ސަރުކާރުތަކުން އެހީނުވާ ނަމަ ރަނގަޅު މީޑިއާތައް ނެތިދާނެ ކަމުގެ އިންޒާރު އިގްތިސާދީ މާހިރުން ދީފި
ސަރުކާރުތަކުން އެހީނުވާ ނަމަ ރަނގަޅު މީޑިއާތައް ނެތިދާނެ ކަމުގެ އިންޒާރު އިގްތިސާދީ މާހިރުން ދީފި

ރައްޔިތުންގެ މަސްލަހަތަށް މަސައްކަތް ކުރާ "ޕަބްލިކް އިންޓަރެސްޓް މީޑިއާ" ނެތި ހިނގައިދާނެ ކަމުގެ އިންޒާރު އެންމެ ނަގާ ކިޔާ އިގްތިސާދީ މާހިރުން ދެއްވައިފި އެވެ.

އެ އިންޒާރު ދެއްވި އިގްތިސާދީ މާހިރުންގެ ގްރޫޕްގައި ނޯބެލް ސުލްހައިގެ އިނާމު ހޯއްދަވާފައިވާ ދެ ބޭފުޅުން ކަމަށްވާ ޖޯސެފް ސްޓިގްލިޒް އާއި ޑެރޮން އެސެމޮގްލޫ ހިމެނިވަޑައިގަންނަވަ އެވެ. ފެންވަރު ރަނގަޅުކޮށް މީޑިއާތައް ހިންގަން އެހީތެރިވާން އެ ބޭފުޅުން ސަރުކާރުތަކަށް ގޮވައިލެއްވި އެވެ.

ވަޒީފާތައް ގެއްލުމާއި އާމްދަނީ ދަށްވުމާއި އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ކުރިމަތިވާ ނުރައްކާ ހިމެނޭ ގޮތުން މީޑިއާއަތަކަށް ކުރިމަތިވާ މައްސަލަތައް ތަފްސީލުކުރެއްވުމަށް ފަހު މާހިރުން ސަރުކާރުތަކަށް ގޮވައިލީ އިންވެސްޓްކުރުމާއި މީޑިއާ އީކޯ ސިސްޓަމް ބައްޓަންކުރުމުގައި ސަރުކާރުތަކުން އިސް ދައުރެއް އަދާކުރުމަށެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުތަކުން ދުވަނީ އިގްތިސާދީ ތިޔާގިކަން ހޯދަން، އޭއައިއާ މެދު އޮތް ހުވަފެނުގެ ފަހަތުން މި ޓެކްނޮލޮޖީތަކާ އުއްމީދުތައް ގުޅުވައިގެން،" އެ ބޭފުޅުން ލިޔުއްވާފައިވެ އެވެ. "އެކަމަކު އެ ސަރުކާރުތަކުން 21 ވަަނަ ގަރުނުގެ އިގުތިސާދުގެ ބިންގަލުގައި ހިމެނޭ ވަސީލަތަކަށް އިންވެސްޓެއް ނުކުރޭ. އެއީ ވަކިކޮޅަކަށް ނުޖެހޭ، ކަށަވަރުކުރެވޭ މައުލޫމާތު."

އިޝްތިހާރުކުރުމާއި ނޫސްވިއްކުމުގެ ތެރެއިން މީޑިއާތަކަށް ލިބެމުން އައި އާމްދަނީ އިންޓަނެޓް އުފެއްދީއްސުރެ ދަށްވަމުންދާ ތަން މީޑިއާތަކަށް ދިޔައީ ފެންނަމުންނެވެ. އަދި އަލަށް ތައާރަފްވި ޗެޓްޖީޕީޓީ އާއި ގޫގުލް ޖެމިނައި ފަދަ ޗެޓްބޮޓްތަކާ އެކު މައުލޫމާތު ހޯދަން ނޫސްތަކުގެ ވެބްސައިޓްތަކަށް ވަންނަ މީހުން ވެސް ދަނީ މަދުވަމުންނެވެ.

"ޕަބްލިކް އިންޓަރެސްޓް މީޑިއާތަކުން ފޯރުކޮށްދޭ ރަނގަޅު މައުލޫމާތު މި ކުންފުނިތަކުން ބޭނުންކުރަނީ ފައިދާ ނެރެން،" މާހިރުން ވިދާޅުވި އެވެ.

ޕަބްލިކް އިންޓަރެސްޓް މީޑިއާ ސަލާމަތްކުރުމަށް އިގްތިސާދީ ގޮތުން އަގުހުރި ތެދު މައުލޫމާތަށް އާއްމުން އިސްކަން ދޭން ޖެހޭ ކަމަށާއި އޭރުން ސަރުކާރުތަކުން މީޑިއާތަަކަށް ފަންޑުކޮށް، މީޑިއާތައް ހިމާޔަތްކުރަން ގާނޫނުތައް ހަދާނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.