އޯޓިޒަމްއާ ޕެރަސެޓަމޯލްއާ ގުޅުވައި ޓްރަމްޕު ސާބިތު ނުހިފޭ ވާހަކަ ދައްކައިފި
އޯޓިޒަމްއާ ޕެރަސެޓަމޯލްއާ ގުޅުވައި ޓްރަމްޕު ސާބިތު ނުހިފޭ ވާހަކަ ދައްކައިފި

އޯޓިޒަމް ހުންނަ ދަރިން ލިބުމާ، މާބަނޑު ދުވަސްވަރު ޕެރަސެޓަމޯލް ބޭނުންކުރުމާ ގުޅުން ހުރި ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ސާބިތު ނުހިފޭ ވާހަކަތަކެއް ދެއްކެވުމުން ސައިންސްވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އޯޓިޒަމާ ބެހޭ ގޮތުން ހާއްސަ އިއުލާނުކުރުމެއް އެބަ އޮތް ކަމަށް ވައިޓް ހައުސް އިން ބުނުމަށް ފަހު ޓްރަމްޕު ދެއްވި ބަޔާނުގައި ވިދާޅުވީ މާބަނޑު މީހުން ޓައިލެނޯލް ބޭނުންކޮށްގެން ނުވާނެ ކަމަށެވެ. ޓައިލެނޯލް އަކީ ޕެރަސެޓަމޯލްގައި ހުންނަ އެސެޓަމިނޯފެންގެ އެންމެ މަޝްހޫރު ބްރޭންޑް ނަމެވެ. އަދި އެމެރިކާގައި ވެސް މިއަށް އާންމުކޮށް ކިޔާ ނަމެވެ.

މުޅި ދުނިޔޭގައި އުފައްދާ ޕެރަސެޓަމޯލްގެ 40 ޕަސެންޓަށް ވުރެ ބޮޑު ބައެއް ބޭނުންކުރަނީ އެމެރިކާ މީހުން ކަމަށް ހިސާބުތަކުން ދައްކަ އެވެ. އަދި އެސެޓަމިނޯފެން ހުންނަ ބޭސްތަކަށް ކޮންމެ އަހަރަކު ހަތަރު ބިލިއަން ޑޮލަރު އެމެރިކާގައި ހޭދަކުރާ ކަމަށް ވެސް ދައްކަ އެވެ.

އެމެރިކާގައި ދަނީ އޯޓިޒަމް ހުންނަ ކުދިން އުފަންވާ ރޭޓް މަތިވަމުންނެވެ. މީގެ ކުރިން 2000 ވަނަ އަހަރުގެ ހިސާބުތަކަށް ބަލާއިރު އޯޓިޒަމް ހުންނަ ކުދިން އުފަންވާ ރޭޓަކީ ކޮންމެ 150 ކުއްޖަކުން އެއް ކުއްޖެކެވެ. އެކަމަކު މިހާރު ކޮންމެ 30 ކުއްޖަކުން އެއް ކުއްޖަކީ އޯޓިސްޓިކް ކުއްޖެކެވެ. މާބަނޑު ދުވަސްވަރު ޕެރަސެޓަމޯލް ބޭނުންކުރުމާ އޯޓިޒަމް ނުވަތަ އޭޑީއެޗްޑީ ފަދަ ނިއުރޯޑިވެލޮޕްމަންޓަލް ޑިސްއޯޑާސްތައް ހުންނަ ކުދިން ލިބުމާ ނަންބަރުތަކުން ގުޅުވާލެވިދާނެ ދިރާސާތައް ވެސް ޝާއިއުކޮށްފައި އެބަހުއްޓެވެ.

ނަމަވެސް ވަކި ކަމަކާ ގުޅޭ ގޮތަށް ނަންބަރުތަކުން މިހެން ކަމެއް ދިމާވާ ގޮތަށް ދިރާސާއެއްގައި ފެނުމަކީ ކަމުގެ ސަބަބު ހޯދުމެއް ނޫނެވެ.

މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުންކުރި މީހުންނަށް އޯޓިސްޓިކް ކުދިން ގިނައިން ލިބިފައިވުމާ އެ ބޭހާ ގުޅުވޭ ސައިންޓިފިކް، ސާބިތު ހެއްކެއް ނެތެވެ. ޕެރަސެޓަމޯލްއާ އޯޓިޒަމްއާ ނަންބަރުތަކުން ގުޅުވޭ ދިރާސާތަކުގައި ވެސް އޯޓިޒަމްގެ ސަބަބަކީ ޕެރަސެޓަމޯލް ކަމަކަށް ނުބުނެ އެވެ. އަދި އޭގެ ހެއްކެއް ވެސް ނެތެވެ. ބުނެފައިވަނީ އޯޓިޒަމްއާ ގުޅެނީ އެހެން ސަބަބުތަކެއް ކަމަށެވެ.

