ބަނދަރުގެ ދަތިކަން ހައްލުވާނެ ކަމުގެ ޔަގީންކަމާ އެކު މަޑުއްވަރިއަށް އުއްމީދެއް
ބަނދަރުގެ ދަތިކަން ހައްލުވާނެ ކަމުގެ ޔަގީންކަމާ އެކު މަޑުއްވަރިއަށް އުއްމީދެއް

މަސްވެރިކަމަށް ބަރޯސާވެފައި އޮތް މ. މަޑުއްވަރީ ބަނދަރާ ހެދި އުފުލަން ޖެހިފައި އޮތް ތަކުލީފު ހުރިހާ ސަރުކާރުތަކަށް ހުށަހެޅިއްޖެ އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް ހައްލެއް ނުލިބެ އެވެ. ބަނދަރުގެ ހާލަތު އޮތް ގޮތުން ރަށަށް ރާޅުއަރާތީ، ކައުންސިލުން ބުނި ގޮތުގައި، ހުޅަނގު މޫސުމާއި އިރުވައި މޫސުމުގައި ވެސް ރައްޔިތުން ތިބެން ޖެހެނީ ބިރުވެރިކަމެއްގަ އެވެ.

ބަނދަރުގެ ދަތިކަން ހައްލުވާނެ ކަމުގެ ޔަގީންކަމާ އެކު މަޑުއްވަރިއަށް އުއްމީދެއް
ބަނދަރުގެ ދަތިކަން ހައްލުވާނެ ކަމުގެ ޔަގީންކަމާ އެކު މަޑުއްވަރިއަށް އުއްމީދެއް

މ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގައި މަޑުއްވަރީއަށް މިއަދު ވަޑައިގަތުމުން ކައުންސިލުން އެދުނީ ރައްޔިތުންގެ ޒަމާންވީ ކަންބޮޑުވުން ހައްލުކޮށްދިނުމަށެވެ.

ބަނދަރުގެ ދަތިކަން ހައްލުވާނެ ކަމުގެ ޔަގީންކަމާ އެކު މަޑުއްވަރިއަށް އުއްމީދެއް
ބަނދަރުގެ ދަތިކަން ހައްލުވާނެ ކަމުގެ ޔަގީންކަމާ އެކު މަޑުއްވަރިއަށް އުއްމީދެއް

ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވަނީ އެކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އަހަރުގެ ކުރީކޮޅު ބަނދަރުގެ މަސައްކަތް ފައްޓަވައި ދެއްވާނެ ކަަމަށެވެ.

ކައުންސިލްގެ ރައީސް މުހައްމަދު އާޒިމް އަލީ ވިދާޅުވި ގޮތުގައި، ބަނދަރުގެ މައްސަލާގައި އެ ރަށުގެ ރައްޔިތުން އުޅެމުން ދަނީ ވަރަށް ހާލުގަ އެވެ. ރަށް ވަށައިގެން ލާފައި އޮތް ތޮށި ހަލާކުވެފައި އޮތުމުގެ ސަބަބުން ރާޅު އަރައި އެތައް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ރާއްޖޭގައި އުފެދުނު ހުރިހާ ވެރިކަމެއްގައި، ތަކުރާރުކޮށް މި ރަށު ރައްޔިތުންގެ ފަރާތުން ކޮންމެ ރައީސެއްގެ އަރިހުގައި ވެސް އެދޭ ކަމަކީ ނިވާ ބަނދަރެއް. ނިވާ ބަނދަރެއް. ނިވާ ބަނދަރެއް. މިވީ ހުރިހާ ދުވަހެއްގައި މި ދިޔައީ މި ހާލެއްގައި. އިތުރު އެއްވެސް ކަމަކަށް އަޅުގަނޑުމެން ރިކުއެސްޓެއް ނުކުރަން. އިތުރު ކަމަކު ނުވެސް ބުނަން،" އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ހަމަޖެހިލައިގެން ނިދާލެވިގެންތާ އަޅުގަނޑުމެންނަށް އެހެން ކަމަކަށް އެދެވޭނީ. ފުރަތަމަ އަޅުގަނޑުމެންނަށް ބޭނުންވަނީ ހަމަޖެހިލައިގެން އަރާމުކޮށް ނިދާލެވޭނެ ގޮތެއް ވުން. މިދިޔަ ރޯދަ މަހު ވެސް ރައްޔިތުން އުޅެން ޖެހުނު ދެ ފަހަރެއްގައި ނުނިދާ."

މިދިޔަ ސަރުކާރުގައި މަޑުއްވަރީގައި ބަނދަރެއް ހެދުމުގެ މަޝްރުއުއެއް ފެށި އެވެ. މަސްދޯނިފަހަރު ގެންޅޭ އެ ރަށުގައި އޮންނަނީ ކުޑަ ބަނދަރެކެވެ. އެ ބަނދަރު މަސައްކަތް އެއްކޮށް ނުނިމި ވަކި ހިސާބުން މަސައްކަތް ހުއްޓުނީ އެވެ.

އާޒިމް ވިދާޅުވީ އެ ރަށު ބަނދަރުގެ މަަސައްކަތް އަންނަ އަހަރު ފައްޓަވައިދެއްވަން ރައީސް މުއިއްޒު ނިންމެވުމަކީ ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ. އެކަމުގައި ސަރުކާރަށް ކައުންސިލްގެ ފަރާތުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވަނީ ބަނދަރު މަސައްކަތް ކުރިއަށް ގެންދާއިރު، ބޭރު ތޮށީގެ މައްސަލައަށް ވެސް ހައްލެއް ހޯދައިދޭން އެދިވަޑައިގެންފަ އެވެ. އެންމެ 10 ހެކްޓަރުގެ މަޑުއްވަރީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ވެސް ކައުންސިލުން އެދުނެވެ.

އާޒިމް ވިދާޅުވި ގޮތުގައި މަޑުއްވަރީގެ ބަނދަރު ހަދައި ނިމުމުން އެ ރަށުގެ ރައްޔިތުންނާއި މަސްވެރިން އުފުލަމުން އަންނަ ތަކުލީފަށް ދާއިމީ ހައްލެއް ލިބޭނެ އެވެ. އަދި ބަނދަރުގައި އަޅާ ދޯނިފަހަރަށް ގެއްލުންވުން ވެސް ނިމުމަކަށް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.