ޔަމާލް ފަހަތަށް ޖައްސާލައި ޑެމްބެލޭ ބެލޮންޑިއޯ ކާމިޔާބުކޮށްފި
ޔަމާލް ފަހަތަށް ޖައްސާލައި ޑެމްބެލޭ ބެލޮންޑިއޯ ކާމިޔާބުކޮށްފި

ފުޓްބޯޅައިގެ އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ ބެލޮންޑިއޯ، ޕީއެސްޖީގެ ފްރާންސް ފޯވާޑް އޮސްމާނޭ ޑެމްބެލޭ މިރޭ ހާސިލްކޮށްފި އެވެ.

ޔަމާލް ފަހަތަށް ޖައްސާލައި ޑެމްބެލޭ ބެލޮންޑިއޯ ކާމިޔާބުކޮށްފި
ޔަމާލް ފަހަތަށް ޖައްސާލައި ޑެމްބެލޭ ބެލޮންޑިއޯ ކާމިޔާބުކޮށްފި

ފްރާންސްގެ މަޝްހޫރު ފުޓްބޯޅަ މަޖައްލާ "ފްރާންސް ފުޓްބޯލް" އިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ މި އެވޯޑް ޑެމްބެލޭ ކާމިޔާބުކުރީ ޕެރިހުގައި މިރޭ އޮތް ހަފުލާގައި، ބާސެލޯނާގެ ސްޕެއިން ފޯވާޑް ލަމީން ޔަމާލްއާ ވާދަކޮށްގެންނެވެ.

ޑެމްބެލޭ އަކީ، ޕީއެސްޖީން އެ ކްލަބުގެ ތާރީހުގައި ޔޫރަޕުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް، މިދިޔަ ސީޒަނުގައި ހޯދިއިރު އެންމެ މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އެ ޓީމާ އެކު ފްރާންސް ލީގާއި، ފްރެންޗް ކަޕާއި، ޔުއެފާ ސުޕަ ކާމިޔާބުކޮށް، ފީފާ ކްލަބް ވޯލްޑް ކަޕުގެ ދެ ވަނަ ވެސް ހޯދައިފަ އެވެ. ނިމުނު ސީޒަނުގައި 53 މެޗުން 35 ވެސް ޖެހި އެވެ.

"އަހަރެން މިހިރީ ބަސްހުއްޓިފައި،" އުމުރުން 28 އަހަރުގެ ޑެމްބެލޭ ބުންޏެވެ. "މިއީ އިންޑިވިޖުއަލް އެވޯޑެއް އެކަމަކު ޓީމުގެ މަސައްކަތުން އަހަންނަށް އެވޯޑް ލިބުނީ."

މި އެވޯޑް 2005 ގައި ކާމިޔާބުކުރި ބްރެޒިލްގެ ލެޖެންޑް ރޮނާލްޑީނިއޯގެ އަތުން މިރޭ އެވޯޑް ހާސިލްކުރި ޑެމްބެލޭ ބުނީ ބެލޮންޑިއޯ އެއްވެސް އިރެއްގައި ޓާގެޓެއް ނޫން ކަމަށާއި، މަސައްކަތްކުރީ ޕީއެސްޖީ އަށް ޗެމްޕިއަންސް ލީގު ހޯދައިދޭން ކަމަށެވެ.

ބާސެލޯނާގައި ހޭދަކުރި ދުވަސްވަރު ސިލްސިލާކޮށް އަނިޔާގެ މައްސަލަ ދިމާވެ ކެރިއަރު އިތުރަށް ކުރިއަށް ނުގެންދެވިދާނެ ކަމުގެ ބިރު ވެސް ހީވި ޑެމްބެލޭ އޭނާގެ ކުރީގެ ފޯމަށް އެޅުނީ ޕީއެސްޖީ އަށް 2023 ގައި ބަދަލުވި ހިސާބުންނެވެ.

މިރޭ ޑެމްބެލޭ އެވޯޑް ހޯދަން އެ ކުޅުންތެރިޔަކާ ވާދަކުރި އުމުރުން 18 އަހަރުގެ ޔަމާލް ސީނިއާ ކެރިއަރު ފެށީ އެ އަހަރު ބާސެލޯނާ އިންނެވެ. ބެލޮންޑިއޯ ނުލިބުނު ނަމަވެސް، ދެ ވަނަ އަށް ދިއުމަކީ ވެސް ޔަމާލްގެ އުމުރާ ބަލާއިރު ބޮޑު ކާމިޔާބެކެވެ.

މިދިޔަ ސީޒަނުގައި ބާސެލޯނާއާ އެކު ސްޕެނިޝް ލީގާއި، ސްޕެނިޝް ކަޕް ކާމިޔާބުކުރި ޔަމާލް ވަނީ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ކެޕާ އެވޯޑް މިރޭ ދިފާއުކޮށްފަ އެވެ.

ބެލޮންޑިއޯގެ ތިން ވަނަ އަކީ ޕީއެސްޖީގެ ޕޯޗުގީޒް މިޑްފީލްޑަރު ވިޓީނާ އެވެ. ހަތަރު ވަނަ އަށް ލިވަޕޫލުގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު ދިޔައިރު، ފަސް ވަނަ އަކީ، ބާސެލޯނާގެ ބްރެޒިލް ވިންގާ ރަފީނިއާ އެވެ.

އެންމެ މޮޅު ކޯޗުގެ މަގާމް ލިބުނީ ޕީއެސްޖީގެ ލުއިން އެންރީކޭ އަށެވެ. އެންމެ މޮޅު ގޯލްކީޕަރަކީ ޕީއެސްޖީ އަށް ކުޅުމު ފަހު މިހާރު މެންޗެސްޓާ ސިޓީ އަށް ބަދަލުވެފައިވާ އިޓަލީގެ ޖިއަންލުއިޖީ ޑޮންނަރުއްމާ އެވެ. އެންމެ މޮޅު ފޯވާޑަކަށް ހޮވުނީ ސްޕޯޓިން ލިސްބަންގައި މިދިޔަ ސީޒަނުގައި ޖާދޫ ދެއްކި ސްވިޑަން ފޯވާޑް ވިކްޓަ ޔޯކެރޭސް އެވެ. އޭނާ މި ސީޒަނުގައި ކުޅެނީ އާސެނަލަށެވެ.

އަހަރުގެ އެންމެ މޮޅު ޓީމުގެ އެވޯޑް ލިބުނީ ޕީއެސްޖީ އަށެވެ. ފްރާންސް ލީގުގައި މިރޭ ޕީއެސްޖީގެ މެޗެއް އޮތުމުން އެ ޓީމުގެ ކޯޗާއި، ގިނަ ކުޅުންތެރިންނަށް ހަފުލާގައި ބައިވެރިނުވެވުނެވެ. އެންމެ މޮޅު ޓީމުގެ އެވޯޑާ ހަވާލުވީ ކްލަބުގެ ރައީސް ނަސީރު އަލް ޚެލައިފީ އެވެ.