މޯލްޑިވްސް 2.0 ގެ ދަށުން ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލެއް އުފައްދައިފި
މޯލްޑިވްސް 2.0 ގެ ދަށުން ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލެއް އުފައްދައިފި

މޯލްޑިވްސް 2.0 ގެ ދަށުން ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ.

ރައީސް އޮފީހުން ބުނީ މިނިސްޓަރުންގެ ލަފައާ އެކު، އެ ކައުންސިލް އުފެއްދެވީ "މޯލްޑިވްސް ޑިޖިޓަލް-ފަސްޓް ނޭޝަން" ތަސައްވުރު ގާއިމުކުރުމާ ގުޅޭ ގޮތުން ތައްޔާރު ކޮށްފައިވާ މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރަން ފަހިކޮށްދީ، އެ މަސައްކަތްތައް ބެލެހެއްޓުމުގެ ބޭނުމުގައި ކަމަށެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، އެ ކައުންސިލުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސް މުއިއްޒު އެވެ.

ރާއްޖެ އަށް ޑިޖިޓަލް ޓްރާންސްފޯމޭޝަނެއް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އުފެއްދި މޯލްޑިވްސް 2.0 ގެ ދަށުން އެކުވަވައިލ ކައުންސިލުގައި ތިއްބަވާނީ އެ ދާއިރާގެ ތަޖުރިބާކާރުން ކަމަށް ކުރިން ރައީސް ވިދާޅުވެފައިވެ އެވެ.

މުޅި ރާއްޖެ ޑިޖިޓަލައިޒް ކުރަން ސަރުކާރުން ހިންގާ އެ މަޝްރޫއުއަށް އަންނަ އަހަރުގެ ބަޖެޓުގައި އިސްކަން ދެއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައި ވެ އެވެ.

ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ޑިޖިޓަލައިޒް ކުރުމުގެ އެއް ބޭނުމަކީ ރައްޔިތުންނަށް ދޭ ހިދުމަތްތައް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދެވޭނެކަން ކަށަވަރު ކުރުމެވެ. ހިދުމަތް ދެނީ އެންމެ ހަލުވި މިނުގައި ކަން ކަށަވަރުކުރުމާ އެކު އެފިޝަންޓްކޮށް، ކޮރަޕްޝަން ހުއްޓުވުމުގައި ޑިޖިޓަލައިޒް ކުރުމުގެ ބޭނުމެއްގެ ގޮތުގައި ރައީސް ވިދާޅުވި އެވެ.