ބެންކޮކް އެއާވޭސް އާއި ބަޓިކް އެއާގެ ހިދުމަތް އާ ޓާމިނަލުން ދޭން ފަށައިފި
ބެންކޮކް އެއާވޭސް އާއި ބަޓިކް އެއާގެ ހިދުމަތް އާ ޓާމިނަލުން ދޭން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލުން ން ބަޓިކް އެއާ އަދި ބެންކޮކް އެއާވޭސްއަށް ހިދުމަތް ދޭން ފަށައިފި އެވެ.

އެމްއޭސީއެލުން ވަނީ ޓާމިނަލް 1 ނުވަތަ އާ ޓާމިނަލުން މި ދެ އެއާލައިނަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ބަޓިކް އެއާ އަދި ބެންކޮކް އެއާވޭސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ވަނީ ހުޅުވައިފަ އެވެ.

އަދި އާ ޓާމިނަލަށް ކައިރި ކުރި ބަޓިކް އެއާގެ ފުރަތަމަ މަތިންދާބޯޓު، އޯޑީ293-5 އަށާއި ބެންކޮކް އެއާވޭސްގެ ފުރަތަމަ މަތިންދާބޯޓު ޕީޖީ711-2 އަށް ވޯޓާ ސެލިއުޓް ދީ، އެ ފްލައިޓުން ރާއްޖެ އައި ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާ އެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ޓާމިނަލް 1 އިން މިހާރު ހިދުމަތް ދޭ އެއާލައިންތަކަކީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން, އެއާ އަރަބިއާ, ބިއޯންޑް, ފިޓްސް އެއާ އަދި ބެއިޖިން ކެޕިޓަލް އެއާލައިންސް އެވެ. މިއަދު ހިދުމަތް ދޭން ފެށި ދެ އެއާލައިނާ އެކު، ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު ވަނީ ހަތަކަށް އިތުރުވެފަ އެވެ.

އާ ޓާމިނަލުގެ ބޭނުން ކުރަންފެށީ މިދިޔަ ޖުލައި 26 އިން ފެށިގެންނެވެ. އާ ޓާމިނަލުން އެންމެ ފުރަތަމަ ހިދުމަތް ދޭން ފެށީ މޯލްޑިވިއަނުން ދަތުރުކުރި ފަސިންޖަރުންނަށެވެ.

އެ ޓާމިނަލްގެ މަސައްކަތް ފެށީ 2016 ވަނަ އަހަރު އެވެ. އެ ޓާމިނަަލަށް ވަނީ 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޭދަކޮށްފަ އެވެ.