ބީއެމްއެލްއަށް ޔުއާން: މިއީ ކިހާ ބޮޑު ބަދަލެއް؟
ބީއެމްއެލްއަށް ޔުއާން: މިއީ ކިހާ ބޮޑު ބަދަލެއް؟

ބީއެމްއެލް އިން އިއްޔެ ގެނައި ބަދަލާ އެކު، ރާއްޖޭގެ އިގުތިސާދަށް ވާނީ ދެން ކޮން ފައިދާއެއް ހެއްޔެވެ؟ ޑޮލަރުގެ އަގަށް ހެޔޮ ބަދަލެއް އަންނާނެ ހެއްޔެވެ؟ ޑޮލަރަށް ބަރޯސާވެފައި އޮތް ގޮތުން ކުޑަވާނެ ބާވަ އެވެ؟

ޗައިނީސް ޔުއާން އެކައުންޓުތަކާއި ޓްރޭޑް ފައިނޭންސް ހިދުމަތްތަކުގައި ޔުއާން ބޭނުން ކުރެވޭ ގޮތް ހަމަޖައްސައި، ވީޗެޓް ޕޭ އަށް ބީއެމްއެލް ރުފިޔާ ކާޑު ލެވޭ ގޮތް ހަމަޖެއްސުމަކީ އެމެރިކާ ޑޮލަރަށް ބަރޯސާވެފައިވާ މިންވަރު ކުޑަކުރުމަށް މުހިންމު ފިޔަވަޅެއް ކަމަށް ބެލުމުގެ ފުރުސަތު ބޮޑެވެ.

ކުދި ޖަޒީރާ އަދި ތަރައްގީވަމުން އަންނަ ގިނަ ގައުމުތަކެކޭ އެއްފަދައިން، ދިވެހި އިގްތިސާދަކީ ވެސް ޑޮލަރަށް ބަރޯސާވެފައިވާ އިގްތިސާދެކެވެ. ރިސޯޓުތަކުން ބިލް ކުރަނީ ޑޮލަރުންނެވެ. ކާބޯތަކެއްޗާއި ތެލާއި އިމާރާތް ކުރުމުގެ ތަކެތި ފަދަ މުހިންމު އިމްޕޯޓްތަކަށް ފައިސާ ދައްކަނީ ޑޮލަރުންނެވެ. އަދި ދިވެހި ރުފިޔާގެ އަގު ހިފެހެއްޓިފައިވަނީ ޑޮލަރު އަސާސް ކޮށްފައިވާ ބާސްކެޓަކަށެވެ.

ޑޮލަރުގެ ހަމަ އަގު މިނާ އިރު ދިވެހި ރުފިޔާގެ އގު ވެއްޓެނީ ވެސް އެހެން ވެގެންނެވެ. އެމެރިކާގެ ފައިސާގެ ސިޔާސަތުތަކަށް އަންނަ ބަދަލުތަކާއި ދުނިޔޭގެ ޑޮލަރުގެ ލިކުއިޑިޓީއަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ރާއްޖެ އަށް ކުރެ އެވެ.

ބީއެމްއެލްގެ އައު ހިދުމަތްތަކުން މި ބަރޯސާވުން ކުޑަކުރުމަށް ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާ ޗައިނާއާ އެކު، ކުރާ މުއާމަލާތްތަކުގެ ތެރެއިން މިހާރު ވަނީ މަސައްކަތް ފަށައިފަ އެވެ. މިފަދަ މަސައްކަތްތައް ކުރަމުން އަންނަނީ ހަމައެކަނި ރާއްޖެއަކު ނޫނެވެ. އެކި ގައުމުތަކުން ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އެކި ގޮތްގޮތް ބަލަމުންދެ އެވެ. މީގެ ނަމޫނާ އަކީ ގިނަ ފަހަރު އެހެން ފައިސާތަކުގެ ކޮރިޑޯތައް ހުޅުވައި އެ ތަރައްގީކުރުމެވެ.

