22 ސެޕްޓެމްބަރ 2025 - 20:59

"ތައިރަނޯމް 25 މައިކްރޯގްރާމް" އަކީ އާސަންދަ ސްކީމުން ދޫކުރާ ބޭހެއް ކަމަށާއި އެ ބޭސް އާސަންދައިގެ ދަށުން ނުލިބޭ ނަމަ، "ޝިކާވަތި" ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހަޅަން އެ ކުންފުނިން އެދިއްޖެ އެވެ.
އާސަންދައިން މިހެން ބުނެފައި މިވަނީ ހަ އަހަރުގެ ކުއްޖަކަށް ގަވާއިދުން ދޭ ބޭސް އެސްޓީއޯގެ ހެންވޭރު ފާމަސީގައި ނެތުމުން، އޭޑީކޭ ހޮސްޕިޓަލު ކައިރިން ދެތިން ތަނެއް ބެލިއިރު އެތަންތަނުގެ އަގު ދިމާނުވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޑރ. އަބްދުލް އަޒީޒް ހަމީދު ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.
އެ ބޭހަކީ ޑައުންސިންޑްރޯމާއި އޯޓިޒަމް އަދި ހައިޕޯތައިރޮއިޑިޒަމް ހުންނަ ކުދިން ގަވާއިދުން ކާ ބޭހެކެވެ.
ޑރ. އަޒީޒް ވިދާޅުވީ ފުރަތަމަ ބެލި ފާމަސީގައި އެ ބޭސް ހުރީ 90ރ. އަށް ކަމަށާއި އެ ބޭސް އާސަންދައިން ކަވަރު ނުކުރާ ކަމަށް އެ ފާމަސީން ބުނި ކަމަށެވެ. އަދި އެންމެ ފުޅިއަކުން ނުވާތީ އިތުރު ދެ ފާމަސީއެއް ބެލި ކަމަށާއި 120 ގުޅަ ހިމެނޭ ފުޅިއެއްގެ އަގު އެހުމުން އެއް ތަނުން ބުނެފައި ވަނީ 195ރ. އަށް އަދި އަނެއް ތަނުން ބުނެފައި ވަނީ 240ރ.އަށް ކަމަށެވެ. އެކަަމަކު އެއިން އެއްވެސް ތަނެއްގައި ވެސް މި ބޭސް އާސަންދައިން ކަވަރު ނުކުރާ ކަމަށް އެމީހުންނާ ހަވާލާދީ ޑރ. އަޒީޒް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން އާސަންދައިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ތައިރަނޯމް 25 މައިކްރޯގްރާމަކީ އާސަންދަ ސްކީމްގެ ތެރެއިން ފޯރުކޮށްދޭ ބޭހެއް ކަމަށެވެ. ގިނަ ބޭސް ފިހާރަތަކަކުން އެ ބޭސް މިއަދު ވެސް އާސަންދައިގެ ދަށުން ދޫކޮށްފައިވާ ކަމަށާއި އާސަންދައިގެ ދަށުން ލިބޭ ބޭސްތައް އެގޮތަށް ނުލިބޭ ކަމަށް ބުނާ ނަމަ ބޭސް ފިހާރައިގެ މައުލޫމާތާ އެއްކޮށް ރިޕޯޓުކޮށްދޭން އެ ކުންފުނިން ބުންޏެެވެ.
"އާސަންދަ ސްކީމްގެ ތެރެއިން ފޯރުކޮށްދެވޭ މިފަދަ ބޭސް ސްކީމްގެ ތެރެއިން ބޭސް ފިހާރައިން ފޯރުކޮށްނުދޭނަމަ، އެކަން "ޝިކާވަތި" އަށް ބޭސްފިހާރައިގެ މައުލޫމާތާއި އެއްކޮށް ރިޕޯޓްކޮށްދެއްވުން އެދެމެވެ." އާސަންދައިން އެދިފައިވެ އެވެ.