22 ސެޕްޓެމްބަރ 2025 - 23:28

އެމެރިކާގެ އެކުވެރި ބައެއް ގައުމުތަކުން ވެސް ފަލަސްތީނުގެ ދައުތައް ބަލައިގަތުމަށް ނިންމާފައި ވާއިރު އެއީ ފައިދާއެއް ނުކުރާނެ މަސައްކަތެއްގެ ގޮތުގައި ވައިޓް ހައުސް ބުނެފި އެވެ.
"ސާފުކޮށް ބުނާ ނަމަ، ރައީސް ގަބޫލުކުރައްވަނީ އެކަމުން ފައިދާވާނީ ހަމާސްއަށް ކަމަށް. އެހެންވެ، އަޅުގަނޑުމެންގެ އެކުވެރި ބައެއް ގައުމުތަކުން ވެސް ފަލަސްތީނުގެ ދައުލަތް އިއުލާނުކުރުމަކީ ވާހަކަ ގިނަވެ އަދި އަމަލުން ކަމެއް ނުވެ ނަތީޖާ ނުނެރެވޭ ކަމަށް ވެދާނެ،" ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް ވިދާޅުވި އެވެ.
އެމެރިކާގެ އެކުވެރި އިނގިރޭސި ވިލާތުން ވެސް ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަނެ އެކަން އިއުލާނުކޮށްފަ އެވެ. އެ ގައުމުގެ އިތުރުން އޮސްޓްރޭލިއާ އާއި ކެނެޑާއިން ވެސް ވަނީ ފަލަސްތީނު ބަލައިގެންފަ އެވެ.
މީގެ އިތުރުން ފްރާންސާއި ޕޯޗުގަލްއާ އެކު އިތުރު ދިހަ ވަރަކަށް ގައުމުން އާންމު މަޖިލީހުގައި ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް ބެލެވެ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ބުނެފައިވަނީ ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަކީ ހަމާސް އިން އޮކްޓޫބަރު 7، 2023 ގައި ދިން ހަމަލާތަކަށް އިނާމު ދިނުން ކަމަށެވެ. އެކަމަކު ގައުމުތަކުން ބުނަނީ ހަމާސްގެ ބައިވެރިވުން އޮންނަ ފަލަސްތީނުގެ ދައުލަތް އުފެއްދުމަށް ތާއީދުނުކުރާ ކަމަށެވެ.
އދ.ގެ މެންބަރު 193 ގައުމުގެ ތެރެއިން 75 ޕަސެންޓަކީ މިހާރު ވެސް ފަލަސްތީނުގެ ދައުލަތް ގަބޫލުކުރާ ގައުމުތަކެވެ.