23 ސެޕްޓެމްބަރ 2025 - 08:48

މިއަހަރުގެ ބެލޮންޑިއޯ އެވޯޑް ހަފްލާގައި އެންމެ މޮޅު ކްލަބްގެ އެވޯޑް ޕީއެސްޖީއަށް ލިބުނު ރޭ، ފްރާންސް ލީގުގައި އެ ޓީމު ކުޅުނު ވާދަވެރި ޑާބީ މެޗުގައި މާސޭ އަތުން 1-0 އިން ބަލިވެއްޖެ އެވެ.

ޕީއެސްޖީ އާއި މާސޭ އަކީ ފްރާންސް ފުޓްބޯޅައިގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ދެ ކްލަބެވެ. އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ފްރާންސްގެ ހަމައެކަނި ދެ ކްލަބަކީ ވެސް މާސޭ އާއި ޕީއެސްޖީ އެވެ.
މާސޭގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ހަމައެކަނި ގޯލު ފަސްވަނަ މިނިޓުގައި ޖަހައިދިނީ ނާއެފް އައުގާޑް އެވެ. މިއީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން މާސޭ އަމިއްލަ ދަނޑުގައި ޕީއެސްޖީ ބަލިކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ 2017 އަށް ފަހު އަމިއްލަ ދަނޑުގައި މާސޭ އިން ޕީއެސްޖީ ކޮޅަށް ލަނޑު ޖެހި ފުރަތަމަ މެޗެވެ.
"އަހަރެމެންނަކީ އާއްމުކޮށް މެޗުތަކުން ބަލިވާ ޓީމެއް ނޫން. އަހަރެންނަށް ހީވަނީ ކުޅުން ގޯހެއް ނޫން ހެން، އަދި މިއަށްވުރެ ރަނގަޅު ނަތީޖާއެއް އަހަރެމެންނަށް ހައްގު ހެން. މިގޮތަށް ބަލިވުމަކީ މިއީ އުނދަގޫކަމެއް އެކަމަކު އަހަރެމެންގެ ޓީމަކީ ޗެމްޕިއަނުންގެ ޓީމެއް އެހެންވެ އަހަރެމެން ވިސްނާނީ ދެން އޮންނަ މެޗަކަށް ރަނގަޅަށް ތައްޔާރުވާން،" މި ސީޒަންގެ ފުރަތަމަ ބައްޔާ ގުޅޭގޮތުން ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުންޏެވެ.
އަނިޔާގެ ސަބަބުން މި މެޗުގެ ސްކޮޑުގައި ޕީއެސްޖީގެ މުހިއްމު ކުޅުންތެރިން ކަމަށްވާ އުސްމާން ޑެމްބެލޭ އާއި ޑެޒިރޭ ޑޫއޭ އަދި ޔާއޯ ނެވޭސް ނުހިމެނެ އެވެ.
މި މެޗު އާދިއްތަ ދުވަހު ކުޅެން އޮތް ނަމަވެސް މެޗު ފަސްކުރީ މޫސުން ގޯސްވުމާ ގުޅިގެންނެވެ. އިއްތިފާގުން މެޗު ކުޅޭ ގަޑިއާ ދިމާވީ، އެވޯޑް ހަފުލާއާ އެވެ.
ބެލޮންޑިއޯ ހަފްލާގައި އަހަރުގެ އެންމެ މޮޅު ކްލަބަކަށް ޕީއެސްޖީ ހޮވުނު އިރު، އެވޯޑާ ހަވާލުވީ ކްލަބްގެ ރައީސް ނާސިރު އަލް ޚަލީފީ އެވެ. އެ ޓީމު ވަނީ މިދިޔަ ސީޒަންގައި ލީގާއި ފްރެންޗް ކަޕް އަދި ފްރެންޗް ސުޕަ ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ. އަދި ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލްގައި ވެސް ޕީއެސްޖީ ވާދަ ކުރި އެވެ.
އެންމެ މޮޅު ކްލަބްގެ އެވޯޑް ޕީއެސްޖީއަށް ލިބުނު އިރު، އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ބެލޮންޑިއޯ ކާމިޔާބުކުރީ އެ ޓީމުގެ ފްރާންސް ވިންގާ އުސްމާން ޑެމްބެލޭ އެވެ. އަނިޔާގެ ސަބަބުން މެޗުގެ ސްކޮޑުގައި ނުހިމެނޭތީ ޑެމްބެލޭ ވަނީ އެވޯޑް ހަފްލާގައި ބައިވެރިވެފަ އެވެ.