22 ސެޕްޓެމްބަރ 2025 - 11:20

ވިކްޓްރީ އަށް ކުރިން ކުޅުނު މޮރޮކޯގެ ފޯވާޑް ފިދާދީ މުހައްމަދު އެ ކްލަބްގެ ކޯޗުކަމަށް ގެންނަން ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެ އެވެ.

ދެހާހުގެ ކުރީކޮޅުގައި ވިކްޓަރީ އަށް ކުޅެ، ކާމިޔާބު ހޯދައި ދިން ފިދާދީ މިހާރު މަސައްކަތް ކުރަނީ ގަތަރުގެ ފުޓްބޯޅަ ޑިވެލޮޕްމެންޓް ޕްރޮޖެކްޓެއްގަ އެވެ.
ރާއްޖޭގައި ކުޅުނު އެންމެ މޮޅު ބިދޭސީ ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ފިދާދީ، ކުޅުން ހުއްޓާލުމަށް ފަހު ގްރާސްރޫޓް ފުޓްބޯޅަ ކޯޗެއްގެ ގޮތުގައި ގަތަރުގެ އެސްޕަޔާ އެކަޑަމީގައި މަސައްކަތް ކުރި އެވެ. އޭނާ ވަނީ އެ އެކަޑަމީގެ 14 އަހަރުންދަށުގެ ޓީމުގެ ހެޑް ކޯޗުގެ މަގާމު 2014 ގައި އަދާކޮށްފަ އެވެ. މިހާރު އޭނާ މަސައްކަތް ކުރަނީ ގަތަރުގެ އެފްއޭގެ ޑިވެލޮޕްމެންޓް މަގާމެއްގަ އެވެ.
ކޯޗިން ލައިސެންސްގެ އެންމެ މަތީ ސެޓްފިކެޓް، ޕްރޯ ވެސް ހާސިލޮކޮށްފައިވާ ފިދާދީ ކޯޗުކަމަށް ގެންނަން ވިކްޓަރީން ވާހަކަ ދެއްކި ކަމަށް އެ ކްލަބްގެ އޮފިޝަލަކު ބުންޏެވެ.
"ހަމަގައިމު ވެސް ނެގޯސިއޭޝަންތަކެއް ކުރިއަށް ދިޔަ. އަހަންނަކަށް ނޭނގެ އެކަން ދިޔައީ ކިހާހިސާބަކަށް ކަމެއް،" ވިކްޓަރީގެ އޮފިޝަލަކު ބުންޏެވެ.
ފިދާދީ ގެންނަން ކުރި މަސައްކަތް ނާކާމިޔާބުވުމުން، ބިދޭސީ އެހެން ކޯޗެއް އެ ކްލަބުން މިހާރު ހޯދާފައިވާ ކަމަށް އޮފިޝަލް ބުންޏެވެ.
އެނގިފައިވާ ގޮތުގައި ވިކްޓަރީ އަށް ގެންނަނީ، ހަންގޭރީގެ ކޯޗެކެވެ. ރާއްޖެ އަށް ފަރިތަ ހަންގޭރީގެ ލާޒްލޯ ކިސް، ވަނީ މީގެ ކުރިން ވިކްޓަރީ އަށް ކޯޗުކޮށް ދީފަ އެވެ. އެކަމަކު ކޯޗުކަމަށް ގެންނަނީ އެ ގައުމުގެ އެހެން ކޯޗެއް ކަމަށް އޮފިޝަލް ބުންޏެވެ. އެ ކޯޗުގެ އެއްވެސް މައުލޫމާތެއެއް ލިބިފައެއް ނުވެ އެވެ.
ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީން ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހުކުރު ދުވަހު އެ ޓީމު، ބުރު ސްޕޯޓްސް އަތުން ބަލިވީ 5-0 އިންނެވެ. ބިދޭސީ ކުޅުންތެރިޔެއް އެ މެޗުގައި ނުކުޅެ އެވެ. ބިދޭސީ ދެ ކުޅުންތެރިޔަކު މިހާރު ރާއްޖެ ވަނީ އައިސްފަ އެވެ. އެކަމަކު އެ ކުޅުންތެރިންނަށް އައިޓީސީ ލިބުނު ކަމެއް ނޭނގެ އެވެ.
ވިކްޓަރީ އަށް ކުރިން ކުޅުނު ސީރިއާގެ ގައުމީ ޓީމުގެ ކުރީގެ ގޯލް ކީޕަރު މަހްމޫދު އަލް ޔޫސުފް، ސްކޮޑްގައި ހިމަނާފަ އެވެ. އޭނާ އަދި ރާއްޖެ އައިސްފައެއް ނުވެ އެވެ.