22 ސެޕްޓެމްބަރ 2025 - 20:38

މީގެ 40 އަހަރު ކުރިން ރާއްޖޭގައި ބިނާ ކުރި އިސްލާމީ މަރުކަޒުގެ ކުރެހުންތައް ކުރެއްސެވި މެލޭޝިއާގެ އާކިޓެކްޓު ހާޖީދާރު ބިން އަބްދުލް މާޖިދު ރާއްޖެ ވަޑައިގެންފި އެވެ.

އިސްލާމީ މަރުކަޒަކީ މެލޭޝިއާގެ ދުވަސްވީ މިސްކިތެއް ކަމަށްވާ ބަންގްސާ މިސްކިތް ނަމޫނާއަކަށް ބަލައިގެން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިރުޝާދުގެ ދަށުން އިމާރާތް ކުރި ރާއްޖޭގެ އެންމެ މުހިންމު އިސްލާމީ ބިނާ އެވެ.
ހާޖީދާރަށް މަރުހަބާ ދެންނެވުމަށް އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ހަފުލާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި މައުމޫނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި މައުމޫން ފައުންޑޭޝަންގެ ވައިސް ޗެއާމަން އަބްދުﷲ ކަމާލުއްދީން ވެސް ބައިވެރިވެޑައިގަތެވެ.
އިސްލާމިކް މިނިސްޓަރު ޝަހީމް ވަނީ އިސްލާމީ މަރުކަޒަކީ "މާސްޓަޕީސް" އެއްގެ ގޮތުގައި ސިފަ ކުރައްވައި ޒަމާނީ ކޮންސެޕްޓަކާ އެކު، ސަގާފީ އިސްލާމީ އާކިޓެކްޗާއެއް ރަމްޒުކޮށްދޭ އެ ފުރިހަމަ ބިނާގެ މަސައްކަތަށްޓަކައި ހާޖީދާރަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ޝަހީމް ވިދާޅުވީ މިއީ ތާރީހީ ވަގުތެއް ކަމަށާއި އިސްލާމީ މަރުކަޒުގެ ޑިޒައިނުގެ ފަހަތުގައިވާ "މާސްޓާމައިންޑް" އާ ބައްދަލުކުރުމަކީ ދިވެހިން ކުރަމުން އައި ދިގު އުއްމީދެއް ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވަނީ ހާޖީދާރަށް އެ މިސްކިތުގެ މޮޑެލްއެއް ވެސް ހަދިޔާކުރައްވައިފަ އެވެ.
އިސްލާމީ މަރުކަޒުގެ މުހިއްމު ކަމަށް އަލިއަޅުއްވާލައްވާ ޝަހީމް ވިދާޅުވީ އެއީ ހިދާޔަތުގެ އަލިކަމާއި އިލްމާއި އަޅުކަމުގެ ގެއެއް ކަމަށާއި ރާއްޖޭގެ އިސްލާމީ ވެރިކަމުގެ މައި ހަބު ކަމަށެވެ.
ޖުމްހޫރީ މައިދާން ކައިރީގައި ނޮވެމްބަރު 11، 1984 ގައި ހުޅުވި އިސްލާމީ މަރުކަޒަކީ ރާއްޖޭގެ އެންމެ ބޮޑު އިސްލާމީ ބިނާ އެވެ. މާލެއަށް އަރައިފައިބާ ޓޫރިސްޓުންގެ ލޯތައް ވެސް ހުއްޓޭ އެ އިސްލާމީ މަރުކަޒުގެ 133 ފޫޓުގެ މުންނާރާ އެކު ދައްކައި ދެނީ ދިވެހިންގެ އިސްލާމީ ވަންތަކަމެވެ.
ހަ މިލިއަން ޑޮލަރު ހޭދަކޮށްގެން އިމާރާތްކޮށްފައިވާ އެ ބިނާގެ މަސައްކަތަށް ސައުދީ އަރަބިއްޔާ އާއި ބުރޫނާއީ އާއި ކުވޭތާއި ޕާކިސްތާނާއި މެލޭޝިއާ އަދި ޔޫއޭއީ އިން އެހީތެރިވި އެވެ.
އިސްލާމީ މަރުކަޒުގެ އިންޖިނިއަރިންގެ ހުރިހާ މަސައްކަތެއް ކުރީ ވެސް މެލޭޝިއާގެ ކުންފުނިތަކުންނެވެ. ހުރިހާ މަސައްކަތެއްގައި އެ ގައުމުގެ ހަތަރު ކުންފުންޏެއް ހިމެނޭއިރު، އެ ގައުމުގެ ފަންސާހަކަށް މީހުން އެ މަސައްކަތްތަކަށް ގެނަ އެވެ.
އެއް ފަހަރާ 4،500 މީހުންނަށް ނަމާދު ކުރެވޭނެ އެ މިސްކިތް ހަދާފައި ވަނީ ތިން ބުރިއަށެެވެ. އިމާރާތުގެ އެންމެ ތިރީބައިގެ ބޮޑުމިނަކީ 27،066 އަކަފޫޓު ހުންނައިރު އެތަނުގައި ފަސް ކްލާހާއި ލައިބްރަރީއަކާއި ކޮންފަރެންސް ހޯލެއް ހުރެ އެވެ.
މައުމޫންގެ އިސްނެންގެވުމާއި އެ މަނިކުފާނުގެ އަގުހުރި މަސައްކަތްޕުޅުތައް ވެސް މި ތަނުން ފެނިގެންދާއިރު މިސްކިތުގެ ނަން ބޯޑުންނާއި މިހުރާބުގެ ތެރެއިން ވެސް ފެންނަނީ މައުމޫންގެ އަތު ލިޔުއްވުމެވެ. މިސްކިތުގެ ނަން "މަސްޖިދުއް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް" ބޯޑުގައި ލިޔުއްވީ ސީދާ މައުމޫންގެ އަތްޕުޅުންނެވެ. މިހުރާބުގެ ތެރޭގައި ފާތިހާ ސޫރަތާއި އާޔަތުލް ކުރުސި ލިޔުއްވީ ވެސް އެ މަނިކުފާނެވެ.