މިދިޔަ ހަފްތާގައި ބްރިޖާއި ހައިވޭގައި 44 އެކްސިޑެންޓް
މިދިޔަ ހަފްތާގައި ބްރިޖާއި ހައިވޭގައި 44 އެކްސިޑެންޓް

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ބްރިޖާއި ހައިވޭގައި 44 އެކްސިޑެންޓު ހިނގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. މިއީ އެވްރެޖްކޮށް ދުވާލަކަށް ހަ އެކްސިޑެންޓަށް ވުރެ ވެސް ގިނަ އަދަދެކެވެ.

ފުލުހުން އާންމުކުރި ތަފާސްހިސާބުން އެނގޭ ގޮތުގައި މިމަހުގެ 14 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ބްރިޖާއި ހައިވޭގައި ހިނގި 44 އެކްސިޑެންޓުގެ ތެރޭގައި ގިނައީ ސައިކަލާއި ސައިކަލު ޖެހިގެން ހިނގާފައިވާ އެކްސިޑެންޓުތަކެވެ.

ފުލުހުން ބުނި ގޮތުގައި ސައިކަލާއި ސައިކަލު ޖެހިގެން 15 އެކްސިޑެންޓެއް ހިނގި އެވެ. އަދި ކާރުގައި ސައިކަލު ޖެހިގެން 13 އެކްސިޑެންޓެއްވި ކަމަށް ބުންޏެވެ.

ފުލުހުންގެ ހިސާބުތަކުގައިވާ ގޮތުން އެ ހަފްތާގައި 19 ވަނަ ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ބްރިޖާއި ހައިވޭގައި ހިނގާފައިވާ އެކްސިޑެންޓުތައް ފަސް އެކްސިޑެންޓަށް ވުރެ ގިނަ އެވެ. އެ މުއްދަތުގައި އެންމެ ގިނަ އެކްސިޑެންޓު ހިނގީ 16 ވަނަ ދުވަހު އެވެ. އެ ދުވަހު ނުވަ އެކްސިޑެންޓެއް ހިނގާފައިވެ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓުތައް އެންމެ ގިނައިން ހިނގީ ދުވާލުގެ ވަގުތުތަކުގައި ކަމަށެވެ. ދުވާލު ވަގުތު 36 އެކްސިޑެންޓު ހިނގާފައި ވާއިރު ރޭގަނޑު ހިނގި އެކްސިޑެންޓުގެ ގޮތުގައި ރިޕޯޓުކުރީ 8 އެކްސިޑެންޓެވެ.

އެ އެކްސިޑެންޓުތަކުގައި ތިން މީހަކަށް ބޮޑެތި އަނިޔާ ވެފައިވެ އެވެ. އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށާއި 43 މީހަކަށް އެކި ވަރުގެ އަނިޔާތައް ވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެކްސިޑެންޓުތަކުގައި 35 ވެހިކަލަކަށް އެކި ކަހަލަ ގެއްލުންތައް ވެސް ވެފައިވެ އެވެ.

މި އެކްސިޑެންޓުތަކާ ގުޅޭ މައްސަލަތަކުގެ ތެރޭގައި، އެކްސިޑެންޓުވުމުން ފިލާފައިވާ ހަތަރު މައްސަލައެއް ވެސް ހިމެނެ އެވެ.