23 ސެޕްޓެމްބަރ 2025 - 11:44

މަސްތުވާތަކެއްޗާ ދެކޮޅަށް ރާއްޖޭގައި އެންމެ ފުރަތަމަ އަޅަން ފެށި ފިޔަވަޅުތަކުގެ ނަތީޖާ ނިކުތީ ދިމާ އިދިކޮޅަށް ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އިއްޔެ ވިދާޅުވެއްޖެ އެވެ.
ދާދި ފަހުން އަމަލުކުރަން ފެށި ގޭންގް ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް ފަނޑިޔާރުން އަހުލުވެރިކުރުވަން އދ. މާމިގިލީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ހުރިހާ ނުރައްކާތެރި ކުށްތަކުގެ "މަންމަ" އަކީ މަސްތުވާތަކެތި ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވަބާ ފެތުރެން ފެށުމުން އެކަމާ ދެކޮޅަށް ރާއްޖޭގައި އަޅަން ފެށި ފިޔަވަޅުތަކުގެ ނަތީޖާ ނިކުތީ އިދިކޮޅަށް ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
"ނަތީޖާ ލިބުނީ ހަމަ ދިމާ އިދިކޮޅަށް ކަމަށް ގަބޫލުކުރުމަށް މިއަދު އަޅުގަނޑުމެންނަށް މަޖުބޫރުވޭ. މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ރައްކާތެރިކުރުމުގެ ބޭނުމުގައި ކަމަށް ބުނެ، ސްކޫލު ކުދިންނަށް އަމާޒުކުރެވިގެން ހިންގުނު ޕްރޮގްރާމުތަކުގެ ނަތީޖާއަކީ ފަތުއަޑު ކިޔާފައި، ސްކޫލު އުމުރުފުރާގެ ދަރިވަރުންގެ މެދުގައި މަސްތުވާތަކެތި ފެތުރިގެން ދިއުން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
"އެހިސާބުން މަސްތުވާތަކެތީގެ ވިޔަފާރީގެ ހަރަކާތް ފުޅާދާއިރާއެއްގައި ފެށިގެން ދިޔަ."
ދިވެހިން މަސްތުވާތަކެއްޗާ ދުރުކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދުވަސްކޮޅު ބޮޑެތި ކެމްޕެއިންތަކެއް މުޅި ރާއްޖޭގައި ހިންގި އެވެ. ހާއްސަކޮށް "މަސްތުވާތަކެއްޗަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް" ނަމުގައި ސްކޫލްތަކުގައި ގިނަ ހަރަކާތްތަކެއް އޭރު ހިންގި އެވެ. މަސްތުވާތަކެތިން ދިވެހިން ދުރުހެލި ކުރުމަށް ހިންގި އެ ޕްރޮގްރާމްގައި ގިނަ ބަޔަކު ބައިވެރިވި އެވެ.
އުއްތަމަ ފަނޑިޔާރު އިއްޔެ ވިދާޅުވީ މަސްތުވާތަކެތި މުޖުތަމައުގެ ތެރޭގައި ފެތުރެން ފެށުމާ އެކު، އެތައް ކުށްތަކެއް މުޖުތަމައުގެ ތެރޭގައި ފެތުރިގެންދިޔަ ކަމަށެވެ. އަދި މިހާރު އޭގެ އަސަރު ނުކުރާ އެއްވެސް އުމުރެއް އަދި ގިންތިއެއް މުޖުތަމައުގައި މިހާރު ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އޭގެ ސަބަބުން، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް މުޖުތަމައުގެ އިތުބާރު ކުޑަވެފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ކަންކަން ރަނގަޅު ކުރެވޭނީ އެ ހަގީގަތް ގަބޫލު ކޮށްގެން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އަލަށް އަމަލުކުރަން ފެށި ގޭންގް ކުށުގެ ގާނޫނަކީ މުހިންމު ގާނޫނެއްކަން ފާހަގަ ކުރައްވައި، އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެއީ މިހާރު ހުރި މައްސަލަތަކަށް ހައްލު ގެންނަން މުހިންމު ގާނޫނެއް ކަމަށެވެ. އެ ގާނޫނުގެ ދަށުން، ތަންފީޒީ އިދާރާތަކާއި ކޯޓުތަކަށް ހާއްސަ ބާރުތަކެއް ދީފައިވާއިރު، އެ ހާއްސަ ބާރުތަކުން މުއައްސަސާތަކަށް ދީފައިވަނީ މުހިންމު މެސެޖެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެއީ އާންމު އުސޫލުން އަމަލުކޮށްގެން ހައްލު ނުވާނެ ކަން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
"ގާނޫނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި، ގާނޫނު ހަދާ މަޖިލީހުން އެއްވެސް އިދާރާއަކަށް ހާއްސަ މިންގަނޑަކުން ބާރުތަކެއް ދީފި ނަމަ އެއިން ދޭ މެސެޖަކީ، އާންމު އުސޫލުން އަމަލު ކޮށްގެން މިކަމެއް ހައްލުވާކަށް ނެތޭ،" ފަނޑިޔާރުންނާއި އެހެން ބައެއް މުއައްސަސާތަކުން ބައިވެރިވި އެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
"މި ގާނޫނުން ވެސް އަޅުގަނޑުމެނަށް މެސެޖެއް ދީފި. އެ މެސެޖަކީ ގޭންގު ކުށްތަކާއި އެހެނިހެން ނުރައްކާތެރި ކުށްތަކަށް ދިވެހިރާއްޖޭގައި ދެން ފުރުސަތު ދީގެން ތިބެވޭކަށް ނެތޭ، ހެޔޮނުވާނެއޭ މިކަން ހައްލުކޮށްދޭށޭ."
އުއްތަމަ ފަނޑިޔާރު ޣަނީ ވިދާޅުވި ގޮތުގައި އާ ގާނޫނާ އެކު، ތަހުގީގީ އިދާރާތަކާއި ކޯޓުތަކާއި މިކަމުގައި އެހެނިހެން އިދާރާތަކަށް އޮތް މަސްއޫލިއްޔަތު ބޮޑެވެ. އަދި އެކި މުއައްސަސާތަކަށް ދީފައިވާ ބާރުތައް ތަފާތުވި ނަމަވެސް އެންމެންގެ އަމާޒަކީ ނުރައްކާތެރި ކުށްތައް ހުއްޓުވައި، އަދަބު ދިނުމާ އެކު، އެފަދަ ކުށްތައް ތަކުރާރުކުރުން ހުއްޓުވުމާއި އެފަދަ ކުށްކުރާ މީހުން އިސްލާހުކޮށް، މުޖުތަމައުއަށް އަނބުރާ ގެނައުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ހުރިހާ މުއައްސަސާތަކުން އެއް ވިސްނުމެއްގައި މަސައްކަތް ކޮށްގެން ނޫނީ ގާނޫނުގެ މަގްސަދު ހާސިލް ނުވާނެ ކަމަށާއި އެހެންވެ، އެ މަސައްކަތުގައި އިހުލާސްތެރިވުމަށް އުއްތަމަ ފަނޑިޔާރު އިލްތިމާސް ކުރެއްވި އެވެ. ގެއްލިފައިވާ އިތުބާރު އަނބުރާ ލިބޭނީ ވެސް އެގޮތަށް މަސައްކަތް ކޮށްގެން ކަމަށާއި އެ މަސައްކަތް ކުރަން ޖެހޭނީ ވެސް އެއީ އެކަމަށް ލިބޭނެ އެންމެ ފަހުގެ ފުރުސަތު ކަމަށް ދެކިގެން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.