23 ސެޕްޓެމްބަރ 2025 - 15:27

ރާއްޖޭން ބޭރުން އައި އިރު އަނގައިގެ ތެރޭގައި މަސްތުވާތަކެތި ގެނައި މީހަކު ހައްޔަރުކޮށްފި އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިބްރާހީމް ދީދީ، ފުވައްމުލަކު މިސްކިތްމަގު، އަލިވާގެ އެވެ.
އުމުރުން 35 އަހަރުގެ މި މީހާ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް ފަސް ދުވަސް ދީފަ އެވެ. އަމުރުގައިވާ ގޮތުން ފަސް ދުވަހުގެ މުއްދަތެއް ދިނީ، ތުހުމަތުކުރެވޭ މީހާ ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖައްސައިދޭން އެދިފައި ވާތީ އެވެ.
މި މީހާގެ އަނގައިގެ ތެރެއިން ނެރުނު މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރި ކަމަށް ކޯޓު އަމުރުގައި ބުނެފައި ވިޔަސް އެއީ ކިހާ އެއްޗިއްސެއް ކަމެއް އަދި އެއީ މަސްތުވާތަކެތީގެ ކޮން ބާވަތެއް ކަމެއް ބުނެފައެއް ނުވެ އެވެ.