23 ސެޕްޓެމްބަރ 2025 - 13:03

ދާތޯ ހާޖީދާރު އަބްދުލްމާޖިދަކީ އޭރު ވެސް މެލޭޝިއާގައި ފާހަގަކޮށްލެވޭ އާކިޓެކްޓެކެވެ. އެ ގައުމުގެ އިސްލާމިކް ޔުނިވާސިޓީގެ މެދުގައި ހުންނަ ރީތި މިސްކިތާއި އެ ނޫން ވެސް ރީތި އެތައް ބިނާއެއް އޭނާ ކުރެއްސެވި އެވެ. އެހެންވެ 1980 ގެ އަހަރުތަކުގެ ކުރީކޮޅު، ރާއްޖޭގެ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި ފުރުސަތަކީ އޭނާ އަށް މާ ހާއްސަ ކަމަކަށް ނުވި އެވެ.

ނަމަވެސް، ރާއްޖޭގެ ފުރަތަމަ އިސްލާމީ މަރުކަޒު ފަރުމާކޮށް ކުރައްސަވައި ނިންމެވިއިރު، އޭނާގެ ހިތުން އެ ތަނަށް ހާއްސަ ޖާގައެއް އޮތީ ދެވިފަ އެވެ.

އެ މަސައްކަތް ކުރެއްވިތާ 40 އަހަރު ފަހުން، ރާއްޖެ އަށް ކުރެއްވި ޒިޔާރަތުގައި އިއްޔެ އިސްލާމީ މަރުކަޒުގެ ހޯލުގައި އޭނާ ވާހަކަ ދެއްކެވިއިރު އެކަން ވަރަށް ބޮޑަށް ހާމަވި އެވެ. ހާޖީދާރު ވިދާޅުވީ، ދިވެހިންނަށް ވުރެ އޭނާ މިކަމުގައި ޖަޒުބާތީ ވާނެ ކަމަށެވެ.

"ގިނަ އަހަރުތަކަށް ފަހު މިތާ ހުރެވުނު ކަމަށްޓަކައި ﷲ އަށް ހަމްދުކުރަން،" އޭނާ އަށް މަރުހަބާ ކިޔަން އިސްލާމީ މަރުކަޒުގައި ބޭއްވި ހަފުލާގައި ހާޖީދާރު ވިދާޅުވި އެވެ.

