މާލީ ބަޔާންތައް ހަރުދަނާކުރަން އިސްލާހުތަކެއް ހުށަހަޅުއްވައިފި
މާލީ ބަޔާންތައް ހަރުދަނާކުރަން އިސްލާހުތަކެއް ހުށަހަޅުއްވައިފި

ދައުލަތުގެ މަގާމުތައް ފުރަމުން އަންނަ މީހުންނާއި ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމުތަކުގައި މަސައްކަތްކުރާ މީހުންގެ ނަމުގައި ހުންނަ މުދަލާއި ވިޔަފާރި އާއި މާލީ މަސްލަހަތުތަކުގެ ބަޔާން ހާމަކުރުމަށް މިހާރު ގެންގުޅޭ އުސޫލު ހަރުދަނާ ކުރުމަށް އިސްލާހުތަކެއް ގެނައުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

މިހާރު އޮންނަ ގޮތުން މަޖިލީހަށް ހޮވޭ މެމްބަރުން އެންމެ ފުރަތަމަ ބަޔާން ހުށަހަޅަން ޖެހެނީ މެމްބަރުން އިންތިހާބުވެ، ހުވާކުރުމަށް ފަހު އެއް އަހަރު ވުމުންނެވެ. އެކަމަކު އެއީ ރަނގަޅު ގޮތެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ އިދިކޮޅު އެމްޑީޕީގެ މެމްބަރު ކުޑޫ ވިދާޅުވީ މެމްބަރުން ދައުރު ފަށާއިރު އެ ބޭފުޅުންގެ އަތުގައި ހުރީ ކޮން އެއްޗެއްކަން އަދި މަސްލަހަތު އޮންނަ ވިޔަފާރިތަކަކީ ކޮބައިކަން ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ.

އެހެންވެ، ދައުރު ފަށާއިރު އެ މެމްބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާ އާއި ވިޔަފާރީގެ މަސްލަހަތާއި އަރަންޏާއި ދަރަނި ހާމަކުރުމުގެ ގޮތުން މަގާމުގެ ހުވާކުރި ދުވަހުގެ ހާލަތު އަންގައިދޭ ބަޔާނެއް ހުށަހަޅަން ޖެހޭ ގޮތަށް އިސްލާހު ގެންނަން ކުޑޫހެ ހުށަހެޅުއްވުމުގައި ވެ އެވެ. އަދި 30 ދުވަހުގެ ތެރޭގައި އެ ބަޔާން ހުށަހަަޅަން ޖެހޭ ގޮތަށް ކުޑޫގެ އިސްލާހުގައި ބަޔާންކޮށްފައި ވެ އެވެ.

މަޖިލިހުގެ މެމްބަރުންގެ މާލީ ބަޔާނަކީ ރާއްޖޭގެ ޗާޓަޑް އެކައުންޓެންޓްސް އިންސްޓިޓިއުޓުން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރަކު ވެރިފައި ކޮށްފައިވާ ބަޔާނަކަށް ވާންޖެހޭ ކުޑޫ ހުށަހެޅުއްވި އެވެ.

އެ އިސްލާހުގައި ވަނީ މިނިސްޓަރުންނާއި ސަރުކާރު ކުންފުނިތަކުގެ އިސްވެރިންގެ މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތްތަކެއް ވެސް ހިމަނައިފަ އެވެ.

- މިނިސްޓަރުންގެ މުދަލާއި ފައިސާގެ ބަޔާން ހުށަހަޅަންޖެހޭ ވަކި މުއްދަތެއް ތާރީހެއް އަދި ނެތް. އެ މީހުންގެ މަގާމުގެ ދައުރު ފަށާއިރު މިލްކިއްޔާތުގައި ހުރީ ކޮން އެއްޗެއް ކަމާއި މަސްލަހަތު އޮންނަ ވިޔަފާރިތަކަކީ ކޮބައިކަން ހާމަކުރުން.

- މިނިސްޓަރުން ކޮންމެ އަހަރަކު އެއް ފަހަރު، އެ ބޭފުޅެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް، ތައްޔާރުކުރާ މުދަލާއި ފައިސާގެ ބަޔާނެއް މަޖިލީހާއި އޮޑިޓަ ޖެނެރަލަށް ހުށަހެޅުން.

- ކަނޑައަޅާފައިވާ މުއްދަތުގައި ބަޔާން ހުށަނާޅާ ނަމަ އެ ބަޔާން ހުށަހެޅުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް އެ މިނިސްޓަރެއްގެ މުސާރައިން ދުވާލަކަށް ޖެހޭ އަދަދު ކެނޑުން.

- މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި މުސްތަގިއްލު މަގާމުތަކުގެ ބޭފުޅުން ވެސް އޭގެ ތެރޭގައި ހިމަނައި އެ ބޭފުޅުން ވެސް މަގާމާ ހަވާލުވި ތާރީހުން ފެށިގެން އެއް އަހަރުގެ ތެރޭގައި މާލީ ބަޔާން ހުށަހެޅުމަށް.

- ސަރުކާރު ކުންފުނިތަކުގެ ވެރިންގެ ތެރެއިން ޗެއާމަނުންނާއި ޗީފް އޮޕަރޭޓިން އޮފިސަރުންނާއި މެނޭޖިން ޑިރެކްޓަރުންނާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވާ ބޭފުޅުން އެ ފަރާތަކުން މުދަލާއި ފައިސާގެ ބަޔާން ހުށަހެޅުމަށް އެންގުމާއި އެ ބަޔާން ބަލައިގަތުން. އެ ބޭފުޅުން ވެސް އަހަރު އެއް ފަހަރު މާލީ ބަޔާން ހުށަހަޅަންޖެހޭ.

ކުޑޫ ހުށަހެޅުއްވި އިސްލާހުގައި ވަނީ އެ އެންގުމަ ހިލާފުވާ ބޭފުޅުން 5،000ރ. އިން ޖޫރިމަނާ ކުރުމަށެވެ.