27 މާޗް 2017 - 10:41

އިންޑިއާގެ އެންމެ ފަގީރު އެއް ސްޓޭޓްގައި ޔަތީމު ކުދިންނަށް އެހީތެރިވުމުގެ މަސައްކަތް ކުރަމުން އައި އިނގިރޭސި-އީރާނުގެ ރައްޔިތަކު، އިންޑިއާގެ ކުޑަ ފިރިހެން ކުއްޖެއްގެ މަރުގެ ޒިންމާ އިން އިއްޔެ ސަލާމަތްވެއްޖެ އެވެ.
ނަރުގެސް ކަލްބާސީ އަޝްތާރީގެ މައްޗަށް ކުށް ސާބިތުވެ 2014 ގައި އެއް އަަހަރުގެ މުއްދަތަށް ޖަލަށް ލާން ދަށު ކޯޓުން ހުކުމްކުރީ އުމުރުން ފަސް އަހަރުގެ އާސިމް ޖިލާކާރާ ގޮވައިގެން ދަތުރު ގޮސް އުޅެނިކޮށް އޭނާ ގެއްލުނު މައްސަލަ ސާބިތުވުމުންނެވެ. އެކަމަކު އެ ހުކުމް އިސްތިއުނާފުކުރުމުން ނިމުނީ އޭނާއާ އެއްކޮޅަށެވެ.
ބެލެވޭ ގޮތުގައި އާސިމް އޮޔާ ދަމައިގަތީ އެވެ. އެކަމަކު އޭނާގެ ހަށިގަނޑު ފެނިފައެއް ނުވެ އެވެ.
އަޝްތާރީ، 29، ބުނަމުން އަންނަނީ ކުއްޖާގެ މަރުގައި އޭނާގެ އެއްވެސް ކަހަލަ ފަރުވާކުޑަކުރުމެއް ނޯންނާނެ ކަމަށެވެ. އިސްތިއުނާފްކުރުމާ އެކު ކަފާލާތުގެ ދަށުން އަޝްތާރީ ހުރީ ދޫކޮށްލައިފަ އެވެ.
އޭނާ ބުނި ގޮތުގައި އާސިމް މަރުވި ދުވަހު އެކަމާ ބެހޭ ގޮތުން ފުލުހުންނަށް ބަޔާނެއް ދީފައިވާނެ އެވެ. އެކަމަކު އޭގެ މަހެއްހާ ދުވަސް ފަހުން ފުލުހުން އޭނާއާ ދެކޮޅަށް މައްސަލަ ހުށަހެޅީ އާސިމް ކޯރަށް އެއްލައިލީ އޭނާ ކަމަށް ހަދައިފަ އެވެ.
އާސިމްގެ މަންމަ ތުހުމަތުކުރާ ގޮތުގައި ދަަރިފުޅުގެ މަރުގެ ޒިންމާ އުފުލަން ޖެހޭނީ އަޝްތާރީ އެވެ. އެކަމަކު އަޝްތާރީ ބުނާ ގޮތުގައި އެ މަައްސަލާގައި އޭނާ ތާށިވީ ކަމާ ބެހޭ ފަރާތްތަކަށް ރިޝްވަތު ދޭން އޭނާ ދެކޮޅުހެދުމުންނެވެ.
އޭނާ ބުނީ ހިނާޔާތް ބޮޑު، ބާރު ހުރި ފަރާތްތަކެއްގެ މުށު ތެރޭގައި އޭނާ އަށް ލިބެމުން ދިޔަ އަނިޔާ ބޮޑު ކަމަށެވެ.
މައްސަލަ ވަކި ގޮތަކަށް ނިމެންދެން އިންޑިއާ އިން ފުރުން އަޝްތާރީ އަށް ވަނީ މަނާކޮށްފަ އެވެ.
އިންޑިއާގެ އެންމެ ފަގީރު ސްޓޭޓް އޮރިއްސާގެ މުކުންދަޕޫރުގައި 2011 އިން ފެށިގެން ޔަތީމު ކުދިންނަށް އެހީތެރިވާން އަޝްތާރީ އަންނަނީ ފައުންޑޭޝަނެއް ހިންގަމުންނެވެ.