24 ސެޕްޓެމްބަރ 2025 - 06:46

ސްރީ ލަންކާގައި މިހާތަނަށް ކުރިމަތިވި ތިމާވެށި ތަޣައްޔަރުވުމުގެ އެންމެ ބޮޑު ހާދިސާގައި ހިމެނޭ ސިންގަޕޫރުގެ ޝިޕިން ކުންފުނިން ބަދަލުގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ދައްކަން ލަންކާގެ ކޯޓަކުން ހުކުމް ކޮށްފައި ވިޔަސް އެ ފައިސާ ނުދައްކާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

"އަޅުގަނޑުމެން މި ފައިސާ ނުދައްކާނެ ސަބަބަކީ ކަނޑުގެ ވިޔަފާރީގެ މުޅި އަސާސް ބިނާވެފައިވަނީ ޒިންމާގެ މިންވަރު ކަނޑައެޅުމުގެ މައްޗަށް ކަމަށްވާތީ،" ޝިޕިން ކުންފުނި އެކްސް-ޕްރެސް ފީޑާސްގެ ޗީފް އެގްޒެކެޓިވް ޝްމުއެލް ޔޮސްކޮވިޓްޒް ވިދާޅުވި އެވެ.
"ހުކުމާ ގުޅިގެން އެއްވެސް ފައިސާއެއް ދެއްކުމަކީ ކުރިމަގުގައި ކަނޑުމަތީގެ މިފަދަ ހާދިސާތަކާ މެދު އަމަލުކުރާނެ ގޮތް ކަނޑައެޅޭނެ ނުރައްކާތެރި މިސާލެއް ކަމުގައި ވެދާނެ،" އޭނާ އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
މި ކުންފުނިން އޮޕަރޭޓްކުރި އެމްވީ އެކްސް-ޕްރެސް ޕާލް ނަމަކަށް 2021 ވަނަ އަހަރުގެ ޖޫން މަހު ކޮލަމްބޯ ބަނދަރު ކައިރިއަށް އަޑިއަށް ދިޔައީ ނައިޓްރިކް އެސިޑް ލީކުވުމުގެ ސަބަބުން ހިނގި ކަމަށް ބެލެވޭ އަލިފާނުގެ ހާދިސާއަކަށް ދެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.
އެ އުޅަނދުގެ ކާގޯގައި 81 ކޮންޓެއިނަރުގެ ނުރައްކާތެރި މުދާ ހުއްޓެވެ. އޭގެ ތެރޭގައި އެސިޑާއި ލެޑް އިންގޮޓްސް އަދި އެތައް ސަތޭކަ ޓަނެއްގެ ޕްލާސްޓިކް ޕެލެޓް ހިމެނެ އެވެ.
މި އުޅަނދު ސްރީ ލަންކާގެ ސަރަހައްދަށް އައުމުގެ ކުރިން ގަތަރާއި އިންޑިއާގެ ބަނދަރަށް ވެސް ވަންނަން މަސައްކަތްކުރި އެވެ. އެކަމަކު ލީކުވަމުންދިޔަ ނައިޓްރިކް އެސިޑް ބޭލުމުގެ ހުއްދަ ދިނުމަށް އެ ގައުމުތަކުން އިންކާރުކުރުމުން ބަނދަރުކުރެވޭ ގޮތެއް ނުވި އެވެ.
މި އުޅަނދުގައި ހުރި އެތައް ސަތޭކަ ޓަނެއްގެ މައިކްރޯޕްލާސްޓިކް ގްރެނިއުލްސްތަކުން ސްރީ ލަންކާގެ ހުޅަނގު ސަރަހައްދުގެ 80 ކިލޯމީޓަރު (50 މޭލު) ދިގުމިނުގެ ގޮނޑުދޮށް ފުރުނެވެ. އެކަމާ ހެދި، މަސްވެރިކަން ކުރުން އެ ސަރަހައްދުން މަނާކޮށްފައި އެތައް ދުވަހެއް ވަންދެން އޮތެވެ.
ސްރީ ލަންކާގެ ސުޕްރީމް ކޯޓުން ޖުލައި މަހު ހުކުމްކޮށްފައި ވަނީ މި ކުންފުނިން ބަދަލުގެ ގޮތުގައި އިނިޝިއަލް ޕޭމަންޓެއްގެ ގޮތުގައި 1 ބިލިއަން އެމެރިކާ ޑޮލަރު އެއް އަހަރު ދުވަހުގެ ތެރޭގައި ލަންކާ ސަރުކާރަށް ދެއްކުމަށެވެ. މީގެ ތެރެއިން ފުރަތަމަ ބައިކަމުގައިވާ 250 މިލިއަން އެމެރިކާ ޑޮލަރު އިއްޔެގެ ނިޔަލަށް ދައްކަން ޖެހެ އެވެ.
މީގެ އިތުރުން ކުރިމަގުގައި ކޯޓުން އަންގާ ގޮތެއްގެ މަތިން "އިތުރު ފައިސާ ދެއްކުމަށް" ވެސް ކުންފުންޏަށް ވެސް އަމުރުކޮށްފައިވެ އެވެ.