25 ސެޕްޓެމްބަރ 2025 - 08:49

ގަވާއިދާ ހިލާފުވެގެން ސައިކަލް ޓޯކޮށްފައިވާ ކަމަށް ޓްރެފިކް ފުލުހުން ގުޅާފައި ބުނިއިރު، ޕީއެސްއެމްގެ ކުރީގެ އެމްޑީ ޒީނާ ޒާހިރު އިނީ އޭނާގެ ސައިކަލް މަތީގަ އެވެ. ސައިކަލް ދުއްވާތާ ހަ އަހަރު ވި އިރު ދުވަހަކު ވެސް އޭނާގެ ސައިކަލް ޓޯކުރަން ޖެހޭ ފަދަ ކަމެއް ދިމައެއް ނުވެ އެވެ. އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ އޭނާ ސައިކަލްގައި އިންދައި ފުލުހުން އެގޮތަށް ބުނުމުންނެވެ.

މައްސަލަ ފުލުހުން ބެލިއިރު ވީ ގޮތަކީ، ޒީނާގެ ސައިކަލް ނަމްބަރު ޖަހައިގެން އެހެން ސައިކަލެއް ދުއްވަނިކޮށް އަތުލައިގަނެވުނީ އެވެ.

މިއީ، މި ފަހަކަށް އައިސް މާލޭގައި އާންމުކަމަކަށް ވެއްޖެ މައްސަލައެކެވެ.

