23 ސެޕްޓެމްބަރ 2025 - 18:51

މިއަހަރުގެ ފުރަތަމަ ހަ މަހު ލިބުނު އާމްދަނީގެ ތެރެއިން 774 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ޓެކްސްގެ ގޮތުގައި ބަލައިގަނެފައިވާކަމަށް، ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ބުނެފި އެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އެއީ ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީގެ 70 ޕަސެންޓެވެ. އެ މުއްދަތުގައި ދިވެހި ރުފިޔާއިން ލިބިފައިވަނީ ފަސް ބިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު ޓެކްސްގެ ގޮތުގައި ދައުލަތަށް ބަލައިގަނެފައިވަނީ 562 މިލިއަން ޑޮލަރު (8.6 ބިލިއަން ރުފިޔާ) އެވެ. އެހެންވެ، މިއަހަރު ޑޮލަރުން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރަށް ވުރެ 38 ޕަސެންޓް އިތުރުވެފަ އެވެ.
ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ، ޓީޖީއެސްޓީއަށެވެ. ހަ މަސް ތެރޭގައި ޓީޖީއެސްޓީއަށް 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ލިބިފައިވެ އެވެ. އަދި ދެވަނަ އަށް އެންމެ ބޮޑު އަދަދެއް ޑޮލަރުން ލިބިފައިވަނީ،ގްރީން ޓެކްސްގެ ގޮތުގައި އެވެ.. ގްރީން ޓެކްސްގެ ގޮތުގައި 73 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) ލިބިފައިވެ އެވެ.
ރިސޯޓު ކުލީގެ ގޮތުގައި 64 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) މީރާއަށް ބަލައިގެންފައިވެ އެވެ.
މިއަހަރު ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖެނުއަރީ މަހު އެވެ. އެ މަހު ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީ އުޅެނީ 177 މިލިއަން ޑޮލަރު (2.7 ބިލިއަން ރުފިޔާ) ގަ އެވެ.
ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީއަށް އެހާ ބޮޑަށް އިތުރުވެފައިވަނީ އެއާޕޯޓް ޑިވަލޮޕްމެންޓް ފީ އާއި ގްރީން ޓެކުހުންނެވެ.