23 ސެޕްޓެމްބަރ 2025 - 09:03

އދ. ގެ މި އަހަރުގެ އާންމު ޖަލްސާގެ ހަވާސާގައި ބާއްވާ ބައެއް ބައްދަލުވުންތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ މަޖިލީހަށް ވަދެވަޑައިގަތުމަށް ރާއްޖެ ތަމްސީލްވާ ގޮތަށް ފާސް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭން ރާއްޖޭގެ ފޮރިން މިނިސްޓްރީން ދެކޮޅު ހަދާފައިވާ ކަމަށް އެ މަނިކުފާނުގެ އޮފީހުން ބުނެފި އެވެ.
ކްލައިމެޓް ވަލްނަރަބްލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ނަޝީދުގެ އޮފީހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ، ދިވެހި ސަރުކާރު ނުރުހުނަސް އެ މަނިކުފާނު ރަސްމީ ހައިސިއްޔަތުން އދ. ގެ މައި މަރުކަޒަށް ވަދެވަޑައިގަތުމަށާއި އެ ޖަމާއަތުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ހުރަހެެއް ނެތް ކަމަށެވެ.
ފާހާއި ޕްރޮޓޮކޯލްގެ އިންތިޒާމުތައް ވަނީ ހަމަޖެހިފައި ކަމަށް ނަޝީދުގެ އޮފީހުން ބުންޏެވެ. އަދި ބައެއް ބައްދަލުވުންތަކުގައި ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
"ނަމަވެސް ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ކަމާއި ކުރީގެ ރައްޔިތުންގެ މަޖިލިސް ރައީސްކަމާއި ކުރީގެ ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޮޅި މެދުދާއިރާގެ މެމްބަރުކަމާއި ކުރީގެ ރައްޔިތުންގެ މަޖިލިހުގެ މާލޭގެ މެމްބަރުކަމާއި ކުރީގެ ގަލޮޅު އަވަށު ހިންގާ ސެކްރެޓަރީކަމުގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ދިދަ އާއި ނިޝާން ޖެހި ފާހުގައި ދިވެހިރާއްޖެ ތަމްސީލު ވާނެ މަގުން އެކި ރަސްމީ ޖަލްސާތަކާއި ހަފުލާތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު އަބަދުވެސް އެދިވަޑައިގަންނަވަ އެވެ،" ބަޔާނުގައި ވެ އެވެ.
ނަޝީދުގެ އޮފީހުން ބުނީ، އެފަދަ ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލުކުރުމުން ރާއްޖެއަށް އޭގެ ސަބަބުން މަންފާ ކުރާނެ ކަމަށެވެ.
ނަޝީދުގެ އޮފީހުުގެ ބަޔާނުގައި ބުނި ގޮތުގައި، ގައުމުގެ ވެރިކަމާއި ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ކުރައްވާފައިވާ ބޭބޭފުޅުން އެ ބޭފުޅަކު ނިސްބަތްވާ ގައުމެއްގެ ފަރާތުން އަދި އެ ހައިސިއްޔަތުގައި ބައިނަލްއަގްވާމީ ރަސްމީ ޖަލްސާތަކާއި ހަފުލާތަކުގައި ބައިވެރިވެވަޑައިގަތުމަކީ ބައިނަލްއަގްވާމީ ދަނޑުގެ އާދައެކެވެ.
ނަޝީދުގެ އޮފީހުގެ ބަޔާނުގައި ބުނެފައިވާ ވާހަކަތަކާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.