ފުލިދޫ އައުޓްޑޯ ވޮލީކޯޓު ހަދަން ޕްރޮކްސީ އަށް
ފުލިދޫ އައުޓްޑޯ ވޮލީކޯޓު ހަދަން ޕްރޮކްސީ އަށް

ވ. ފުލިދޫގައި އައުޓްޑޯ ވޮލީކޯޓެއް ހެދުމުގެ މަސައްކަތް ޕްރޮކްސީ ގްރޫޕާ ހަވާލުކޮށްފި އެވެ.

މި މަސައްކަތް ޕްރޮކްސީއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހުކުރު ދުވަހު ފުލިދު އަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގަ އެވެ. އެ ރަސްމިއްޔާތުގައި އެ ރަށުގެ އައުޓްޑޯ ވޮލީކޯޓު ހެދުމުގެ މަސައްކަތް ޕްރޮކްސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. ޕްރޮކްސީ ގްރޫޕުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝާހިދު އެވެ.

ފުލިދޫގެ އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތަކީ އެ ރަށުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރަމުން ދިޔަ މަސައްކަތެކެވެ. ފުލިދޫގައި މީގެ ކުރިން ވެސް އެ ޕްރޮޖެކްޓު ތަފާތު ކޮންޓްރެކްޓަރުންނާ ހަވާލުކުރި ނަމަވެސް، އެކި ސަބަބުތަކާ ހެދި އެ މަސައްކަތް އެއްވެސް ބަޔަކަށް ނުނިންމުނެވެ.

ފުލިދޫ އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް ޕްރޮކްސީން ނިންމަން ޖެހޭ މުއްދަތަކީ ސޮއިކުރި ދުވަހުން ފެށިގެން 35 ދުވަހެވެ.

މި ފަހަރު މި މަސައްކަތަށް ސްޕޯޓްސް މިނިސްޓްރީން ހުޅުވައިލި ބިޑް ކާމިޔާބުކުރި ޕްރޮކްސީއާ ޕްރޮޖެކްޓު ހަވާލުކުރީ އެެއީ އިތުބާރު ބޮޑު ކުންފުންޏަކަށް ވާތީ ކަމަށް ޕްރޮކްސީން ބުންޏެވެ. އެެއީ އެ ކުންފުނިން މީގެ ކުރިން އެފަދަ ގިނަ ޕްރޮޖެކްޓުތަކެއް ހިންގާފައި ވާތީ ލިބުނު އިތުރުބާރެއް ކަމަށާއި އެފަދަ މަސައްކަތްތައް ހިންގުމުގެ ތަޖުރިބާ ހުރި ކުންފުންޏެއް ކަމަށް ބުންޏެވެ.

ޕްރޮކްސީ އަކީ ހޭންޑްބޯލް، ވޮލީބޯލް އަދި ފުޓްސަލް ދަނޑުތަކުގެ ފްލޯރިން މަސައްކަތް ރާއްޖޭގެ އެކި ރަށްރަށުގައި ކޮށްފައިވާ ކުންފުންޏެކެވެ. އޭގެ އިތުރުން އެފަދަ ބައެއް ޕްރޮޖެކްޓުތަކުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ވެސް އެ ކުންފުނިން ވަނީ ކޮށްފަ އެވެ.

ޕްރޮކްސީގައި ވިއްކާ ޓާފް އާއި އެކި އެސެސަރީތަކަށް އޮންނަ ޑިމާންޑާއި އެއްވަރުގެ ސްޓޮކް އަބަދުވެސް ހުރެ އެވެ.

ޕްރޮކްސީ އަކީ ރާއްޖޭގެ އިންޓީރިއާ އަދި އެކްސްޓީރިއާގެ އެންމެ މަގުބޫލު އެއް ކޮންޓްރެކްޓަރެވެ. ޕްރޮކްސީން ޑިޒައިން ކުރުމާއި ބިލްޑު ކުރުމުގެ އިތުރުން ތަފާތު އިންޓިރިއާ ޕްރޮޑަކްޓުތައް ވެސް ވިއްކަ އެވެ.

ޕްރޮކްސީން ވިއްކާ އެކި ޕްރޮޑަކްޓުތައް ޕްރޮކްސީ ހޯމްއިން ވެސް ބަލައިލެވޭނެ އެވެ.