އޭގެ ތެރޭގައި އެންމެ ބޮޑު އެއް ސަބަބަކީ މަންމަ އާއި ބައްޕަގެ ޖެނެޓިކްސް އެވެ. މިއީ އޯޓިސްޓިކް ކުއްޖަކު ލިބުމަށް މެދުވެރިވާ ސަބަބެއްގެ ގޮތުގައި ސައިންސްޓިފިކް ގޮތުން ސާބިތުކުރެވޭ ކަމެކެވެ. މައި މީހާގެ ދިރިއުޅުމުގެ ވައްޓަފާޅި ނުވަތަ ލައިފްސްޓައިލާއި މާހައުލުގެ ހާލަތާ، ޕެރަސެޓަމޯލް ބޭނުންކުރަންޖެހުމާ ގުޅުން ހުރެ އެވެ. އެއީ ވައިރަލް އިންފެކްޝަންތަކާއި ސިއްހީ އެހެން މައްސަލަތައް ވެސް ފަސޭހައިން ދިމާވާ ސަބަބަކަށް ވާތީ އެވެ. ޕެރަސެޓަމޯލްގެ ސަބަބުން އޯޓިޒަމަށް މަގު ފަހިވާ ކަމުގެ ހެއްކެއް ނެތް އިރު، ޕެރަސެޓަމޯލް ބޭނުންކުރަންޖެހޭ ހާލަތަށް މައިމީހާ ގެންދާ ސަބަބުތަކުގެ ތެރޭގައި ވެސް އޯޓިޒަމަށް މަގު ފަހިކުރުވާ ކަންކަން ހުރި ކަމަށް ބެލެވެ އެވެ.

މީގެ އިތުރުން ޕެރަސެޓަމޯލްއާ އޯޓިޒަމްއާ އެއްވެސް ގުޅުމެއް ނެތްކަން ސާބިތުކޮށްދޭ ގިނަ ދިރާސާތަކެއް ވެސް އެބަހުއްޓެވެ. މީގެ ތެރެއިން އެންމެ މުހިންމު އެއް ދިރާސާ އަކީ ސްވިޑެންގެ 2.5 މިލިއަން ކުދިން ބައިވެރިކޮށްގެން މިދިޔަ އަހަރު ކުރި ދިރާސާއެކެވެ.

ސްވިޑަންގައި، މާބަނޑު ދުވަސްވަރު މައިމީހާ ޕެރަސެޓަމޯލް ބޭނުންކުރާ ނަމަ އޭނާގެ މެޑިކަލް ރެކޯޑްތަކުގައި އެކަން ހިމަނަ އެވެ. ޕެރަސެޓަމޯލް ބޭނުންކުރި މައިންނަށް އޯޓިޒަމް ހުރި ކުއްޖަކު ލިބުމުގެ ނުރައްކާ ކުޑަ މިންވަރަކަށް އިތުރުވެފައިވާ ކަމަށް ހިސާބުތަކުން ދެއްކި އެވެ. އެކަމަކު ހަމަ އެ މައިން ޕެރަސެޓަމޯލް ބޭނުން ނުކުރާއިރު ލިބުނު ކުދިންގެ މައުލޫމާތާ އެއްކޮށްލުމުން މި ހިސާބު ދިމައެއް ނުވެ އެވެ. [މާނަ އަކީ، ޕެރަސެޓަމޯލް ބޭނުން ނުކުރާއިރު ވެސް އޯޓިސްޓިކް ކުދިން ލިބިފައި ވުމުން ނަންބަރު މަތިވެފައިވުމެވެ.]

"ޕެރަސެޓަމޯލް އިން ގެއްލުން ލިބިދާނެ ކަމަށް ބުނާ ވާހަކައާ ދެކޮޅަށް މިއީ ވަރުގަދަ ހެއްކެއް،" މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ސްޓޮކްހޯމްގެ ކެރޮލިންސްކާ އިންސްޓިޓިއުޓްގެ ޑރ ވިކްޓާ އަހްލްކްވިސްޓް ވިދާޅުވެފައިވެ އެވެ.

އެމެރިކަން ކޮލެޖް އޮފް އޮބްސްޓެޓްރިޝިއަންސް އެންޑް ގައިނަކޮލޮޖިސްޓްސް ފަދަ ސިއްހީ ޖަމިއްޔާތަކުން ބުނާ ގޮތުގައި ޓައިލެނޯލްގައި ހިމެނޭ އެސިޓަމިނޯފެން އަކީ ތަދު ކަނޑުވަން ބޭނުންކުރާ ބޭސްތަކުގެ ތެރެއިން މާބަނޑު ދުވަސްވަރު ބޭނުންކުރަން އެންމެ ރައްކާތެރި އެއް މާއްދާ އެވެ.