ހުޅުމާލެ ޖީޕީ ކްލިނިކްގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފި
ހުޅުމާލެ ޖީޕީ ކްލިނިކްގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފި

ހުޅުމާލެ 2 ގައި ހުޅުވާފައިވާ ޖެނެރަލް ޕްރެކްޓިސް (ޖީޕީ) ކްލިނިކުގެ ހިދުމަތް 24 ގަޑިއިރު ދޭން ފަށައިފި އެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ރޭ "އެކްސް"ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ސިއްހީ ދާއިރާ ތަރައްގީކުރަން ކުރާ މަސައްކަތުގެ ތެރެއިން ހިޔާ ފްލެޓުގައި ހިންގާ ޖީޕީ ކްލިނިކް މިދިޔަ އޭޕްރީލް 23 ވަނަ ދުވަހު ދެ ޝިފްޓަށް ފުޅާކޮށްފައިވާ ކަމަށެވެ.

އެއަށްފަހު، ރެއިން ފެށިގެން އެ ކްލިނިކްގެ ހިދުމަތް 24 ގަޑިއިރު ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަމުން ހުޅުމާލެ ފޭސް 2ގައި ދިރިއުޅުއްވާ ރައްޔިތުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ. މި ފިޔަވަޅުގެ ސަބަބުން މި ސަރަހައްދުގެ ކޮންމެ އާއިލާއަކަށް ވެސް އުއްމީދާއި ހިތްހަމަޖެހުމާއި އިތުބާރު ހުރި ސިއްހީ ފަރުވާ ގާތުން ލިބިގެންދާނެ،" ހަލީމް ވިދާޅުވި އެވެ.

ހުޅުމާލެ ހޮސްޕިޓަލަށް އޮންނަ ޑިމާންޑު ކުޑަކުރަން ހިޔާގެ 16 ވަނަ ޓަވަރުގައި ޖީޕީ ކްލިނިކް ހުޅުވީ ޖެނުއަރީ، 2023 ގަ އެވެ. އެ ތަނުން އާއްމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކެ އެވެ.

މި ސަރުކާރުން ވެސް އަންނަނީ ރިފަރަލް ސިސްޓަމަކަށް ދިއުމަށް ޖީޕީ ކްލިނިކްތަކެއް ހުޅުވުމަށް ތައްޔާރުވަމުންނެވެ. އޭގެ ފުރަތަމަ ކްލިނިކް، އެސްޓީއޯ ހެޑް އޮފީސް ކައިރީގައި ވަރަށް އަވަހަށް ހުޅުވާނެ އެވެ.

މާލޭގެ ހަތަރު އަވަށުގައި އޭގެ ކްލިނިކްތައް ހުޅުވާނެ ކަމަށް މާލެ ސިޓީ ގްރޫޕުން ބުންޏެވެ.