22 ސެޕްޓެމްބަރ 2025 - 11:35

ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅަކީ މީގެ ކުރިން އެހެން އެއްވެސް ވެރިއަކު އަތްނުލައްވައި އަދި ހައްލު ކުރަން ކެރިވަޑައިނުގެންނެވި މައްސަލަތައް ހައްލު ކުރެއްވުން ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމްގެ ދާއިރާ ދިއްގަރު ހިމެނޭ މ. އަތޮޅަށް ރައީސް މުއިއްޒު ކުރައްވާ ދަތުރުފުޅުގައި ދިއްގަރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބެއްވި ޖަލްސާގައި ނާޒިމް ވިދާޅުވީ މި ސަރުކާރާ ވެރިކަން ހަވާލުވިއިރު އިގްތިސާދީ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށެވެ.
ނަމަވެސް މިދިޔަ 18 މަސްދުވަސް ތެރޭގައި ކުރެއްވި ބުރަ މަސައްކަތުން، ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ފަށައި، އާ މަޝްރޫއުތައް ވެސް ފައްޓަވަމުން ގެންދަވާކަން ނާޒިމް ފާހަގަ ކުރެއްވި އެވެ.
ހުރިހާ ކަމަކީ ބިނާއެއް އެޅުން ނޫން ކަމަށާއި އެހެނިހެން ދާއިރާތަކަށް ވެސް ރައީސް އިސްކަން ދެއްވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"މީގެ ކުރިން އެއްވެސް ވެރިއަކަށް، އެއްވެސް ސަރުކާރަކަށް އަތްލާން ނުކެރިފައި، ހައްލުކުރަން ނުކެރިފައި ހުރި އެތައް މައްސަލައެއް [ރައީސް މުއިއްޒު] ހައްލު ކުރައްވަމުންދާކަން...،" ނާޒިމް ވިދާޅުވި އެވެ
ނާޒިމް ފާހަގަ ކުރެއްވީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަތައް ހައްލު ކުރެއްވުމަށް ރައީސް މުއިއްޒު ފެއްޓެވި މަސައްކަތާއި ޖުޑީޝަރީ ދާއިރާއަށް ރައީސް ގެންނެވި ބަދަލުތަކެވެ.
އަދި ރާއްޖޭގައި ޑްރަގް މައްސަލަ ހައްލު ކުރުމަށް އެކަން ކުރާ ބޮޑުން ހައްޔަރުކޮށް އެފަދަ ހުރިހާ ކަމަކަށް ކުރިމަތިލައި ބޮޑެތި އަދަބުތައް ދެމުންދާކަން ނާޒިމް ފާހަގަ ކުރެއްވި އެވެ.
އެއީ އެންމެންނަށް އެންމެ ރަނގަޅު ނިންންމުންތަކަށް ނުވި ނަމަވެސް ފާޑުކިޔުންތަކާ އެކު ރައީސް މުއިއްޒު އެ ކަންކަން ކުރައްވަމުން ގެންދަވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
މި ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުން ކަމަށާއި ވެރިކަމުގެ ދެވަނަ އަހަރަށް ދައިރު ގިނަ މަޝްރޫއުތަކެއް ފަށާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.