ރަށުން ބަދަލުވުމާ މެދު ރަތްމަންދޫ ބޮޑު ދެބަސްވުމެއްގައި
ރަށުން ބަދަލުވުމާ މެދު ރަތްމަންދޫ ބޮޑު ދެބަސްވުމެއްގައި

ރައީސް ޑރ. މުހައްމަދު މުއިއްޒު މ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި މ. ރަތްމަންދު އަށް ވަޑައިގެން ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ވެސް އެންމެ ކުރީގައި އޮތީ އެ ރަށުގެ މީހުން ބިން ބޮޑު އެހެން ރަށަކަށް ބަދަލުކުރުމުގެ ވާހަކައެވެ. އާބާދީގައި 300 އެއްހާ މީހުން ދިރިއުޅޭ ރަށުގެ މީހުން ތަނަވަސް ރަށަކަށް ބަދަލުވުމާ މެދު ވަރަށް ބޮޑަށް ހިޔާލުތައް ދެކަފިވެ، މިއަދު ވެސް ފެނުނީ އެ މަންޒަރެވެ.

ރަށުން ބަދަލުވުމާ މެދު ރަތްމަންދޫ ބޮޑު ދެބަސްވުމެއްގައި
ރަށުން ބަދަލުވުމާ މެދު ރަތްމަންދޫ ބޮޑު ދެބަސްވުމެއްގައި

ރަތްމަންދޫން ބަދަލުވާން ބޭނުން ނުވާ ބަޔަކާއި ބަދަލުވާން ބޭނުން މީހުންގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުވެ، ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ވެސް ހިނގި އެވެ.

ރަށުން ބަދަލުވުމާ މެދު ރަތްމަންދޫ ބޮޑު ދެބަސްވުމެއްގައި
ރަށުން ބަދަލުވުމާ މެދު ރަތްމަންދޫ ބޮޑު ދެބަސްވުމެއްގައި

ރައްޔިތުންނާ އެކު ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުން ފެށުމުގެ ކުރިން އެ މަނިކުފާނު ވިދާޅުވީ އާބާދީ މަދު، ވަސީލަތްތައް ފުރިހަމަ ނުވާ ރަށްރަށުގައި ދިރިއުޅޭ ރަށްރަށުގެ މީހުން އެހެން ރަށްރަށަށް ބަދަލުކޮށްދޭން އެ މީހުން އަމިއްލަ އަށް އެދޭ ކަމަށެވެ. އެ ހާލަތުގައި ރަށުން މީހުން ބަދަލުކޮށްދިނުމުގައި ރައްޔިތުން ބޭނުންވާ ގޮތް ސަރުކާރުން ފުރަތަމަ ބަލައި، ރައްޔިތުން އެ ގޮތަށް ބޭނުންވާ ނަމަ ބަދަލުކޮށްދެނީ ކަމަށް ރައީސް ވިދާޅުވި އެވެ.

ރަށުން ބަދަލުވުމާ މެދު ރަތްމަންދޫ ބޮޑު ދެބަސްވުމެއްގައި
ރަށުން ބަދަލުވުމާ މެދު ރަތްމަންދޫ ބޮޑު ދެބަސްވުމެއްގައި

"އަޅުގަނޑު ހަމަ ޔަގީނުން ވެސް ނުކުރާނެ ކަމެއް އެއީ ރައްޔިތުންނާ ދެކޮޅަށް ރަށުން މީހުން ބަދަލުކުރުމަކީ. އަޅުގަނޑު ބޭނުންވަނީ މިކަމާ ބެހޭގޮތުން ތިބޭފުޅުންނާ ބައްދަލުކޮށް، މަޝްވަރާ ކުރަން. ތިބޭފުޅުންގެ ކަންކަމުގައި ތިބޭފުޅުން ބޭނުންވާ ގޮތަށް ކަންކަން ކުރަން ވަރަށް ބޮޑަށް ސަރުކާރުން މަސައްކަތް ކޮށްދޭނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މި ރަށުގައި މިހާރު ދިރއުޅެނީ ގާތްގަނޑަކަށް 70 މީހުން ކަމަށް ބައެއް މީހުން ބުންޏެވެ.

