27 މާޗް 2017 - 10:49

އަމްސްޓެޑަމް، ނެދަލެންޑްސް (މާޗް 27) - ވޯލްޑް ކަޕް ކޮލިފައިންގައި އެދެވޭ ނަތީޖާތަކެއް ނުނެރެވޭތީ ނެދަލެންޑްސް ކޯޗުކަމުން ޑެނީ ބްލިންޑް ވަކިކޮށްފި އެވެ.
ކޮލިފައިންގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ ނެދަލެންޑްސް ވަނީ ބަލްގޭރިއާ އަތުން 2-0 އިން ބަލިވެފަ އެވެ. މި ބައްޔާ އެކު ނެދަލެންޑްސް އޮތީ ކޮލިފައިން ގްރޫޕްގެ ހަތަރު ވަނައިގަ އެވެ. އެ ޓީމު ކޮލިފައިންގައި ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެވުނީ ދެ މެޗުންނެވެ. އެއް މެޗުން އެއްވަރުވިއިރު، އަނެއް ދެ މެޗުން ވަނީ ބަލިވެފަ އެވެ.
ނެދަލެންޑްސް އެފްއޭ އިން ބްލިންޑް މަގާމުން ދުުރުކުރީ އޭނާ ވެސް މަގާމުގައި ދެމިހުރުމާ މެދު ވިސްނަމުން އަންނަނިކޮށެވެ.
"ބްލިންޑް މަގާމުން ދުރުކުރީ ވޯލްޑް ކަޕް ކޮލިފައިންގައި ނަތީޖާތައް ގޯސްވުމުން. އެފްއޭ އިން ގަބޫލުކުރާގޮތުގައި މި ވަގުތު ޓީމަށް ބޭނުންވަނީ ބަދަލެއް،" ބްލިންޑް ވަކިކުރުމާ ގުޅޭގޮތުން އެފްއޭ އިން ނެރުނު ބަޔާނުގައިވެ އެވެ.
މިދިޔަ އަހަރު ފްރާންސްގައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ވެސް ނެދަލެންޑްސް ކޮލިފައިނުވުމުން ބްލިންޑްގެ މުސްތަގުބަލާ މެދު ސުވާލު އުފެދުނެވެ. އެހެން ނަމަވެސް ބްލިންޑް ޓީމާ ހަވާލުވިއިރު ވެސް ޓީމުގެ ހާލަތު ގޯސްކޮށް އޮތުމުން އެ ވަގުތަށް ނެދަލެންޑްސް އެފްއޭ އިން އޭނާ ޓީމުގެ ކޯޗުކަމުގެ މަގާމުގައި ބެހެއްޓުމަށް ނިންމި އެވެ.
ކުރިން އަޔެކްސް އަށް ކޯޗުކޮށްދިން ބްލިންޑް ނެދަލެންޑްސް ގައުމީ ޓީމާ ހަވާލުވީ 2015 ވަނަ އަހަރުގެ ޖުލައި މަހު އެވެ. އޭނާގެ ކޯޗުކަމުގައި ނެދަލެންޑްސްގެ ފަރާތުން ގިނަ މެޗުތަކުގައި އެދެވޭ ކުޅުމެއް ފެނިފައިނުވާއިރު، ޔޫރަޕްގެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް އެ ޓީމަށް ރަނގަޅު ނަތީޖާތަކެއް ނުނެރެވެ އެވެ.
މާދަމާރޭ އިޓަލީއާ ދެކޮޅަށް ނެދަލެންޑްސް ކުޅޭ ރަހުމަތްތެރިކަމުގެ މެޗުގައި އެ ޓީމަށް އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗު ފްރެޑް ގްރިމް އެވެ.