23 ސެޕްޓެމްބަރ 2025 - 12:26

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ހެކްކޮށް ކްރިޕްޓޯ ކަރަންސީގެ ވިޔަފާރިއާ ގުޅޭ ސައްހަ ނޫން މައުލޫމާތުތަކެއް ބްރޯޑްކާސްޓްކުރުމުން ޔޫޓިއުބުން އެ ޗެނަލް ރިމޫވްކޮށްފި އެވެ.
ރައީސާއި ނައިބު ރައީސް އަދި ފަސްޓްލޭޑީ ބައިވެރިވެވަޑައިގަންނަވާ ހަރަކާތްތައް ބްރޯޑްކާސްޓްކުރާ ޔޫޓިއުބް ޗެނަލް ހެކްކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޭއްވެވި ޖަލްސާއެއް ދައްކަމުން ދަނިކޮށެވެ.
ހެކްކުރުމަށް ފަހު އެ ޗެނަލުން ދެއްކި ކޮންޓެންޓްތަކަކީ ޔޫޓިއުބްގެ ގައިޑްލައިނާ ހިލާފް އެއްޗިއްސަށް ވާތީ ޔޫޓިއުބުން އެ ޗެނަލް ވަނީ ރިމޫވްކޮށްފަ އެވެ.
އެކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ ޔޫޓިއުބް ޗެނަލަށް ވީ ގޮތެއް ސައިބަ ސެކިއުރިޓީގެ ޓީމުން ބަލަމުން އަންނަ ކަމަށެވެ.
"ވީގޮތެއް ސާފުކޮށް ދަންނަވަން އެނގޭނީ އެ ބޭފުޅުންގެ މަސައްކަތް ނިމުނީމާ،" ހަލީލް ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުން ފެށިގެން ހުރިހާ ރައީސުންނާއި ނައިބު ރައީސުންގެ ރަސްމީ އިވެންޓުތަކުގެ ވީޑިއޯތައް ހުންނާނެ އެވެ.
އެ ޗެނަލްގައި ހުރި ކުރީގެ ކޮންޓެންޓުތަކަށް މި މައްސަލައިގެ ސަބަބުން ވީ ގޮތެއް އަދި ނޭނގެ އެވެ.