23 ސެޕްޓެމްބަރ 2025 - 13:55

އދ. ގެ މި އަހަރުގެ އާންމު ޖަލްސާގެ ހަވާސާގެ ބައްދަލުވުންތަކެއްގައި ރާއްޖެ ތަމްސީލުވާ ގޮތަށް ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އދ. ގެ މައި މަރުކަޒަށް ވަދެވަޑައިގަތުމަށް ފާސް ދޫކުރަން ފޮރިން މިނިސްޓްރީން ދެކޮޅު ހެދި ކަމަށް އެ މަނިކުފާނުގެ އޮފީހުން ބުނާ ޥާހަކަތައް ފޮރިން މިނިސްޓްރީން މިއަދު ދޮގުކޮށްފި އެވެ.
ނަޝީދުގެ އޮފީހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ، ދިވެހި ސަރުކާރު ނުރުހުނަސް އެ މަނިކުފާނު ރަސްމީ ހައިސިއްޔަތުން އދ. ގެ މައި މަރުކަޒަށް ވަދެވަޑައިގަތުމަށާއި އެ ޖަމާއަތުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ހުރަހެެއް ނެތް ކަމަށެވެ. އަދި ފާހާއި ޕްރޮޓޮކޯލްގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށާއި ބައެއް ބައްދަލުވުންތަކުގައި ވެސް ބައިވެރިވެވަޑައިގަތް ކަމަށް ބަޔާނުގައި ވެ އެވެ.
އެ ބައްދަލުވުމުގެ ފާސް ހޯދުމުގެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ސަރުކާރުން އިންކާރުކުރި ކަމަށް ދެއްކެވޭ ވާހަކައާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އދ. ގެ މައި މަރުކަޒަށް ވަދެވަޑައިގަތުމަށް ނަޝީދަށް ބޭނުންފުޅުވާ ފާސް ހޯދުމަށް އެ މަނިކުފާނުގެ އޮފީހުން އެ މިނިސްޓްރީގައި ރަސްމީކޮށް އެދިފައި ނުވާ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގެ ރައީސް ކަމުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅަކަށް ވުމުން ކުރީގެ ރައީސުންނަށް އަރުވަން ޖެހޭ ފުރިހަމަ އިއްޒަތް ނަޝީދަށް ވެސް އަރުވަމުން ގެންދާ ކަމަށެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން، ބޭރުގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ހަމަޖައްސަން ޖެހޭ އިންތިޒާމުތައް އެ މިނިސްޓްރީ އާއި އެ ގައުމުތަކުގެ ރަސްމީ އިދާރާތަކާ ގުޅިގެން މިހާތަނަށް ވެސް ހަމަޖައްސާފައިވެ އެވެ. އަދި ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ހަމަޖައްސަންޖެހޭ ހުރިހާ އިންތިޒާމުތައް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ކުރިމަގުގައި ވސް އެ މިނިސްޓްރީން ހަމަޖައްސާނެ ކަމަށް ބުންޏެެވެ.
ނަޝީދުގެ އޮފީހުުގެ ބަޔާނުގައި ބުނީ ގައުމުގެ ވެރިކަމާއި ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ކުރައްވާފައިވާ ބޭބޭފުޅުން އެ ބޭފުޅަކު ނިސްބަތްވާ ގައުމެއްގެ ފަރާތުން އަދި އެ ހައިސިއްޔަތުގައި ބައިނަލްއަގްވާމީ ރަސްމީ ޖަލްސާތަކާއި ހަފުލާތަކުގައި ބައިވެރިވެވަޑައިގަތުމަކީ ބައިނަލްއަގްވާމީ ދަނޑުގެ އާދައެއް ކަމަށެވެ.
"ނަމަވެސް ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ކަމާއި ކުރީގެ ރައްޔިތުންގެ މަޖިލިސް ރައީސްކަމާއި ކުރީގެ ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޮޅި މެދުދާއިރާގެ މެމްބަރުކަމާއި ކުރީގެ ރައްޔިތުންގެ މަޖިލިހުގެ މާލޭގެ މެމްބަރުކަމާއި ކުރީގެ ގަލޮޅު އަވަށު ހިންގާ ސެކްރެޓަރީކަމުގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ދިދަ އާއި ނިޝާން ޖެހި ފާހުގައި ދިވެހިރާއްޖެ ތަމްސީލު ވާނެ މަގުން އެކި ރަސްމީ ޖަލްސާތަކާއި ހަފުލާތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު އަބަދުވެސް އެދިވަޑައިގަންނަވަ އެވެ،" ނަޝީދުގެ އޮފީހުގެ ބަޔާނުގައިވެ އެވެ.