ރާއްޖޭގައި ޗައިނާގެ ޔުއާން އިން އެކައުންޓު ހުުޅުވޭ ގޮތް ބީއެމްއެލުން ހަމަޖައްސައިދީފި
ރާއްޖޭގައި ޗައިނާގެ ޔުއާން އިން އެކައުންޓު ހުުޅުވޭ ގޮތް ބީއެމްއެލުން ހަމަޖައްސައިދީފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ޗައިނީޒް ޔުއާން އެކައުންޓު ހުޅުވޭ ގޮތް ފުރަތަމަ ފަހަރަށް ހަމަޖައްސައި، އެ ގައުމުގެ ފައިސާ އިން ވިޔަފާރި ކުރެވޭނެ ފަސޭހަ އިންތިޒާމުތަކެއް އެ ބޭންކުން މިއަދު އިއުލާންކޮށްފި އެވެ.

ރާއްޖޭގައި ޗައިނާގެ ޔުއާން އިން އެކައުންޓު ހުުޅުވޭ ގޮތް ބީއެމްއެލުން ހަމަޖައްސައިދީފި
ރާއްޖޭގައި ޗައިނާގެ ޔުއާން އިން އެކައުންޓު ހުުޅުވޭ ގޮތް ބީއެމްއެލުން ހަމަޖައްސައިދީފި

ޔުއާން އެކައުންޓް ހުޅުވައި، ބެލެހެއްޓުމުގެ ހިދުމަތް ފަށަން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ އެ ބޭންކުގެ ކޮންމެ ކަސްޓަމަރަކަށް ވެސް މިހާރު އެ މީހުންގެ ބީއެމްއެލް ވިސާ ނުވަތަ މާސްޓަކާޑު، ޗައިނާގެ ވީޗެޓް ޕޭއާ ލިންކު ކުރެވޭނެ ކަަމަށެވެ. އެއީ ވިސާ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު ވެސް ހިމެނޭ ގޮތުންނެވެ.

"މީގެ މާނައަކީ މިހާރު ތިޔަބޭފުޅުންނަށް ޗައިނާގައި މާޗަންޓުންނަށް ސީދާ ގޮތެއްގައި ފައިސާ ދެއްކޭނެއޭ. ކުރުކޮށް ބުނާ ނަމަ ޗައިނާގައި ޗައިނާ މީހަކު ފައިސާ ދައްކާހެން ފައިސާ ދެއްކޭނެއޭ،" ތަފުސީލް ދެއްވަމުން ޝަރީފް ވިދާޅުވި އެވެ،

އޭނާ ވިދާޅުވި ގޮތުގައި ބީއެމްއެލްގެ ކަސްޓަމަރުންނަށް މިހާރު އެ މީހުންގެ ވީޗެޓް ވޮލެޓަށް، ޔުއާން އިން ސީދާ ގޮތެއްގައި ފައިސާ ޖަމާކުރެވޭނެ އެވެ. އެެއާ އެކު، ވީޗެޓް ވޮލެޓް ބޭނުންކުރާ މީހުންގެ މެދުގައި އެކަކު އަނެކަކަށް ފައިސާ ފޮނުވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިން މިއަދު ތައާރަފް ކުރި ހިދުމަތުގައި ހިމެނޭ އެހެން ކަންތައްތައްތަކުގެ ތެރޭގައި ޔުއާން އިން ޓީޓީ ފޮނުވުމާއި އިންވާޑް ރެމިޓެންސްގެ ގޮތުގައި ފައިސާ ލިބިގަތުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

"މިއީ ހަގީގީ ކުރިއެެރުން. އަޅުގަނޑުމެންގެ ރައްޔިތުންނަށް ކުރިން ދުވަހަކު ވެސް ނުވާހާ ބޮޑު ފަސޭހައެއް،" ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން ޔުއާން އިން އެލްސީ ހެދޭ ގޮތް ހަމަޖައްސާފައި ވާތީ އެއީ ވެސް ޗައިނާ އިން ކުރާ ވިޔަފާރި އިތުރަށް ފަސޭހަވާނެ ކަމެކެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ބީއެމްއެލް އިން މިއަދު ތައާރަފްކުރި ހިދުމަތްތަކާ ހިސާބުން އެކަން ނިމުނީއެއް ނޫނެވެ. އަންނަ ޖެނުއަރީ މަހުން ފެށިގެން ޔުއާން އެކައުންޓްތަކަށް ޔޫނިއަން ޕޭ ޑެބިޓްކާޑާއި ކްރެޑިޓް ކާޑު ވެސް ތައާރަފު ކުރާނެ ކަމަށް ވިދާޅުވި އެވެ.

ޔޫނިއަން ޕޭ ކާޑަކީ ދުނިޔޭގެ 180 އަށް ވުރެ ގިނަ ގައުމުގައި ބަލައިގަންނަ، ގްލޯބަލް ޕޭމަންޓް ނެޓްވޯކްގައި ބޭނުންކުރެވޭ ކާޑެކެވެ.

ޝަރީފް ވިދާޅުވީ، މިއީ ރާއްޖޭގެ މާލީ ދާއިރާ ޒަމާނީ ކުރުމުގައި ކުރިއަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް އިގުތިސާދާއި ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ އެއް ޕްލެޓްފޯމާ ގުޅުވައިލުމުން ބީއެމްއެލްގެ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"މި ހިދުމަތްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ވިޔަފާރި މުޖުތަމައުއަށް ހަރުދަނާކަމާ އެކު ވިޔަފާރިކުރެވި، އަދި ފަރުދުންނަށް މިހާތަނަށް ނުލިބޭ ވަރުގެ ފަސޭހަތަކެއް ލިބިގެން ދާނެ. މިއީ އައު އީޖާދީ ހައްލުތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ރަމްޒެއް،" ޝަރީފް ވިދާޅުވި އެވެ.