23 ސެޕްޓެމްބަރ 2025 - 14:53

އަންނަ މަހުގެ 24 ވަނަ ދުވަހު ބާއްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 16 ވަނަ އެޑިޝަނުގައި 4،500 ދުވުންތެރިން ރަޖިސްޓްރީކޮށްފައިވާ ކަމަށް ދިރާގުން ބުނެފި އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން، ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ކޮންމެ އަހަރަކު ވެސް ހޫނު ތަރުހީބެއް ލިބޭ ދުވުމެކެވެ. މި ދުވުމަކީ ވޯލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާ އެކު، އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓު ކޮށްގެން ރާއްޖޭގައި ބާއްވާ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ. ކޮންމެ އަހަރަކު ވެސް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޝިއާރުތައް އުފުލާ މި ދުވުމުގައި މިއަހަރު ވެސް މި ޝިއާރުތައް އުފުލާނެ އެވެ.

މި ދުވުމުގައި މި އަހަރު ވެސް 13 ޖަމިއްޔާއަކުން ބައިވެރިވެ އެވެ. އަދި މި ތަނުން އެންމެ ގިނަ ނޮމިނޭޝަން ލިބޭ ފަސް ޖަމިއްޔާއަކަށް ދެ ލައްކަ ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އޭގެ އިތުރުން ކޮންމެ ރެޖިސްޓްރޭޝަނަކުން 100ރ. އާއި ސްޕެޝަލް ބިބްތަކުގެ ފައިސާ ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރެޖިސްޓްރީ ވާއިރު، ދުވުންތެރިން ބޭނުން އެންޖީއޯ ނޮމިނޭޓުކުރުމުގެ ފުރުސަތު ދިރާގުން ވަނީ ދީފަ އެވެ. މި ރޭހުގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ ފަސް އެންޖީއޯއަށް ދެ ލައްކަ ރުފިޔާގެ ފައިސާގެ އެހީ ލިބޭނެ އެވެ.
ޖުމްލަ 280،000ރ. ޕްރައިޒް ޕޫލަކާއި އެކު ބާއްވާ މި ރޭހުގެ ކޮންމެ ކެޓަގަރީއަކުން އެންމެ މޮޅު އަންހެން އަދި ފިރިހެން ދުވުންތެރިން ހޮވާނެ އެވެ. މި ދުވުމުގެ ހާފް މެރަތަންގެ އެއް ވަނަ އަށް ހުށަހަޅާފައި ވަނީ 25،000ރ. އެވެ. ދެ ވަނަ އަށް 15،000ރ. ހުށަހަޅަފައި ވާއިރު 3 ވަނަ އަށް ހުށަހަޅާފައި ވަނީ 10،000ރ. އެވެ. މި ދުވުމުގެ 10ކޭ އަދި 5ކޭ އޯޕަން ކެޓަގަރީގެ އެއް ވަނަ އަށް ހުށަހަޅާފައިވަނީ 10،000ރ. އެވެ. ދެ ވަނަ އަށް ހުށަހަޅާފައި ވަނީ 8،000ރ. އެވެ. ތިން ވަނަ އަށް ހުށަހަޅާފައި ވަނީ 6000ރ. އެވެ.
މި ދުވުމުގެ ސްކޫލްތަކުގެ 13 އަހަރުން ދަށުގެ ކެޓަގަރީ އާއި 13 އަހަރުން މަތީގެ ކެޓަގަރީގެ އެއް ވަނަ އަށް ހުށަހަޅަފައި ވަނީ 5،000ރ. ވައުޗަރެވެ. މި ކެޓަގަރީތަކުގެ ދެ ވަނަ އަށް 3000ރ. ވައުޗަރެއް ހުށަހަޅާފައި ވާއިރު ތިން ވަނަ އަށް ހުށަހަޅާފައި ވަނީ 1،000ރ. ވައުޗަރެކެވެ. އަދި ރިސޯޓު/އޮފީސް ޓީމުތަކުގެ ޗެމްޕިއަން ޓީމަކަށް 10،000ރ. ހުށަހަޅާފައި ވާއިރު ރަނާއަޕްއަށް ހުށަހަޅާފައި ވަނީ 8،000ރ. އެވެ. އަދި ސެކަންޑް ރަނާއަޕްއަކަށް 6،000ރ. ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ ކޯޗިން ޕާޓްނަރުންނަކީ އައިލެންޑް ރަނާސް މޯލްޑިވްސް، އެލީޓް ރަނާސް، ނަސީރް ސްޕޯޓްސް އެކަޑަމީ، ސާއިދް ސްޕޯޓްސް އަދި ލެގަސީ ފިޓްނަސް އެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ ހާފް މެރަތަންގެ ދުވުން މި އަހަރު ބާއްވަން ހަމަޖެހިފައި ވަނީ ދަންވަރު 2:30ގަ އެވެ. މި ރޭހުގެ 10ކޭ ދުވުން އޮންނާނީ ފަތިހު 5:30ގަ އެވެ. އަދި 5ކޭ ދުވުން އޮންނާނީ ހަވީރު 4:30ގަ އެވެ.
ދިރާގު ރޯޑް ރޭސް އޮންނާނީ ހުޅުމާލޭގަ އެވެ.