ރަޝިޔާއިން ފެބްރުއަރީ 2022 ގައި ޔުކްރެއިނަށް ހަމަލާދިން އިރު، ދެ އަހަރުގެ ތެރޭގައި ޗައިނީސް ޔުއާން ރަޝިޔާގެ މާކެޓްތަކުގެ އެންމެ މުހިންމު ބޭރު ފައިސާ އަކަށް ވާނެ ކަމަށް ލަފާކުރީ މަދު ބައެކެވެ. ރަޝިއާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މާލީ ދާއިރާ އަވަސް ބާރުމިނެއްގައި އަލުން ވަނީ ހަމަމަގަށް އަޅުވައިފަ އެވެ. މޮސްކޯ ސްޓޮކް އެކްސްޗޭންޖްގައި ޔުއާންގެ ނިސްބަތް 2022 ގައި ތިން ޕަސެންޓުން މޭ 2024 އާ ހަމައަށް އައިއިރު 54 ޕަސެންޓަށް މައްޗަށް ގޮސްފައިވެ އެވެ. މިދިޔަ އަހަރުގެ ގެ ހޫނު މޫސުމުގައި މޮސްކޯ އެކްސްޗޭންޖަށް އެމެރިކާ އިން ފިޔަވަޅު އެޅުމާ އެކު، ޔުއާންގެ އާޢާމަލާތްތައް ބޭރު ފައިސާގެ ހުރިހާ ވިޔަފާރިތަކުގެ 99.8 ޕަސެންޓަށް އެރި އެވެ.

އަހަރެއްހާ ދުވަސް ތެރޭގައި، ޔުއާން ވަނީ އެންމެން ހައިރާންވާ ފަދަ ކަމެއް ހާސިލް ކޮށްފަ އެވެ. އެއީ މޮސްކޯ އެކްސްޗޭންޖްގައި އެންމެ މަގްބޫލު ފައިސާއަށް ވުމެވެ. އެމެރިކާ ޑޮލަރަށް ވުރެ ވެސް މަގުބޫލެވެ. ދެހާސް ތޭވީސް ވަނަ އަހަރު ރަޝިޔާގެ ބޭންކުތަކުގައި 68.7 ބިލިއަން ޑޮލަރުގެ ޔުއާން ހުރިއިރު، އެމެރިކާ ޑޮލަރުގެ އަދަދަކީ 64.7 ބިލިއަނެވެ.

ރާއްޖެ އަށް އެންމެ މުހިންމު އެއް މިސާލަކީ ބަންގްލަދޭޝް އެވެ. މިދިޔަ އަހަރުގެ ކުރީކޮޅު، ބަންގްލަދޭޝްގެ ސެންޓްރަލް ބޭންކުން ޗައިނާ އިން އިމްޕޯޓްކުރާ ތަކެއްޗަށް ޗައިނީސް ޔުއާން އިން ފައިސާ ދެއްކުމަށް ވަނީ ހުއްދަ ދީފަ އެވެ. މިއީ ޔުއާން ބޭނުންކޮށްގެން އެލްސީ ސިސްޓަމެއްގެ ތެރެއިން މުއާމަލާތްތައް ނިންމުމަށެވެ. މިއީ ޑޮލަރުގެ ދަތިކަމަށް ޙައްލެއް ހޯދުމަށާއި ބޭރު ފައިސާގެ ރިޒަރވް ރައްކާކުރުމަށް އެޅި ފިޔަވަޅެކެވެ. ރާއްޖެ އިން މިހާރު މި މޮޑެލް ބީއެމްއެލްގެ ބޭންކިން ސިސްޓަމް ތެރެއަށް ވައްދާފައިވަނީ މި ބީދައިން އިމްޕޯޓަރުންނަށް ހަރުދަނާ ކަމާއި ހަރަދު ކުޑަކުރުމުގެ ފައިދާތައް ހޯދައިދިނުމަށެވެ.

ޑޮލަރުގެ ލިކުއިޑިޓީގެ ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހުނު ޕާކިސްތާނުން ވަނީ ޗައިނާއާ އެކު ފައިސާ ބަދަލުކުރުމުގެ އެއްބަސްވުންތައް ބޭނުންކޮށްފަ އެވެ. މި އެއްބަސްވުންތަކުގެ ދަށުން ދެ ގައުމަށް އެ މީހުންގެ އަމިއްލަ ފައިސާއިން ވިޔަފާރިކޮށް، ދަރަނި އަދާކުރެވެ އެވެ. މިއީ ޑޮލަރު ބޭނުން ނުކޮށް ކުރެވޭ ކަމެކެވެ.

މިދިޔަ ދެ އަހަރުގެ ތެރޭގައި، މެލޭޝިޔާގެ ވިޔަފާރި، އިންވެސްޓްމަންޓް އަދި މާލީ ގުޅުންތައް ސަރަޙައްދުގެ ތެރޭގައި ވަނީ ވަރުގަދަ ވެފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މެލޭޝިޔާގެ ޖުމްލަ ވިޔަފާރީގައި ޗައިނާ އަދި އާސިއާންއާއެކު ކުރާ ވިޔަފާރި 2009 ގައި 13 ޕަސެންޓު އަދި 25.6 ޕަސެންޓުން 2023 ގައި 17.1 ޕަސެންޓު އަދި 27.3 ޕަސެންޓަށް އިތުރު ވެފައި ވެ އެވެ. އެމެރިކާއާ އެކު ކުރާ ވިޔަފާރި 2009 ގައި 11.1 ޕަސެންޓުން 2023 ގައި 9.5 ޕަސެންޓަށް ދަށްވެފައިވެ އެވެ.

