ޔުއާން އެކައުންޓް ތައާރަފްކުރުމުން ރާއްޖެ-ޗައިނާ އެފްޓީއޭ ކުރިއަރާނެ: ސަފީރު
ޔުއާން އެކައުންޓް ތައާރަފްކުރުމުން ރާއްޖެ-ޗައިނާ އެފްޓީއޭ ކުރިއަރާނެ: ސަފީރު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ޗައިނީޒް ޔުއާން އެކައުންޓް ހުޅުވުމުގެ ހިދުމަތްތައް ލިބޭ ގޮތް ހެދުމަކީ ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) އަށް ކުރިއެރުން ލިބޭނެ ކަމެއް ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވެއްޖެ އެވެ.

ބީއެމްއެލްގައި ޔުއާން އެކައުންޓް ހުޅުވުމުގެ ހިދުމަތާއި އެކައުންޓްތަކުން މުއާމަލާތްކުރަން ބޭނުންވާނެ އެެހެން ހިދުމަތްތައް ތައާރަފްކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަފީރު ވިދާޅުވީ ޔުއާން އެކައުންޓްތައް ހުޅުވޭ ގޮތް ވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ފުރުސަތުތައް ބޭނުން ކުރެވޭ މިންވަރު އިތުރުވާނެ ކަމެއް ކަމަށެވެ. އެއީ ޗައިނާއިން އިތުރު އިންވެސްޓްމެންޓްތަކާއި ފަންނުވެރިކަން ގެނެވި ތަފާތު ދާއިރާތައް އިތުރުވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މާލީ ދާއިރާއިން ޗައިނާ އާއި ދިވެހިރާއްޖެ ގުޅިގެން ކުރާ މަސައްކަތް އާ އުސްމިނަކަށް ގެންދެވޭނެ. އަދި އަޅުގަނޑުމެންގެ ގުޅުމުގެ ކުރިމަގު އިތުރަށް އުޖާލާވާނެ،" ސަފީރު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ އެ ބޭންކުގެ ކޮންމެ ކަސްޓަމަރަކަށް ވެސް މިހާރު އެ މީހުންގެ ބީއެމްއެލް ވިސާ ނުވަތަ މާސްޓަކާޑު، ޗައިނާގެ ވީޗެޓް ޕޭއާ ލިންކު ކުރެވޭނެ ކަަމަށެވެ. އެއީ ވިސާ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު ވެސް ހިމެނޭ ގޮތުންނެވެ.

"މީގެ މާނައަކީ މިހާރު ތިޔަ ބޭފުޅުންނަށް ޗައިނާގައި މާޗަންޓުންނަށް ސީދާ ގޮތެއްގައި ފައިސާ ދެއްކޭނެއޭ. ކުރުކޮށް ބުނާނަމަ ޗައިނާގައި ޗައިނާ މީހަކު ފައިސާ ދައްކާހެން ފައިސާ ދެއްކޭނެއޭ،" އޭގެ ތަފުސީލް ދެއްވަމުން ޝަރީފް ވިދާޅުވި އެވެ،

އޭނާ ވިދާޅުވި ގޮތުގައި ބީއެމްއެލްގެ ކަސްޓަމަރުންނަށް މިހާރު އެ މީހުންގެ ވީޗެޓް ވޮލެޓަށް، ޔުއާން އިން ސީދާ ގޮތެއްގައި ފައިސާ ޖަމާ ކުރެވޭނެ އެވެ. އެެއާ އެކު، ވީޗެޓް ވޮލެޓް ބޭނުންކުރާ މީހުންގެ މެދުގައި އެކަކު އަނެކަކަށް ފައިސާ ފޮނުވުމުގެ ހިދުމަތް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު 2014 ވަނަ އަހަރު ސޮއިކުރި އެފްޓީއޭއަށް އަމަލުކުރަން ފެށީ މިދިޔަ ޖެނުއަރީ މަހު އެވެ. އެ އެއްބަސްވުމުގެ ދަށުން، ދެ ގައުމުގެ ދެމެދުގައި ގިނަ ބާވަތްތަކުގެ މުދާތަކުގެ ޑިއުޓީ މައާފްވެ އަދި ދެ ގައުމުގެ ދެމެދުގައި ކުރާ ވިޔަފާރީގެ މުއާމަލާތްތައް 700 މިލިއަން ޑޮލަރުން އެއް ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.