ކުރީގެ މެންބަރު ސަލީމް އަބުރުގެ ދައުވާގެ ހައްގު ދޫކޮށްލާފައި އޮތުމުން ފައިސާ ލިބުނީ ދިޔަރެސް އާއި ހީނާއަށް
ކުރީގެ މެންބަރު ސަލީމް އަބުރުގެ ދައުވާގެ ހައްގު ދޫކޮށްލާފައި އޮތުމުން ފައިސާ ލިބުނީ ދިޔަރެސް އާއި ހީނާއަށް

ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ސަލީމާ ބެހޭގޮތުން "ދިޔަރެސް" ނޫހުގައި ޝާއިއުކުރި ޚަބަރެއްގެ ސަބަބުން އޭނާގެ އަބުރު ގެއްލިފައިވާ ކަމަށް ބުނެ ގެއްލުމުގެ ބަދަލު ހޯދަން އެ ނޫހާއި ނޫހުގެ އެޑިޓަރު ހީނާ ވަލީދުގެ މައްޗަށް ދައުވާ ކުރިއިރު، ދައުވާ ކުރުމުގެ ހައްގު ދޫކޮށްލާފައި އޮތުމުން ދައުވާ ކާމިޔާބު ނުވެ، ހީނާ އާއި ދިޔަރެސް އަށް ޝަރީއަތުގެ ހަރަދުގެ ގޮތުގައި 15،000ރ. ދައްކަން ސަލީމްގެ މައްޗަށް ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުގައި ސަލީމް ދައުވާ ކުރެއްވީ ސޯޝަލް މީޑިއާގައި އާންމުވި ބަދުއަހުލާގީ ވީޑިއޯއެއްގައި ހިމެނޭ އެކަކީ ސަލީމް ކަމަށް ބެލެވޭ ކަމަށް، ދިޔަރެސްގައި ޖޫން 25، 2022 ގައި ޝާއިއުކުރި ޚަބަރެއްގައި ބުނެފައިވާ މައްސަލައިގަ އެވެ.

އެ ދައުވާގައި އެދުނީ ޚަބަރުގެ ސަބަބުން އަބުރަށް ހުތުރުވި ކަމަށް ކަނޑައަޅައިދިނުމަށާއި އެކަމުގެ މާއްދީ ބަދަލުގެ ގޮތުގައި 5،000ރ. އާއި މައުނަވީ ގެއްލުމުގެ ބަދަލަށް 10 މިލިއަން ރުފިޔާ އަދި ގާނޫނީ ވަކީލުގެ ފީއަށް 50،000ރ. ނަގައިދިނުމަށެވެ.

ސަލީމް މި ދައުވާ ކުރެއްވުމުގެ ކުރިން އޮތީ އޭރު އޮތް މީޑިއާ ކައުންސިލަށް ވެސް ޝަކުވާ ހުށަހަޅުއްވައިފަ އެވެ. އެހެންވެ ދައުވާލިބޭ ފަރާތްތަކުން ދިފާއުގައި އެންމެ ބޮޑަށް ފާހަގަކުރި އެއް ކަމަކީ އެއީ އެވެ. މީޑިއާ ކައުންސިލަށް މައްސަލަ ހުށަހަޅާ ފޯމުގައި އެ މައްސަލައަކާ ބެހޭ އެހެން ދައުވާތަކުގެ ހައްގު ދޫކޮށްލަން އިގުރާރުވެ ސޮއިކުރަން ޖެހެ އެވެ.

މީޑިއާ ކައުންސިލަށް ޝަކުވާ ހުށަހަޅާ ފޯމުގައި އޮންނަ އިގުރާރުގައި ވަނީ "... އަހުރެން މި ފޯމުގައި ބަޔާންކޮށްފައިވާ އެންމެހާ މައުލޫމާތަކީ، ސައްހަ ތެދު މައުލޫމާތުކަމަށާއި މި ފޯމުން ހުށަހަޅާ ޝަކުވާ އަކީ ގާނޫނަކުން ލިބިދޭ ހައްގަކުން ދައުވާ އުފުލިދާނެ ފަދަ ޝަކުވާއެއް ކަމަށްވާ ނަމަ، އެ ގާނޫނީ ހައްގު ދޫކޮށްލަން އިގުރާރު ވަމެވެ. މިކަމަށް މި އިގުރާރުވަނީ ދޫކޮށްލާ ހައްގުގެ ބާވަތާއި މިންވަރާއި އެކަމުން ނުކުންނާނެ ނަތީޖާއާ މެދު ފުރިހަމައަށް ވިސްނުމަށް ފަހުގަ އެވެ. އަދި އެކަމާ ބެހޭ ގޮތުން ހޯދަންޖެހޭ ގާނޫނީ ލަފާ ވެސް ހޯދުމަށް ފަހު އަމިއްލަ އިހްތިޔާރުގަ އެވެ."

މި ދައުވާއާ ގުޅިގެން ގާނޫނީ ވަކީލަށް ކުރަންޖެހުނު ހަރަދުގެ ގޮތުގައި 15،000ރ. ނަގައިދޭން ހީނާ އެދިފައި ވާތީ ގާޒީ ޒުލައިހާ ޝީޒާ ނިންމެވީ އެއީ އެކަށީގެންވާ އަދަދެއް ކަމަށާއި މިއީ ސަލީމް އެދިވަޑައިގެންފައިވާ ފަރުވާތައް ހޯދައިދެވެން ނެތް ދައުވާއަކަށް ވާތީ ހީނާ އާއި ދިޔަރެސްއަށް އެ ފައިސާ ލިބިދޭންޖެހޭ ކަމަށެވެ.

"ދެންފަހެ އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން، އަހްމަދު ސަލީމްގެ ފަރާތުން ދިޔަރެސް މީޑިއާ އަދި ހީނާ ވަލީދުގެ ކިބައިން މި ދައުވާއިން ހޯދުމަށް އެދުނު ފަރުވާތަކަކީ އަހްމަދު ސަލީމަށް ނަގައިދެވިދާނެ ފަރުވާތަކެއް ނޫން ކަމަށް ކަނޑައަޅައި މި ދައުވާއާ ގުޅިގެން ޝަރީއަތުގެ ހަރަދުގެ ގޮތުގައި 15،000ރ. އަހްމަދު ސަލީމް ދިޔަރެސް މީޑިއާ އަދި ހީނާ ވަލީދުއަށް ދައްކަންޖެހޭ" ކަމަށް ވަނީ ހުކުމްކޮށްފަ އެވެ.

އެ ފައިސާ އިއްޔެއިން ފެށިގެން 21 ދުވަހުގެ ތެރޭގައި، ސިވިލް ކޯޓު މެދުވެރިކޮށް ދައްކައި ހަލާސްކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.