23 ސެޕްޓެމްބަރ 2025 - 13:22

ޓީޗަރުން ލިބުން ދަތި ރަށްރަށުގައި މަސައްކަތްކުރަން އެއްބަސްވާ ދަރިވަރުން، ފުރަތަމަ ޑިގްރީއަށް ކިޔަވާއިރު ދޭ ސްޓައިޕެންޑަށް މިއަދު ހުޅުވާލައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޓީޗަރުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމްގެ ދަށުން ވަކި ދާއިރާތަކުން ރާއްޖޭގެ ޔުނިވާސިޓީ އަދި ކޮލެޖުތަކުގައި ޓީޗިން ޑިގްރީއަށް ކިޔަވާ މީހުންނަށް ސްޓައިޕެންޑުގެ ގޮތުގައި މަހަކު 1،500ރ. ދޭނެ ކަމަށެވެ.
އެގޮތަށް ސްޓައިޕެންޑު ދިނުމުގައި އިސްކަންދޭނީ ޓީޗަރުން ލިބުން ދަތި ރަށްރަށުގައި މަސައްކަތްކުރަން އެއްބަސްވާ މީހުންނަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ސްޓައިޕެންޑު ދިނުމުގެ ޝަރުތުތަކުގެ ތެރޭގައި ޕްރައިމަރީ، އިސްލާމް ނުވަތަ ދިވެހި މާއްދާ ކިޔަވައިދިނުމަށް ތަމްރީނުވާ ކޯހަކަށް ވާންޖެހެ އެވެ. އޭގެ އިތުރުން، މިދިޔަ ޖެނުއަރީގެ ފަހުން ކިޔަވަން ފެށުމާއި 40 އަހަރަށް ވުރެ ހަގު މީހަކަށް ވާންޖެހެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ މުސްތަގުބަލުގައި ކިޔަވައިދިނުމުގެ ރޮނގުން ކުރިއަށް ދާން ބޭނުންވެގެން އޭލެވެލް ފަށާ ދަރިވަރުންނަށް ވެސް 1،500 ރުފިޔާގެ އެލަވެންސެއް ދިނުމަށް ނިންމައިފަ އެވެ.
އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު މީގެ ކުރިން ވިދާޅުވީ މި މަހުގެ ތެރޭގައި އޭ ލެވެލް ފެށި ދަރިވަރުންގެ ތެރެއިން ޓީޗިންގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް 1،500ރ.ގެ އެލަވެންސެއް ދޭން ނިންމާފައިވާ ކަމަށެވެ.