23 ސެޕްޓެމްބަރ 2025 - 15:17

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ވިޔަފާރިކުރާ މީހުން ހުއްޓުވަން މި ސަރުކާރުން ފަށާފައިވާ އޮޕަރޭޝަންގައި މި ފަހަރު ނަތީޖާ ނެރެ، މިކަމުގައި ދާއިމީ ހައްލެއް ހޯދައިދޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ތ. އަތޮޅަށް ވަޑައިގެން ބުރުނީގައި މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސާއި މިނިސްޓަރުންނާ ސުވާލުކުރަން ރައްޔިތުންނަށް ހުޅުވާލި ފުރުސަތުގައި ޒުވާނަކު ވަނީ އެ ރަށުގައި ފުލުހުން މަދުވުމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އާބާދީގައި ގާތްގަނޑަކަށް 400 މީހުން ދިރިއުޅޭ ބުރުނީގައި ވެސް މަސްތުވާތަކެތީގެ މައްސަލަ އޮތް ކަން ފާހަގަކޮށް އޭނާ އެދުނީ، އެ ރަށުގެ އަމާންކަމަށް ބުރުނީގައި ޕޮލިސް ސްޓޭޝަނެއް އަޅައި އެ ތަނުގައި ތިބޭނެ ފުލުހުންގެ އަދަދު އިތުރު ކޮށްދިނުމަށެވެ.
އެ ޒުވާނާ އަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ އެ ރަށުގައި ރަނގަޅު ފެންވަރުގެ ފުލުހުންގެ މަރުކަޒެއް އެޅުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ހާއްސަ އޮޕަރޭޝަނެއް މިހާރު ވެސް ކުރިއަށް އެބަގެންދެ އެވެ. މިފަދަ އޮޕަރޭޝަންތަކުގައި ކުރިން މަސްތުވާތަކެތި ބޭނުންކުރާ މީހުން ހިފައި ހައްޔަރުކުރި ނަމަވެސް އެ އަށް ވުރެ ބޮޑަށް މި ސަރުކާރުގެ އަމާޒަކީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން ހުއްޓުވުން ކަމަށް ވިދާޅުވި އެވެ.
އެހެންވެ، އިހުސާން ވިދާޅުވި ގޮތުގައި، އެ އޮޕަރޭޝަންގައި ފުލުހުން ދާނީ މަސްތުވާތަކެތި އެތެރެކޮށް، ވިއްކާ މީހުންގެ ފަހަތުންނެވެ.
"މި ރަށް ވެސް އަދި މި ވަބާއިން މިރާއްޖެ ސަލާމަތް ކުރުމަކީ ރައީސްގެ ވަރަށް ބޮޑު ވައުދުފުޅެއް. މިހާރު ފުލުހުންގެ ފަރާތުން ހާއްސަ އޮޕަރޭޝަނެއް ހިންގަމުން އެބަދޭ ޑްރަގްގެ މައްސަލާގައި ބައިވެރިވެގެން މި އުޅޭ ހުރިހާ އެންމެންނާ ދެކޮޅަށް. މީގެ ނަތީޖާ މި އަހަރު ނިމުމުގެ ކުރިން ފެނިވަޑައިގަންނަވާނެ،" އިހުސާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރާއްޖޭގައި ކުރީގެ މި ސިޔާސަތު އޮތީ ޑްރަގް ބޭނުންކުރާ މީހުން ހައްޔަރު ކުރުމަށް. އޭގެ ބަދަލުގައި މިހާރު މި ދަނީ ޑްރަގް ވިއްކައިގެން، ވިޔަފާރި ކުރާ މީހުން ފަހަތުން. އެކަމަށް އަޅުގަނޑުމެން މިފަހަރު ދާއިމީ ހައްލެއް ހޯދައިދޭނަން."
މިނިސްޓަރު މިހެން ވިދާޅުވިިއިރު، ރާއްޖެއަށް މިފަހުން އެއް ފަހަރާ އެންމެ ގިނަ އަދަދަކަށް ޑްރަގް އެތެެރެކުރި މައްސަލައިގައި އެންމެ އިސްކޮށް ތިބި މީހުންނަށް ބައި ގަރުނުގެ ޖަލުހުކުމެއް އިއްވުމާ އެކު 10 މިލިޔަން ރުފިޔާއިން ޖޫރިމަނާ ކުރީ މިދިޔަ ހޮނިހުރު ދުވަހު އެވެ.
ކަންނެލި ދޯންޏެއްގައި 2020 ވަނަ އަހަރު 127 ކިލޯއަށް ވުރެ ގިނަ ޑްރަގް އެތެރެކުރި މައްސަލައިގެ އިސް ދެ މީހުންނަކީ ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބް އިބްރާހިމާއި ހއ. ހޯރަފުށީ، ވައިލެޓްވިލާ، އަހުމަދު މޫސާ އެވެ.
މި މީހުންނާ އެކު މިކަމުގައި ބައިވެރިވި ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރާއި ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިން އަދި ބަންގްލަދޭޝް ދެ މީހުން ކަމަށްވާ އިގުބާލާއި މުހައްމަދު ރިޔާދުގެ މައްޗަށް ވެސް ކުށް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ހުކުމަކާ އެކު ބޮޑު އަދަދަކުން ވަނީ ޖޫރިމަނާކޮށްފަ އެވެ.
މިއީ މަސްތުވާތަކެތީގެ ގާނޫނުގައި އޮންނަ އެންމެ ބޮޑު ޖޫރިމަނާ ކަނޑައެޅި ފަހަރެވެ.