އިންޑިއާ ކެޕްޓަންގެ މަލާމާތުގެ ބަސްތަކެއް ޕާކިސްތާނަށް
އިންޑިއާ ކެޕްޓަންގެ މަލާމާތުގެ ބަސްތަކެއް ޕާކިސްތާނަށް

ދެ ވާދަވެރިންނޭ ބުނެވޭ ވަރަށް ވުރެ ޕާކިސްތާނުގެ މައްޗަށް ކްރިކެޓުގައި އިންޑިއާ އިން ކުރި ހޯދާލެ ގިނަ ކަމަށް އެ ގައުމުގެ ޓީ-ޓްވެންޓީ ކެޕްޓަން ސޫޔަކުމާރް ޔާދަވް ބުނެފި އެވެ.

ޔޫއޭއީގައި މިހާރު ކުރިއަށްދާ އޭޝިއާ ކަޕުގެ ސުޕަ ފޯ ބުރުގައި އިންޑިއާ ވަނީ އިއްޔެ ޕާކިސްތާން އަތުން ހަ ވިކެޓުން މޮޅުވެފަ އެވެ. މި ދެ ޓީމު ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުން ވެސް މޮޅުވީ އިންޑިއާ އެވެ.

އިއްޔެގެ މެޗަށް ފަހު ނޫސްވެރިން ގާތު ސޫޔަކުމާރް ބުނީ ދެ ޓީމުގެ ވާދަވެރިކަމާ ގުޅޭ ސުވާލުކުރުން ހުއްޓާލަންވެއްޖެ ކަމަށެވެ.

"އަހަރެން ދެކޭ ގޮތުގައި ދެ ޓީމަކުން 15-20 މެޗު ކުޅޭއިރު ހަމަހަމަކޮށް ނަތީޖާދާ ނަމަ އެއީ ވާދަވެރިކަން،" މިހާރު މިއީ ވާދަވެރިކަމެއް ނޫން ކަމަށް އިޝާރާތްކޮށް އޭނާ ބުންޏެވެ.

އިންޑިއާ އާއި ޕާކިސްތާން ވަނީ މިހާތަނަށް ޓީ-ޓްވެންޓީ ފޯމެޓުގައި 13 ފަހަރު ބައްދަލުކޮށްފަ އެވެ. އޭގެ ތެރެއިން އިންޑިއާ އިން ނުވަ މެޗުން މޮޅުވި އެވެ. ޕާކިސްތާން ތިން މެޗުން މޮޅުވިއިރު، އެއް މެޗު އެއްވަރުވީ އެވެ.

އިންޑިއާ އަށް ދާދި ފަހުން ދިން ޓެރަރިސްޓް ހަމަލާގައި ޕާކިސްތާނުގެ އަތެއްވާ ކަމަށް ތުހުމަތުކޮށް، އިންޑިއާގެ ގިނަ ބަޔަކު ވަނީ ޕާކިސްތާނާ އެކު މެޗު ނުކުޅެން ވެސް ގޮވާލައިފަ އެވެ. އޭގެ އަސަރު ކުޅުންތެރިންގެ ތެރޭގައި ވެސް ބޮޑެވެ. އެގޮތުން ދެ ޓީމުގެ ކުޅުންތެރިން ގްރޫޕް ސްޓޭޖް މެޗުގައި ސަލާމެއް ވެސް ނުކުރެ އެވެ.

އޭޝިއާ ކަޕުގެ ސުޕަ ފޯ ބުރުގެ އެއް ވަނައިގައި މިވަގުތު އޮތީ އިންޑިއާ އެވެ. ދެ ވަނައިގައި އޮތީ ބަންގްލަދޭޝް އެވެ. ސްރީ ލަންކާ އާއި ޕާކިސްތާނަށް ޕޮއިންޓެއް ނުލިބެ އެވެ. ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުން ފުރުސަތު ލިބޭނެ އެވެ.

ދުބާއީގައި އިއްޔެ އިންޑިއާ އާއި ޕާކިސްތާން ކުޅުނު މެޗުގައި ޓޮސް ދިމާވުމުން އިންޑިއާ އިން ގަސްދުކުރީ ހޮވަން އަރާށެވެ. ޕާކިސްތާން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 171 ލަނޑެވެ. އިންޑިއާ އިން ޖަވާބުގައި ކުޅެން އަރައި 18.5 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 174 ލަނޑު ހެދީ އެވެ.

މުބާރާތުގައި ދެން އޮންނާނީ މާދަމާ އަބޫ ދާބީގައި ޕާކިސްތާނާއި، ލަންކާ ކުޅޭ މެޗެވެ.