އެއާ އެކު، ހާޖީދާރު އިޝާރާތް ކުރެއްވީ މާލަމުގައި ބަހައްޓާފައި ހުރި އޭނާގެ ފޮޓޯ އަކަށެވެ.
"އެ ފެންނަނީ އަޅުގަނޑު އޭރު ހުރިލެއް ޒުވާންކަން، ގަދަކަން، ބޯ ދިގުކޮށްފައި،" އިސްލާމީ މަރުކަޒު ފަރުމާކުރެއްވުމުގެ މަސައްކަތުގައި އުޅުއްވި އިރުގެ އެ ފޮޓޯއަށް އިޝާރާތް ކުރައްވައި ހާޖީދާރު ވިދާޅުވި އެވެ.
މިހާރު އުމުރުން 80 އަހަރު ވެފައިވާ ހާޖީދާރު ވިދާޅުވި ގޮތުގައި އޭރު މީހުން އޭނާ ސިފަކުރަނީ މީހަކު ބުނެފާނެ އެއްޗަކަށް ނުބަލައި ކުރަން ބޭނުންވާ ކަމެއް ކުރާ ޒުވާނެއްގެ ގޮތުގަ އެވެ. ރަނގަޅު ސަބަބުތަކަށް ޓަކައި ގޮތް ދޫނުކުރުމަކީ "މިހާރު ފަސް އެނބުރި ބަލައިލާ އިރު" ރަނގަޅު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔުނިވާސިޓީގެ ދަރިވަރުން ވެސް ބައިވެރިވި އެ ހަފުލާގެ ބައިވެރިންނަށް އޭނާ ދެއްވި ނަސޭހަތަކީ "މީހާގެ ގޮތުގައި ހުރެ، ކުރަން ބޭނުންވާ ކަމެއް ކުރުމުގައި ކުރިއަށް" ދިއުމެވެ.
އަމިއްލަ ތައާރަފް އެގޮތަށް ދެއްވުމަށް ފަހު، އިސްލާމީ މަރުކަޒުގެ މަސައްކަތުގެ ވާހަކަ ހާޖީދާރު ފެއްޓެވީ އެ މިސްކިތުގެ އާކިޓެކްޓަކަށް އޭނާ ހަމަޖައްސަވައި، އޭރުގެ ރައީސް މައުމޫން ފޮނުއްވި ސިޓީފުޅާ ހިސާބުންނެވެ.
"މީގެ ކުޑައިރުކޮޅެއް ކުރިން ރައީސް މައުމޫންގެ ގެކޮޅުގައި އަޅުގަނޑު އެ މަނިކުފާނަށް ވެސް ދެންނެވިހެން، މި މިސްކިތް ޑިޒައިން ކުރަން ރާއްޖެއަށް އަންނަން ދިން ދައުވަތަކީ އެންމެ ބޮޑަށް އެކްސްޕެކްޓް ނުކޮށް ހުރި ކަންތައް،" ހާޖީދާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެެއަކީ މެލޭޝިއާ މީހުން ވެސް އޭރު އަދި ދަންނަ ތަނެއް ނޫނެވެ. މިސްކިތުގެ މަޝްރޫއަށް ރާއްޖެއަށް ވަޑައިގަންނަވަން ދައުވަތު ދިން ވާހަކަ ވިދާޅުވުމުން، އޭނާގެ ބައްޕަ އެއްސެވީ ރާއްޖެ އޮންނަނީ ކޮންތާކުތޯ އެވެ.
"އަޅުގަނޑު ބުނިން އިންޑިއާ ކަނޑުގެ ކޮންމެވެސް ހިސާބެއްގައޭ،" އޭނާ ވިދާޅުވި އެވެ.
ރާއްޖެއާ ބެހޭ މައުލޫމާތު މާ ބޮޑަށް ނޭނގުނަސް، ބޮޑު މިސްކިތެއް ބިނާކުރުމުގެ ވަރަށް ހާއްސަ މަޝްރޫއަކަށް ވާތީ އާއިލާ އާއި ދަންނަ އެންމެން ވެސް އޭނާއަށް ހިތްވަރު ދިނީ އެ މަޝްރޫއަށް އާނ ބަސް ބުނުމަށެވެ.
އެ ހިސާބުން ފަށައިގެން މިސްކިތް ނިމި ހުޅުވުމާ ހަމައަށް އެކިއެކި ކަންތައްތަކުގެ ތަފްސީލު އޭނާ ދެއްވީ މީހުންގެ ނަންތަކާ ވެސް އެކުގަ އެވެ. މިފަހަރު ރާއްޖެއަށް ވަޑައިގެންނެވުމުން ބޭއްވި ހަފުލާއާ މެދު ވަރަށް ބޮޑަށް އުފާކުރައްވައި އިސްލާމިކް މިނިސްޓަރާށާއި މައުމޫން ފައުންޑޭޝަންގެ އިސް ބޭފުޅުންނަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.
އިސްލާމީ މަރުކަޒު އިމާރާތުގެ މަސައްކަތުގެ މަޝްރޫއު ހިންގުމުގައި އިސްވެ މަސައްކަތް ކުރުމަށް މައުމޫން އައްޔަން ކުރެއްވި ކޮމިޓީގައި ހިމެނިވަޑައިގެންނެވި ރައީސް އޮފީހުގެ އޭރުގެ ޕަބްލިކް ވޯކްސް ކޮންސަލްޓަންޓް އަބްދުﷲ ކަމާލުއްދީން "މިހާރު" އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މައުމޫން ނަމޫނާއަކަށް ބެއްލެވީ މެލޭޝިއާގެ ދުވަސްވީ މިސްކިތެއް ކަމަށްވާ ބަންގްސާ މިސްކިތް ކަމަށެވެ.
އެހެންވެ، އެ މިސްކިތް ޑިޒައިން ކުރެއްވި ފަރާތް ހޯއްދެވިއިރު އެއީ އޭރު ވެސް މެލޭޝިއާގައި އާކިޓެކްޓް ކުންފުންޏެއް ހިންގެވި ހާޖީދާރު އެވެ.
"އޭނާ ގެންނަވައިގެން މި ކޮންސެޕްޓް ހަދައި، ކުރަހައި ޑިވެލޮޕްކުރީ. ރައީސް ބަރާބަރަށް އެކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދެވި. ހާޖީދާރު އެސޯސިއޭޓްސް ކިޔާ ކުންފުންޏެއް އެއީ. އެ ކުންފުނީގެ ވެރިއަކީ ވެސް ހާޖީދާރު. ކޮންޓްރެކްޓްގެ ބައެއް ވެސް އޭނާ ހިލޭ ކޮށްދެއްވި،" އަބްދުﷲ ވިދާޅުވެފައި ވެ އެވެ.
އިސްލާމީ މަރުކަޒުގެ އިންޖިނިއަރިންގެ ހުރިހާ މަސައްކަތެއް ކުރީ ވެސް މެލޭޝިއާގެ ކުންފުނިތަކުންނެވެ. ހުރިހާ މަސައްކަތެއްގައި އެ ގައުމުގެ ހަތަރު ކުންފުންޏެއް ހިމެނެނުއިރު، އެ ގައުމުގެ ފަންސާހަކަށް މީހުން އެ މަސައްކަތްތަކަށް ގެނަ އެވެ.
މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި 1945 ވަނަ އަހަރު އުފަންވި ހާޖީދާރަކީ މެލޭޝިއާގައި މަޝްހޫރު އާކިޓެކްޓަރަލް ކުންފުނި ހާޖީދާރު އެންޑް އެސޯސިއޭޓްސްގެ ބާނީ އެވެ. އެ ދާއިރާއިން މެލޭޝިއާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް މެލޭޝިއަން އިންސްޓްޓިއުޓް އޮފް އާކިޓެކްޓްސް (ޕޭމް) ގެ ރަންމެޑަލް އޭނާ ހާސިލުކުރެއްވި އެވެ. އެ އިންސްޓްޓިއުޓްގެ ރައީސްކަން ވެސް (1985 އިން 1987 އަށް) އޭނާ ކުރެއްވި އެވެ،
މާލޭގެ އިމާރާތްތައް ކިތަންމެ އުހަށް ނެގިޔަސް، ލޭންޑްމާކެއްގެ ގޮތުގައި އިސްލާމީ މަރުކަޒުގެ މަގާމަކަށް ބަދަލެއް ނާދެ އެވެ. މާލޭގެ މަލަމަތިން ފެންނަ، ރީތި ގުއްބެއް ނުވަތަ މިސްކިތެއްގެ މާއްދީ ރީތިކަމަކަށް ވުރެ އެއީ ދިވެހިންގެ ދީނީ އެއްބައިވަންތަކަން ރަމްޒުކޮށްދޭ ބިނާއެކެވެ.
"ވަރަށް ފަހުރުވެރިވާ މަސައްކަތެއް މިއީ،"