ރަތްމަންދޫގެ ގިނަ ބަޔަކު ހިމެނޭ ގޮތަށް ބޭއްވި ބައްދަލުވުމުގައި ރައީސް އެދިވަޑައިގަތީ ކޮންމެ ބޭފުޅެއްގެ ވެސް ހިޔާލު ހުށަހެޅުއްވުމަށެވެ.

ކައުންސިލްގެ ފަރާތުން ވާހަކަ ދައްކަވަމުން އެ ކައުންސިލްގެ ރައީސް އިސްމާއިލް ނާހިދު ވިދާޅުވީ، އެ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސާ މިހާރު ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ރަށުން އެހެން ރަށަކަށް ހިޖުރަ ކުރަން ބޭނުންވާ ރައްޔިތުންގެ ޕެޓިޝަނެއް ހުށަހެޅި ކަމަށެވެ. ކައުންސިލުން އެކަމާ ރައްޔިތުންނާ މަޝްވަރާކޮށް ގޮތެއް ނިންމުމަށް ފަހު، ރައީސް އޮފީހަށް ޕެޓިޝަނާ އެކު ސިޓީއެއް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުދި އާބާދީތަކާ މެދު ރައީސްގެ ވިސްނުންފުޅު ސާފުކޮށްދެއްވަން ދަންނަވާފައިވީ ނަމަވެސް މިއަދާ ހަމައަށް ރަސްމީ އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް ނާހިދު ވިދާޅުވި އެވެ.

"މި ކަން ކުރެވެން ވާނީ ކައުންސިލާއި ރައްޔިތުންގެ މެދުގައި ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވިގެން. މި ވަނީ ކިހިނެއްކަން އެނގިގެން. އަޅުގަނޑުމެން ބަދަލު ކުރަނީ ކޮން ތާކަށްތޯ އާއި އަޅުގަނޑުމެންނަށް އޮތީ ކޮން ގޮތެއްތޯ އަޅުގަނޑުމެންނަށް އެނގެން އެބަ ޖެހޭ،" ކައުންސިލް ރައީސް ވިދާޅުވި އެވެ.

ނާހިދު ވިދާޅުވިގޮތުގައި، ރަތްމަންދޫގައި އެންމެ އަސާސީ ހިދުމަތްތައް ލިބެން ނެތްކަން އޭނާ ވެސް ގަބޫލު ކުރައްވަ އެވެ. އެކަމަކު، އެ ދަތިތަކާ އެކު ވެސް ރަށުގައި ދިރިއުޅެން ބޭނުންވާ ވަރަށް ގިނަ މީހުން އަދި އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ މީހުން ވެސް ތިބި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވަނީ ރަތްމަންދޫގައި މިހާރު ހުއްޓިފައިވާ މަސައްކަތްތައް ސަރުކާރުން ފަށައިދިނުމަށާއި ރަށުގައި ބަނދަރެއް ނެތުމުގެ ދަތިކަން ފާހަގަ ކުރައްވައި އެކަން ހައްލު ކޮށްދިނުމަށް ރައީސް މުއިއްޒަށް ދަންނަވައިފަ އެވެ.

ރަށުގެ ސްކޫލު ކުދިން މަދުވުމުން ސެޓްލައިޓް ސްކޫލަކަށް ބަދަލުކޮށް، ރަށުގައި އުޅެން ބޭނުންވާ މީހުން ތިބި ކަމަށާއި ކައުންސިލުން ގަބޫލުކުރަނީ ސްކޫލުގެ ހާލަތު ވެސް ރަނގަޅު ކުރެވޭނެ ކަމަށް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ރަށުން ބަދަލުވުމާ މެދު ދެ ވިސްނުމުގެ މީހުން ތިބޭތީ، އެކަމަށް ގޮތެއް ނިންމަން ވާނީ ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކޮށްގެން ކަމަށް ނާހިދު ވިދާޅުވި އެވެ.

