރި ކުންފުނިތަކާއި ޖަމާއަތްތަކާއި ޕްރޮފެޝަނަލް ބޮޑީތަކާއި ފައުންޑޭޝަންތަކުގެ ތެރެއިން 26 ފަރާތަކުން އިންޑަސްޓްރީ ޕްރައިޒް ހުށަހަޅާފައިވާ ކަމަށެވެ.

މި ހަފްލާގައި އިންޑަސްޓްރީ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވީ ވިލާ ފައުންޑޭޝަނާއި ހައިރައިޒް އާއި ޔުނިވާސަލް ފައުންޑޭޝަނާއި މައުމޫނު ފައުންޑޭޝަނާއި އަމާނާ ތަކާފުލް އާއި އީވް ކްލިނިކާއި ރެއިންބޯ އެންޓަޕްރައިޒަސް އާއި މައިޒާން އިލެކްޓްރޯނިކްސްގެ އިތުރުން ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީ އާއި ދިރާގާއި އުރީދޫ އާއި އެސްއެންޑްއޭ ލޯޔާސް އެލްއެލްޕީ އާއި އެސްއެޗްސީ ލޯ އެންޑް ޓެކްސް އެލްއެލްޕީ އާއި އެޑްވޮގާޑޯ ލޯ ފާމް އެލްއެލްޕީ އާއި ސޮނީ ހާޑްވެއާ އާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި ވިލާ ހަކަތަ އާއި ކްރޯ މޯލްޑިވްސް އެލްއެލްޕީ އާއި އެމްއޭސީއެލް އާއި ބީއެމްއެލް އާއި މޯލްޑިވިއަން އާއި އެސްޓީއޯ އާއި ސަންލޭންޑް ހޮޓެލްސާއި އެމްއޭއެޗްއާރުޕީ އަދި ދަ ހޯކްސް ކުންފުނިން އެވެ.

"ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑް ނައިޓް" އަކީ 2021 ވަނަ އަހަރުން ފެށިގެން ވިލާ ކޮލެޖާ ގާތް ގުޅުމެއް ބާއްވަމުންދާ ކުންފުނިތަކާ ގުޅިގެން ބާއްވަމުންދާ ހަފްލާއެކެވެ.