ފަސް ޖެހުމެއް ނެތް، ހުރީ އަސްލެއް ނެތް ވާހަކަތަކެއް: މަސީހް
ފަސް ޖެހުމެއް ނެތް، ހުރީ އަސްލެއް ނެތް ވާހަކަތަކެއް: މަސީހް

ރައްޔިތުންގެ މަޖިލީހުގައި ގާނޫނުއަސާސީ އާއި ގަވާއިދުތަކާ ހިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި އެއްވެސް އަސްލެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ޖަލްސާގައި ޖަވާބުދާރީވެވަޑައިގަތުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި މަސީހު ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި މަޖިލީހުގެ މެމްބަރުންގެ އިއްޒަތާއި ޝަރަފް ހިފަހައްޓަން މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި މަސައްކަތްކޮށް، މަޖިލީހުގައި އަދާކުރަން ޖެހޭ ދައުރު އަދާކުރެއްވީ ފަސް ޖެހުމެއް ނެތި ކަމަށް ވެސް މަސީހް ވިދާޅުވި އެވެ.

"ގައުމުގެ ހެވާއި ލާބައަށާއި ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށް، ރައްޔިތުންގެ ހައްގުގައި އާއި މެމްބަރުންގެ އަރިހުގައި މަސައްކަތްކޮށް މަޖިލީހުގައި ދައުރު އަދާ ކުރަނީ ފަސްޖެހުމެއް ނެތި،" މަސީހު ވިދާޅުވި އެވެ.

މަސީހު ވިދާޅުވި ގޮތުގައި 18 ވަނަ މަޖިލީހަށް ތިން އަހަރު ފުރެން ކައިރިވެފައި ވަނިކޮށް، އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި އޮތީ ކަން އޮތް ގޮތަކަށް ނޫނެވެ. އަދި އެ މައްސަލަ ހުށަހެޅީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށްފައި ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މަސީހު ވަނީ، 26 މެމްބަރުންގެ ސޮޔާއެކު އެމަނިކުފާނުގެ މައްޗަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައިގައި ފާހަގަކުރި ހަތް ނުކުތާއަކަށް ރައްދު ދެއްވައިފަ އެވެ. އަދި މިދިޔަ އަހަރު ޖަލްސާތައް ނިންމާލިއިރު، 98.9 ޕަސަންޓު "ޕްރޮޑަކްޓިވިޓީއެއް" ހާސިލްކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިިކުފާނު ވިދާޅުވި ގޮތުގައި މަޖިލީހުގެ ޖަލްސާއަކަށް ބިލެއް ފޮނުވާފައިވަނިކޮށް، އެ އެޖެންޑާ ނުކުރާ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެކެވެ. އަދި މަޖިލީހުގެ ތަޅުމުގައި ހުށަހަޅާ ކަންކަން އިތުރަށް ދިރާސާކުރަން ކޮމެޓީތަކަށް އަންނަނީ ފޮނުވަމުންނެވެ.

"ކޮމެޓީތައް ބޭއްވުމާއި ހަލުވިކުރުމަކީ ކޮމެޓީތަކުގެ މުގައްރިރުންގެ މަސްއޫލިއްޔަތެއް، މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދަން އަބަދުވެސް ދަންނަވަން، އެކަމުގެ ނަތީޖާ ދަނީ ހާސިލްވަމުން،" މަސީހު ވިދާޅުވި އެވެ.

މީގެ އިތުރުން މިހާތަނަށް މަޖިލީހުގައި ނުނިމި ވަނީ ހަ ބިލެއް ކަމަށާއި ކޮމެޓީތަކަށް ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިން ހާޒިރު ނުކުރާ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މަސީހު ވިދާޅުވި ގޮތުގައި މަޖިލީހެއް ބިލެއްގެ ފުރަތަމަ ކިއުން އިއްވުމަށްފަހު ބިލު ދިރާސާ ކުރަން ތިން ދުވަހުގެ ފުރުސަތެއް ލިބެ އެވެ. ބިލަކަށް އިސްލާހެއް ހުށަހަޅަން ބޭނުންވާނަމަ، މަޖިލީހުގެ ގަވާއިދުގައިވާ އުސޫލުން ހުށަހެޅުމުގެ ފުރުސަތު އަބަދުވެސް އޮންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މަޖިލީހުގެ ތަޅުމަށް ހުށަހަަޅާ ބިލުތަކާއި ގަރާރުތަކަށް ބަހުސް ކުރުމުގެ ވަގުތު ކަނޑައެޅުމުގެ އުސޫލު ގަވާއިދުގައި އޮންނަ ކަމަށާއި އެކަމުގައި މަޖިލީހުގެ ރިޔާސަތުގެ ދައުރެއް ނޯންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މެމްބަރުންނަށް ވާހަކަ ދައްކަވަން ފުރުސަތު ދެނީ އެ މެމްބަރަކު ހިމެނިވަޑައިގަންނަވާ ޕާޓީއެއްގެ ޕާލަމެންޓްރީ ގްރޫޕުން ހަމަޖައްސާ ގޮތެއްގެ މަތިން ކަމަށް މަސީހު ވިދާޅުވި އެވެ.

"ރިޔާސަތުން މަސައްކަތް ކުރައްވަނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް. މަޖިލީހުގެ ރައީސަކީ ބިލު ހުށަހެޅުމުގެ ފުރުސަތު ނެތް ބޭފުޅެއް. ވާހަކަ ދައްކަން ވެސް ފުރުސަތެއް ނުލިބޭ، ހުށަހެޅިފައި އޮތް މި މައްސަލައަށް ނޫނީ،" މަސީހު ފާހަގަކުރެއްވި އެވެ.

ހަމައެއާއެކު، ވަކިވަކި މަގާމުތަކަށް މީހުން އައްޔަންކޮށް، ވަކިކުރުމާ ގުޅޭ ގޮތުން ގާނޫނުއަސާސީ އާއި ގަވާއިދުތަކުގައި ވަނީ ބަޔާންކުރައްވާފައި އޮންނައިރު، އެ އިޖުރާއުތަކާ ހިލާފަށް އެއްވެސް މަސައްކަތެއް މަޖިލީހުގެ ރައީސަކަށް ނުކުރެއްވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މަސީހު ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސަކީ މަޖިލީހުގެ ރައީސްގެ ބޭނުމަކީ މަޖިލީހަށް ހުށަހަޅާ ކަންކަން ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށް ދިނުމެވެ. މަޖިލީހުގެ އަޣުލަބިއްޔަތުން ކަމެއް ނިންމުމުން އެކަން ބަދަލު ކުރުމުގެ އެއްވެސް އިހްތިޔާރެއް ނުވަތަ ބާރެއް ގާނޫނުއަސާސީންނާއި މަޖިލީހުގެ ގަވާއިދުން މަޖިލީހުގެ ރައީސަށް ލިބިދީފައިނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.