22 ސެޕްޓެމްބަރ 2025 - 22:55

ލޯކަލް ޓޫރިޒަމްގައި ކުރިއަރާފައިވާ ރަށްތަކުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަންނަ އަހަރުގެ ކުރީކޮޅު އިތުރު 40 ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މުލީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މި އަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަކީ އެ މަނިކުފާނުގެ ވައުދެއް ކަމަށެވެ. އެކަމަކު އަހަރު ނިމެން ދެ މަސް ކުރިން އެކަން މިހާރު ވެސް ހާސިލު ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ޑޮލަރު އޭޓީއެމް ބަހައްޓަން އެ މަނިކުފާނު ކުރިން ވައުދުވެވަޑައިގަތީ ވަރަށް މަދު ރަށްތަކެއްގައި ކަމަށް ވިޔަސް އެއީ ވަރަށް މުހިއްމު ކަމަކަށް ވާތީ އިތުރު ރަށްތަކެއްގައި ޑޮލަރު އޭޓީއެމް ބަހައްޓަން ވަނީ ނިންމަވައިފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކުރުމާއި ޓޫރިޒަމް ވިޔަފާރީގައި ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ޑޮލަރު އޭޓީއެމް މުހިއްމު ކަމަށެވެ. އަދި ލޯކަލް ޓޫރިޒަމްގައި އުޅޭ ރަށްތަކުން އޭޓީއެމް ބަހައްޓައި ދޭން ވެސް އެދެމުން އަންނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އޭގެ ފައިދާ އެ ވިޔަފާރިތަކަށާއި އަދި ބޭންކިން ނިޒާމަށް ވެސް ލިބޭނެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ޑޮލަރު އޭޓީއެމް ބަހައްޓާނީ ލޯކަލް ޓޫރިޒަމްގައި އެންމެ ކުރިއަރާފައިވާ ރަށްތަކުގެ ތަރުތީބުން ކަމަށެވެ. އެކަން އަންނަ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ފަށާނެ ކަމަށް ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑު ވާނީ ބޭންކުގައި ދަންނަވާފައި [އޭޓީއެމް ބެހެއްޓުމަށް] ރާއްޖޭގައި ހުރިހާ އާބަން ސެންޓަރުތަކެއްގައި ޑޮލަރު އޭޓީއެމް ނުބެހެއްޓޭ ރަށްތަކާއި ސިޓީތަކުގެ ތެރެއިން ޑޮލަރު އޭޓީއެމް ނުބެހެއްޓޭ ތަންތަނާއި ލޯކަލް ޓޫރިޒަމްގައި އެންމެ ކުރިއަރާފައިވާ ރަށްތަކުގެ ތަރުތީބުން ނަގައިގެން ޖުމްލަ 40 ރަށުގައި، އިތުރު 40 ރަށުގައި މި އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެއީ ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ ފުރަތަމަ ފިޔަވައްސެވެ. އޭގެ ސަބަބުން ޑޮލަރުގެ އަގު މައްޗަށް ދާ މައްސަލައަށް ރަނގަޅު ހައްލެއް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ބޭންކު މެދުވެރިކޮށް ދެން އަޅާ ފިޔަވަޅެއްގެ ގޮތުގައި ރައީސް ވިދާޅުވީ ރާއްޖެ އިން ބޭރުގައި ޑެބިޓް ކާޑުތަކުން ޕީއޯއެސް މެދުވެރިކޮށް ޑޮލަރު ކެނޑޭ އަދަދު 500ރ. އިން 1،000ރ. އަށް އިތުރުކުރުމެވެ. އެ ބަދަލު ގެންނަނީ ބީއެމްއެލްގެ އަހަރީ ދުވަހާ ގުޅުވައިގެން އަންނަ ނޮވެމްބަރު 11 ގަ އެވެ.
ހަމަ އެ ތާރީހުން ފެށިގެން އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖެ އިން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3،000 ޑޮލަރަށް ބޮޑު ކުރަން ނިންމާފައިވާކަން ވެސް ރައީސް މުއިއްޒު މިރޭ އިއުލާން ކުރެއްވި އެވެ.