ރަތްމަންދޫން ފައިބަން ބޭނުންވާ މީހުން ބުނީ މި ރަށުގައި އަސާސީ ހިދުމަތްތައް ނެތުމަކީ ބަދަލުވާން ބޭނުންވާ އެއް ސަބަބު ކަމަށެވެ.

"އަޅުގަނޑުގެ އުމުރު ފުދޭ ވަރަކަށް މަތިވެއްޖެ. މުސްކުޅި އަތަށް އަޅައިފި. އަޅުގަނޑުމެން މިހާރު މާޔޫސް ވެއްޖެ. ރަށުން އެހެން ރަށަކަށް ބަދަލުކުރާ ވާހަކަ ކުރިން އަޑުއިވުން ވެސް އެއީ އަޅުގަނޑުމެން ނަފްސު ގަބޫލުކުރާ ކަމެއް ނޫން. ދިއްގަރުގައި ބިން ހިއްކުންކަހަލަ ކަމެއް ފެށުން އެއީ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އަސަރު ކުރުވާ ކަމެއް،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

"ނަމަވެސް މިހާރު އަޅުގަނޑުމެންގެ ނަފުސަށް މަޖުބޫރު ވެއްޖެ. އެއީ އަޅުގަނޑު މަރުވެގެން ސަންދޯއް އުފުލާނެ މީހަކު ނެތް ހިސާބަށް މި ދަނީ."

ރަތްމަންދޫގެ ބައެއް މީހުން ބަދަލުވާން ބޭނުންވަނީ މާލެ ކައިރީގެ ރަށަކަށެވެ. އަނެއްބައި މީހުން ބޭނުންވަނީ ރަށުގައި މިހާރު ހުރި ކަންކަން އިތުރަށް ރަނގަޅުކޮށް ރަށުގައި ދިރި އުޅޭށެވެ.

ރަތްމަންދޫގެ ރައްޔިތުންނާ އެކު ރައީސް މުއިއްޒު މިއަދު ބޭއްވެވި ބައްދަލުވުމަށް ފަހު، އެ ރަށުން ބަދަލުވާން ބޭނުންވާ މީހުންނާއި ރަށުގައި ތިބެން ބޭނުންވާ މީހުންގެ މެދުގައި ހަމަނުޖެހުމެއް ވެސް ހިނގި އެވެ.

ރައީސް މުއިއްޒު ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު، ލޯންޗުކޮޅަށް އަރާވަޑައިގަންނަވަން ވަޑައިގެންނެވި ވަގުތު ވެސް އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ ބަޔަކު ފާލަން ކައިރީގައި ތިއްބެވެ. ރައީސް ލޯންޗުކޮޅުން އަނެއްކާ ފައިބައިވަޑައިގެން އެ މީހުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވި އެވެ.

އެ މީހުން ރައީސަށް ޝަކުވާ ހުށަހެޅި ވަގުތު ވެސް ތިބީ ވަރަށް ރުޅިގަދަވެ، ހިތްހަމަނުޖެހުމެއްގެ ތެރޭގަ އެވެ. އެނގިފައިވާ ގޮތުގައި އެއީ ކައުންސިލްގެ ވިސްނުމާ މެދު ހިޔާލު ތަފާތުވުން ހުރި ބައެކެވެ.

ލޯންޗުން ފާލަމަށް ފައިބައިވަޑައިގެން ރައީސް މުއިއްޒު އެ މީހުންނަށް ދެންނެވީ ރަތްމަންދޫން މީހުން ބަދަލުކުރުމުގެ މައްސަލާގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް ހައްލެއް ހޯއްދަވައި ދެއްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.