މަޑިފުއްޓަށް ދެ ފަޅު ރަށެއް: ރައީސް އެދިވަޑައިގަތީ ފައިދާވާ ކަމެއް ކުރަން ފެށުމަށް
މަޑިފުއްޓަށް ދެ ފަޅު ރަށެއް: ރައީސް އެދިވަޑައިގަތީ ފައިދާވާ ކަމެއް ކުރަން ފެށުމަށް

ތ. މަޑިފުށީ އިހްތިސާސްގައި ދާދިފަހުން ހިމެނި އެ އަތޮޅުގެ ދެ ފަޅުރަށް ކަމަށްވާ އުފުރިޔާ އާއި ކޮޅުފުށީގައި ރައްޔިތުންނަށް ފައިދާވާ އިގްތިސާދީ މަސައްކަތެއް ކުރަން ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.

މަޑިފުށީގެ އިހްތިސާސްގައި އެ ދެ ރަށް ރައީސް ހިމަނައިދެއްވީ މިދިޔަ އާދިއްތަ ދުވަހު އެވެ. ރައީސް މިއަދު ތ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު އެރަށަށް ވަޑައިގެން، އެ ދެ ރަށް ރަސްމީކޮށް މަޑިފުށީ ކައުންސިލާ ވަނީ ހަވާލުކުރައްވައިފަ އެވެ. އެ ދެ ރަށް ހަވާލުކޮށްދެއްވީ ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފެވެ.

އެރަށު ރައްޔިތުންނާ ރައީސް ބައްދަލު ކުރައްވައި، ވިދާޅުވީ އެކި ރަށްރަށަށް ވަޑައިގެން ވައުދުތައް ވަނީ އެއީ ކޮށްދެވޭނެ ކަންކަން ކަން ސަރުކާރަށް ޔަގީންވާތީ ކަމަށެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންއިރު ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ވަރަށް ދަށް ހާލެއްގައިކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ މިހާރު އެ ދަތިކަމުން އަރައިގަނެވިފައިވާ ކަމަށެވެ. އަދި ބޭރުގެ އެއްވެސް ދަރަންޏެއް ޑިފޯލްޓް ނުވެ، ރާއްޖޭގެ ރަށްރަށުގައި ފަށާގައިވާ ބައެއް މަޝްރޫއުތައް ނިންމައި އަދި އަނެއް ބައި މަޝްރޫއުތައް އަލުން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މަޑިފުށީ ކައުންސިލާ މިއަދު ހަވާލުކުރި ދެ ރަށުގައި ރައްޔިތުންނަށް ފައިދާވާނެ މަސައްކަތެއް ވީހާ ވެސް އަވަހަށް ފެށުމަށް ރައީސް އެދިވަޑައިގަތެވެ.

"ރަށުން އެ ދެ ރަށް އިހްތިސާސްގައި ހިމަނަން ބޭނުންވެ، ކައުންސިލްގެ ރައީސާ މި ހަވާލުކުރި ލިޔުމަކީ ހަމައެކަނި ލިޔުމެއް ނޫން. އެއަށްވުރެ މާ ބޮޑަށް ވިސްނަވާފައި، ވަރަށް ބޮޑަށް ދުރަށް ވިސްނަވާފައި އިގްތިސާދީ ގޮތުން ކަންތައްތަކެއް ކުރުން،" ރައީސް ވިދާޅުވި އެވެ.

އެ ރަށު ރައްޔިތުން އެ ދެ ރަށް ބޭނުން ކުރާނީ ވެސް އިގްތިސާދީ މަސައްކަތް ކުރުމަށްކަން އެނގިވަޑައިގަންނަވާކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ އެމަނިކުފާނުވެ ވަޑައިގެންފައިވާ ވައުދުފުޅު ފުއްދަވައިދެއްވާފައިވާ ކަމަށެވެ.

ރައީސް ވަނީ މަޑިފުށީ ރައްޔިތުންގެ އުފާ ފާގަތިކަމާއި ރައްޔިތުންގެ މުސްތަގުބަލަށް ފައިދާވާނެ ޕްލޭނެއް އެކުލަވާލައި، އެ ދެ ރަށުގައި މަސައްކަތް ފެށުމަށް ކައުންސިލަށް އިލްތިމާސް ކުރައްވައިފަ އެވެ. އަދި އެ ދެ ރަށުގައި ކުރާ އެފަދަ މަސައްކަތްތަކަަށް ސަރުކާރު ތެރެއިން ދޭން ޖެހޭ ހުރިހާ ހުއްދައެއް ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.