ލިޔުންތައް އެޓެސްޓު ކުރުމުގައި ވަކީލުންނަށް ހުރަހެއް ނޯންނާނެ: ބާ ކައުންސިލް
ލިޔުންތައް އެޓެސްޓު ކުރުމުގައި ވަކީލުންނަށް ހުރަހެއް ނޯންނާނެ: ބާ ކައުންސިލް

ބޭރުގެ ޔުނިވާސިޓީތަކުން ދޫކުރާ ސެޓްފިކެޓު އެޓެސްޓު ކުރުމުގެ އުސޫލުތަކަށް މި ފަހުން ބަދަލުތަކެއް ގެނައި ނަމަވެސް ލިޔުންތައް އެޓެސްޓު ކުރުމުގައި ވަކީލުންނަށް ހުރަހެއް ނޯންނާނެ ކަމަށް ބާ ކައުންސިލުން މިއަދު ބުނެފި އެވެ.

ވަގު ސެޓްފިކެޓްތަކުގެ މައްސަލަ ހައްލު ކުރުމަށްޓަކައި، އެމްކިއުއޭ އިން ދޫކުރާ ލިޔުންތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ނުވަތަ އެޓެސްޓްކުރުމުގެ ބާރު ހަމައެކަނި އެމްކިއުއޭ އަށް އޮންނަ ގޮތަށް މި ފަހުން ވަނީ ގަވައިދު ބަދަލުކޮށްފަ އެވެ.

އެކަމާ ގުޅިގެން ބާ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ، އެމްކިއުއޭގެ އެ އުސޫލަކީ، އެ އިދާރާއިން އަމަލުކުރުމަށްޓަކައި އާއްމުކޮށްފައިވާ އުސޫލެއް ކަމަށެވެ. އެހެންވެ، ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގައި ގާނޫނީ ވަކީލުން އަމަލުކުރަންޖެހޭ މިންގަނޑަށް ބަދަލެއް ނާންނަ ކަމަށް ބުންޏެވެ.

"...ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ރަސްމީ އިދާރާތަކުން ދޫކުރާ ލިޔުންތަކާއި ތައުލީމީ ސެޓްފިކެޓުތަކާއި ސަނަދުތަކުގައި ގާނޫނީ ވަކީލުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތްކަމުގައި ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.

އަލަށް ގެނައި ބަދަލާއެކު އެމްކިއުއޭއިން ވެލިޑޭޓުކޮށްފައިވާ ސެޓްފިކެޓެއް އެޓެސްޓް ކުރެވޭނީ ހަމައެކަނި އެ އިދާރާއަށެވެ. އެކަމަކު، އެނޫން އެހެން ހުރިހާ ލިޔުމެއް އެޓެސްޓް ކުރުމުގެ ހުއްދަ އޮންނަ ވަކީލުންނަށް ކުރެވޭނެ އެވެ.