ސަރަހައްދީ އެހެން ގައުމުތަކަށް ބެލުމުން، ރާއްޖެ އަށް ޔުއާންގެ ހިދުމަތްތަކުން އިތުރަށް އުޖާލާ ވެފައިވާ، އިތުރަށް ރައްކާތެރި އިގްތިސާދީ މުސްތަގްބަލަކަށް ވާސިލުވުމުގެ ސާފު މަގެއް ފެނެ އެވެ .މި މިސާލުތަކުން އަސްލު ދައްކުވައިދެނީ، މިއަދު ފައިސާގެ އޮޕްޝަންތައް އިތުރު ކުރުމުން، ރާއްޖެ އިން ކުރިމަގުގެ މާލީ ޝޮކްތަކާ ދެކޮޅަށް މުހިންމު ބަފައެއް ގާއިމު ކުރަމުން ދާ ކަމާއި، އޭގެ އިގްތިސާދު ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓިފައި ހުންނާނެ ކަމެވެ.

ޗައިނީސް ޔުއާން އިން މުއާމަލާތް ކުރަން ފެށި، އިބްތިދާއީ މަރުހަލާގައި ޔުއާން މުއާމަލާތްތަކުގެ ވޮލިއުމް ޖުމްލަ ވިޔަފާރީގެ ކުޑަ މިންވަރެއްގައި ހިފެހެއްޓުނަސް މިއީ މުހިންމުކަން ކުޑަކޮށްލެވޭނެ ކަމެއް ނޫނެވެ. ބަންގްލަދޭޝް، ޕާކިސްތާން އަދި މެލޭޝިއާގައި ފެނިފައިވާ ސްޓްރެޓެޖީތައް ދިރާސާކުރުމުން، ރާއްޖެއާ މެދު އުންމީދު ކުރަނީ ވަގުތުން އަންނަ ބޮޑު ބަދަލަކަށް ނޫނެވެ.

މިއީ ޑޮލަރު ވަގުތުން ދޫކޮށްލުމުގެ އިޝާރާތެއް ނޫން ކަން ދެނެގަތުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ދުނިޔޭގެ މާލީ ނިޒާމުގެ އިންފްރާސްޓްރަކްޗާ ބިނާވެފައި ވަނީ މައިގަނޑު ގޮތެއްގައި ޑޮލަރުގެ މައްޗަށެވެ. އެހެންކަމުން ޑޮލަރު ނޫން އެހެން ގޮތެއް ހޯދައި ޑޮަލަރު އެއްކޮށް ދުކޮށްލުމަކީ ވަރަށް ދަތިކަމެކެވެ. އެހެނަސް މިއީ ޑޮލަރަށް ބަރޯސާވުން ކުޑަކުރުމަށް އަޅާ "ފުރަތަމަ ފިޔަވަޅު" ތަކެއްކަން ދެނެގަތުން މުހިންމެވެ. އަދި، މިއީ ސްޓްރެޓެޖިކް އަދި ކޮންމެހެން ބޭނުންވާ ޑައިވަރސިފިކޭޝަނެކެވެ.

ކުރިން ދެންނެވިހެން މީގެ މަގްސަދަކީ ރާއްޖޭގެ މައިގަނޑު ބޭރު ފައިސާއަކީ ޑޮލަރު ނޫން ކަމަށް ވަގުތުން ބަދަލުކުރުމެއް ނޫނެވެ. ނަމަވެސް ވިޔަފާރީގައި ރާއްޖޭގެ އެންމެ ބޮޑު އެއް ބައިވެރިޔާ، ޗައިނާއާ އެކު ކުރާ ވިޔަފާރިއަށް ޑޮލަރު ނޫން އެހެން ގޮތެއް އުފެއްދުމެވެ. ޗައިނީސް ޔުއާންގެ މައްޗަށް ބިނާކޮށް އިންފްރާސްޓްރަކްޗާއެއް އުފެއްދުމުން، ރާއްޖޭގެ އިގްތިސާދު ކުރިމަގަށް ތައްޔާރުވެ އެވެ. މިއީ ވިޔަފާރީގެ ބާރުވެރިކަން އިތުރުކޮށް، މައިގަނޑު އިގްތިސާދީ ބައިވެރިޔަކާ އެކު ކުރާ މުއާމަލާތްތަކުގެ ހަރަދު ކުޑަކޮށް، ޑޮލަރުގެ އަގަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.