22 ސެޕްޓެމްބަރ 2025 - 21:06

ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ޓީމުގައި ހިމެނުނު ގޯލްކީޕަރު އިބްރާހީމް އިފްރާހު އަރީފް (އިފުރާ) އަށް ސްޓްރޯކެއް ޖެހި އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކީޕަރުންގެ ތެރޭ ހިމެނޭ އިފުރާ އަށް ޖެހުނު ހެމޮރެޖިކް ސްޓްރޯކުގެ ސަބަބުން ސިކުނޑި އަށް ވަނީ ލޭ އެޅިފައިވާ ކަމަށް އާއިލާ އިން މައުލޫމާތު ދިން މީހަކު ބުންޏެވެ. ލޭތައް ނެގުމަށް މިއަދު ހަވީރު ވަނީ ސާޖަރީއެއް ވެސް ހަދައިފަ އެވެ.
"ސާޖަރީ ހެދި ނަމަވެސް، އަދިވެސް އެއްކޮށް ލޭތައް ނުނެގޭ،" އާއިލާ މެމްބަރަކު ބުންޏެވެ.
އެެހެންވެ އިފުރާ މިވަގުތު އޮތީ ސިކުނޑީގެ ދުޅަ ތިރިކުރުމަށްޓަކައި މެޑިކަލީ އިންޑިއުސްޑް ކޯމާއެއްގަ އެވެ.
ވެލެންސިއާ އިން ކެރިއަރު ފެށުމަށް ފަހު، މާޒިޔާގައި ވިދާލި އިފުރާ އަކީ، އެ ދުވަސްވަރު ރާއްޖޭގެ އެންމެ އުއްމީދީ ކީޕަރެވެ. އޭނާ ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ. އަދި 23 އަހަރުން ދަށުގެ ޓީމާ އެކު އޭޝިއަން ގޭމްސް، ސައުތު އޭޝިއަން ގޭމްސް، އަދި އޮލިމްޕިކް ކޮލިފައިންގައި ވާދަކުރި އެވެ. މީގެ ތެރެއިން އޮލިމްޕިކް ކޮލިފައިންގައި އޭނާ ދެއްކި މޮޅު ކުޅުން ގިނަ ބަޔެއްގެ ހަނދާނުގައި ހަރުލާފައިވެ އެވެ.
އިފުރާ ސީނިއާ ޓީމުގައި އެންމެ ފުރަތަމަ ހިމެނުނީ 2007 ގަ އެވެ. އޭގެ ފަހުން ގިނަ އަހަރުތަކެއްގައި ގައުމީ ސްކޮޑުގައި މަގާމް ދެމެހެއްޓި އެވެ. އޭނާގެ ކެރިއަރުގެ އެންމެ ހާއްސަ ކާމިޔާބަކީ 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނުމެވެ. އިފުރާ އަކީ އެ ފަހަރު ތަޖުރިބާކާރު ދެ ކީޕަރުން ކަމަށްވާ އިމްރާން މުހައްމަދާއި، ހަސަން ރަމީޒް (ޓިމޮޓީ) ގެ ފަހަތުން ޓީމުގެ ރިޒާވް ކީޕަރެވެ.
އިފުރާ ވަނީ ނިއު ރޭޑިއަންޓާއި، ވިކްޓްރީ އާއި، ބީޖީ ސްޕޯޓްސް އާއި ޓީސީ ސްޕޯޓްސް އަށް ވެސް ގިނަ އަހަރުތަކެއް ކުޅެ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ.