އެލިއާ ބްލަޑް ކޭމްޕް ހޮނިހިރު ދުވަހު ބާއްވަނީ
އެލިއާ ބްލަޑް ކޭމްޕް ހޮނިހިރު ދުވަހު ބާއްވަނީ

އެލިއާއިން މޯލްޑިވިއަން ބްލަޑް ސާވިސްއާ ގުޅިގެން ބާއްވާ ބްލަޑް ޑޮނޭޝަން ކޭމްޕެއް އަންނަ ހޮނިހިރު ދުވަހު އޮންނާނެ ކަމަށް އެލިއާއިން ބުނެފި އެވެ.

އެ ކޭމްޕް އޮންނާނީ ހުޅުމާލޭގައި ހުންނަ އޮރެންޖު ހިޔާގައި މިހާރު ހިންގާ ތެލެސީމިއާ ސެންޓަރުގަ އެވެ. އެ ކޭމްޕު ކުރިއަށް ދާނީ ހޮނިހިރު ދުވަހު ހެނދުނު 9 އިން ހަވީރު 6 އަށެވެ. މި ބްލަޑް ކޭމްޕުގެ މަގުސަދަކީ ލޭ ހަދިޔާކުރުމަކީ ދިވެހިންނަށް އަހުލުވެރި ކަމަކަށް ހެދުމާ އެކަކު އަނެކަކަށް އަޅާލައި، ބޭނުންޖެހޭ ހިނދު ތައްޔާރަށް ތިބޭ މުޖުތަމައުއެއް ބިނާކުރުން ކަމަށް އެލިއާއިން ބުންޏެވެ.

ނޭޝަނަލް ބްލަޑް ސާވިސްއިން ބުނީ ލޭ ހަދިޔާކުރާ ދަރުމަވެރިންގެ އަދަދު މަދުވެފައިވުމުން ލޭ ހޯދުމަށް ބޮޑެތި ދަތިތަކަކާއި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި ފުރަތަމަ ފަހަރަށް ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ އަދަދު މަދުވެފައިވާ ކަމަށް ވެސް ބުންޏެވެ.

ބޭނުންޖެހިފައިވާ ފަރާތަކަށް ލޭ ހަދިޔާކުރުމަކީ މުޖުތަމައުއަށް ކޮށްދެވޭ ހިދުމަތެއްގެ އިތުރުން އިޖުތިމާއީ ޒިންމާތަކުގެ ތެރޭގައި ހިމެނޭ އަމަލެކެވެ. މިއީ ހާލުުގައި ޖެހިފައިވާ ފަރުދަކަށް އަނެކާގެ ދީލަތިކަމާއި އިހްލާސްތެރިކަމުން އެހީތެރިވެ، މުޖުތަމައުގެ ތެރޭގައި އެއްބައިވަންތަކަމާއި އޯގާތެރިކަމުގެ އިހުސާސް އުފެއްދުމުގެ ފުރުސަތު ލިބިގެންދާ ކަމެކެވެ.

ލޭ ހަދިޔާ ކުރުމަކީ ލޭ ހަދިޔާ ކުރާ ފަރާތްތަކަށް ވެސް ސިއްހީ ގިނަ ފައިދާތަކެއް ލިބޭ ކަމެއްގެ ގޮތުގައި އެލިއާ އިން ފާހަގަކުރެ އެވެ. އެގޮތުން ލޭ ހަދިޔާކުރުމަކީ ހަށިގަނޑުގައި ދަގަނޑުގެ މިންވަރު ދުޅަހެޔޮ
މިންގަނޑެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ، ކާޑިއޯވަސްކިއުލާ ބަލިތަކުގެ ނުރައްކާތެރިކަން މަދުކޮށްދޭ، އަދި ލޭގެ އާ ސެލްތައް އުފެއްދުމަށް ހިތްވަރުދޭ މުހިންމު ކަމެކެވެ.

އެލިއާގެ ބްލަޑް ކޭމްޕުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެކުންފުނިން ހިތްވަރު ދެ އެވެ.

ކެންސަރު ފަދަ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނާއި ތެލެސީމިއާ، ސިކްލްސެލް އެނީމިއާ ފަދަ ލޭގެ ބަލިތައް ހުންނަ މީހުންނާއި ހާދިސާތަކާއި ވިހެއުމުގެ ހާލަތްތަކާއި ގުދުރަތީ ކާރިސާތަކުގައި ލޭ ބޭނުންވެ އެވެ. އެކަށީގެންވާ ލޭގެ ރިޒާވެއް ފަސޭހައިން ހުރުމަކީ ސިއްހީ ހިދުމަތްތެރިންނަށް ކުއްލި ހާލަތްތަކުގައި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ފުރުސަތެކެވެ.