ޒީނާ ފޭސްބުކްގައި އާންމުކުރެއްވި ޕޯސްޓުގައިވާ ގޮތުން، އޭނާގެ ނަންބަރުގައި ވަގަށް ދުއްވި ސައިކަލަކީ ވެސް އޭނާ ދުއްވާ ބްރޭންޑުގެ ހަމަ އެ ކުލައިގެ ސައިކަލެކެވެ.
ޒީނާ ވިދާޅުވީ ފޭކް ނަންބަރު ބޯޑުޖަހައިގެން ދުއްވީ ވަގަށް ނެގުމަށް ފަހު، ބޭރު މީހަކަށް ވިއްކާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށެވެ.
"އަޅުގަނޑުގެ ނަމުގައި ދުއްވަނީ ކިތައް ސައިކަލުތޯ ބަލާލަން ބޭނުމެވެ،" އޭނާގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.
ކާރުތަކުގައި ފޭކް ނަންބަރު ބޯޑު ޖަހައިގެން ބޭނުންކުރާ މައްސަލަ އަބަދުވެސް އޮވެ އެވެ. އެކަމަކު ސައިކަލަކީ ފަސޭހައިން ރަޖިސްޓަރީ ކުރެވޭ އެއްޗަކަށް ވާތީ ސައިކަލުގައި މި މައްސަލަ އެހާ އާންމެއް ނޫނެވެ.
ފުލުހުންގެ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުގެ ހެޑް، ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް އިބްރާހިމް އިމްރާން "މިހާރު" އަށް ވިދާޅުވީ ސައިކަލާއި ކާރުގައި ވެސް ފޭކް ބޯޑު ޖަހައިގެން އުޅޭ މައްސަލަތައް ދޭތެރެއަކުން ފެންމަތިވާ ކަމަށެވެ.
އިމްރާން ވިދާޅުވީ ގިނައިން ފޭކު ބޯޑު ޖަހައިގެން ދުއްވަނީ ވަގަށް ނަގާ ސައިކަލްތަކުގައި ކަމަށެވެ.
ސައިކަލަށް ވުރެ އެ މައްސަލަ ބޮޑީ ކާރުތަކުގައި ކަމަށް ވާއިރު، އެއް ކާރުގެ ނަމްބަރު އެހެން ކާރެއްގައި ޖަހައިގެން ދުއްވާ ތަން ފެނިގެން ފުލުހުންނަށް މައްސަލަ ހުށަހަޅާފައި އެބަހުއްޓެވެ.
"އެއް ކާރުގައި އޮންނަ ނަމްބަރެއް އަނެއް ކާރުގައި އޮންނަ މައްސަލަ އެބަ ދިމާވޭ. ސައިކަލަށް ވުރެ ކާރުގައި މި މައްސަލަ އެބަ ދިމާވޭ. ސައިކަލުގައި ވެސް ދޭތެރެއަކުން އެބަ ދިމާވޭ މި މައްސަލަ،" އިމްރާން ވިދާޅުވި އެވެ.
ފޭކު ބޯޑުގައި ކާރު ދުއްވުން ގިނައީ ބެލެވޭ ގޮތުގައި ޓްރާންސްޕޯޓުގައި ރަޖިސްޓްރީކުރަން އުނދަގޫތަކެއް ކުރިމަތިވާތީ އެވެ. ގަރާޖެއް އޮވެގެން ނޫން ގޮތަކަށް ކާރު ރަޖިސްޓްރީ ނުކޮށްދެ އެވެ. ބޮޑު އަގުގައި ގަރާޖު ސިޓީ ހޯދަން ޖެހުމާއި އެކަމަށް އުފުލަން ޖެހޭ ތަކުލީފު ބޮޑުކަމުން އެހެން މީހުންގެ ވެހިކަލް ނަމްބަރުގައި "ވަގަށް" ކާރު ދުއްވަ އެވެ.
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގައި އޮންނަ ގޮތުން ކާރު ރަޖިސްޓްރީކުރާއިރު ގަރާޖެއް އޮންނަން ޖެހެ އެވެ. މިކަން ހަމަޖައްސަން ބައެއް މީހުން ލައްކައިން ހަރަދުކޮށްގެން ގަރާޖު ސިޓީ ހޯދަ އެވެ.
މިގޮތަށް ކާރު ދުއްވަނިކޮށް ކޮންމެވެސް ކަމަކާ ހެދި ފުލުހުންގެ އަތުގައިޖެހޭ ފަހަރަކު ނޫނީ މިފަދަ ކަންކަން ފަޅައެއް ނާރަ އެވެ.
އިމްރާން ވިދާޅުވި ގޮތުގައި މީހަކު އެކަން ރިޕޯޓުކޮށްގެން ނުވަތަ ޓޯކުރާ ހިސާބުން ނޫން ގޮތަކަށް ބޯޑުގެ މައްސަލަ ފުލުހަށް އެނގޭކަށް ވެސް ނޯވެ އެވެ. ދެން އެކަން ކުރެވޭނެ ގޮތަކަށް އޮންނަނީ ކޮންމެ ވެހިކަލެއް ހުއްޓުވައި އިންޖީނުގެ ޗެސިސް ނަންބަރު ބަލައިގެންނެވެ.
އިމްރާން ވިދާޅުވީ ފޭކް ބޯޑު ހަދައިގެން އުޅޭ މައްސަލައެއް އާންމުންގެ ތެރެއިން މީހަކަށް ފާހަގަވެއްޖެ ނަމަ، ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. ޝަކުވާ ހުށަހެޅުމުން މިހާތަނަށް އެފަދަ ބައެއް މައްސަލަތައް ބަލައި ފޭކް ބޯޑު ޖަހައިގެން ވެހިކަލް ދުއްވި ފަރާތް ޖޫރިމަނާކޮށް، ވެހިކަލް ޓޯކޮށްފައި ވެސް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަގު ބޯޑު ޖަހައިގެން ދުއްވަންޏާ ހަމަ އެ މައްސަލަތައް އަޅުގަނޑުމެން ތަހުގީގުކުރާނެ."
އިމްރާން ވިދާޅުވި ގޮތުގައި ވެހިކަލުގެ އިންޖީނު ނަމްބަރާއި ޗެސިސް ނަމްބަރުން ސައިކަލުގެ ނަމްބަރާއި އޯނަރުގެ މައުލޫމާތު އެނގޭނެ އެވެ. އެހެންވެ، ވަގު ބޯޑު ޖަހައިގެން ދުއްވާ ހާލަތުގައި ވެސް ވެހިކަލް ދުއްވި ފަރާތާއި އެ ވެހިކަލުގެ އަސްލު އޯނަރު ޖޫރިމަނާކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެފަދަ މައްސަލައެއްގައި މިފަހުން ޒުވާނެއްގެ ކާރު 10 ދުވަހަށް ޓޯކޮށް 10،000ރ. އިން ޖޫރިމަނާކުރި އެވެ.
އެ ޒުވާނާ ބުނި ގޮތުގައި އޭނާ އެ ކާރު ގެނައީ އައްޑޫންނެވެ. އެހެން ޒޯނެއްގެ ވެހިކަލެއް މާލޭގައި ދުއްވަން ޒޯނު ބަދަލުކުރަން ޖެހުނަސް އެކަން ކުރުމުގެ މަރުހަލާ ދިގުވެގެން "ފަސޭހަ"ކޮށްލުމަށް އޭނާގެ އެކުވެރިއެއްގެ ކާރުގެ ނަމްބަރު ބޭނުންކުރީ އެވެ.
އެ މައްސަލާގައި އޭނާ ޖޫރިމަނާކުރިޔަސް އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޯޑުގެ ވެރި ފަރާތުން ބޭނުންނުވުމުން ދޫކޮށްލީ އެވެ.
"އައްޑޫގައި ރަޖިސްޓާ ކޮށްފައި އިން ކާރެއް ގެނެސް ޒޯން ބަދަލުނުކުރެވި، ކެތްމަދުވެގެން ދުއްވާލީ. މީހެއްގެ ބޯޑެއް ޖެހީމަ އޭނާ ކައިރި އަހާ އޭނާ މައްސަލަ ޖައްސަން ބޭނުންވޭތޯ. އެކަމަކު އަހަރެން ރައްޓެއްސެއްގެ ބޯޑު ޖެހީމަ އޭނާ މައްސަލައަކަށް ނުހެދީމަ ދެން ޖޫރިމަނާކޮށްފައި ޓޯކުރީ،" އޭނާ ބުންޏެވެ.
ފޭކް ބޯޑު ޖަހައިގެން ވެހިކަލް ދުއްވުމުގެ މައްސަލަ ބޮޑުވެފައިވާ އިރު، އެ ނަމްބަރު ރަޖިސްޓްރީކޮށްދީފައިވާ ފަރާތަކަށް ގިނަފަހަރަށް އެކަން މި އެނގެނީ ގަވާއިދާ ޚިލާފުވެގެން ހުއްޓުވާ ހިސާބުންނެވެ. މިގޮތަށް ވަގު ބޯޑުގައި ދުއްވަނީ ކިތައް ސައިކަލް ކަމެއް އެނގޭނެ ގޮތެއް ނެތެވެ.
މައްސަލާގައި ފިޔަވަޅު އެޅެނީ، ޒީނާއަށް ދިމާވި ގޮތަށް އޭނާގެ ނަމްބަރު ބޯޑު އެހެން މީހަކު ބޭނުންކުރާ ކަން ފަޅާއެރުމުންނެވެ. ފުލުހުން ބުނާ ގޮތުގައި، މަގުމަތިން އެފަދަ ކަމެއް ފާހަގަވެގެން އާއްމުންގެ މީހަކު ރިޕޯޓްކުރި ނަމަވެސް އެ މައްސަލައެއް ބަލައި ފިޔަވަޅު އަޅާނެ އެވެ.