22 ސެޕްޓެމްބަރ 2025 - 14:50

ޅ. ނައިފަރުގެ ގެއަކަށް ޖެހިޖެހިގެން ދެ ރޭ ވަދެ، ރިހާކުރު ޓައްޕެއް ވަގަށް ނަގަން އުޅުނު މައްސަލައެއްގައި ގދ. ވާދޫގެ މީހަކު ޖަލަށްލާން ވާދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.
އެ ހުކުމްގައި ބުނީ މިދިޔަ އޭޕްރީލް މަހުގެ 21 އާއި 22 ވަނަ ދުވަހުގެ 2:45 ހާއިރު އެ މީހާ ނައިފަރުގެ ގެއަކަށް ވަގަށް ވަދެ، އެ ގޭގެ ބަދިގެ ތެރޭގައި ހުރި ރިހާކުރު ޓައްޕެއް ވަގަށް ގެންގޮސްފައި ކަމަށެވެ.
އެހެންވެ އެ ދެ ރޭ ވައްކަން ކުރަން ވަނުމުން، އެ ކުށުގެ ދެ ދައުވާ އާއި އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދެ ދައުވާ އޭނާގެ މައްޗަށް ދައުލަތުން ކުރި އެވެ.
އެ މީހާ ވަގަށް ނެގި ރިހާކުރުގެ އަގު 4،500ރ. އަށް އަރާނެ ކަމަށް އެ ގޭގެ ވެރިފަރާތުން ފުލުހުންނަށް ދިން ބަޔާނުގައި ވެ އެވެ.
ދައުވާ އަށް ޖަވާބުދާރީވަމުން އޭނާ ވަނީ އެ ކުށްތަކަށް އިއުތިރާފުވެފަ އެވެ. ވައްކަން ކުރި މީހާ މިހާރު ދިރިއުޅެމުން އަންނަނީ ވާދޫގައި ކަމަށް ވެފައި އޭނާ ހުރި ރަށުގެ ކޯޓަށް ހުށަހަޅައިގެން އެ މައްސަލަ ކުރިއަށް ގެންދަން ޖެހޭތީ ދައުލަތުގެ ފަރާތުން އެ މައްސަލަ ވާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅީ އެވެ.
ވައްކަމުގެ އެއް މައްސަަލައަކަށް އޭނާގެ މައްޗަށް ހުކުމް ކުރީ 11 މަހާއި 19 ދުވަހަށް ޖަލަށް ލުމަށެވެ. އަދި ވައްކަމުގެ ދެވަނަ މައްސަލާގައި ހުކުމްކުރީ 3 މަހަށް ޖަލަށްލާށެވެ. އެނގި ހުރެ ހުއްދަ ނޫން ތަނަކަަށް ވަތް މައްސަލާގައި 22 ދުވަހުގެ ޖަލު ހުކުމަކާއި 1 މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް ވެސް އޭނާގެ މައްޗަށް އިއްވި އެވެ.
އެ މީހާގެ މައްޗަށް އެ ބާވަތުގެ ކުށެއް 2023 ގައި ސާބިތުވެފައިވާ ކަމަށް ވެސް އެ ހުކުމްގައި ވެ އެވެ.