ފަރަށް އެރި 12 މިލިއަން ރުފިޔާގެ ބޯޓު ފުންކޮށްފި
ފަރަށް އެރި 12 މިލިއަން ރުފިޔާގެ ބޯޓު ފުންކޮށްފި

ބޮޑު ހަރަދަކާއެކު ބަނދެ، މި އަހަރުގެ ކުރީކޮޅު ދުއްވަން ފެށި ހއ. ދިއްދޫގެ ބޮޑު ބޯޓު، "މެގަ ހޯރަ" މިއަދު ފުންކޮށްފި އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މާލެއިން މުދާ ބަރުކޮށްގެން އަނބުރާ ރަށަށް ދަނިކޮށް ނ. ވަވަތިކުރޮޅިއަށް އެ ދޯނި އެރީ ރޭ 12:00 ޖަހާކަށްހާއިރު ކަމަށެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ގޮތެއް ސާފުނުވިއަސް، އެހެން ދޯންޏެއްގައި ކަފު ޖަހައިގެން އެ ދޯނި ފުން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވި ގޮތުގައި ފަރަށް އެރުމުން އެ ބޯޓުގައި ހުރި މުދާތައް، އެހެން އުޅަނދަކަށް ބަރުކުރީ އެވެ. އެހެންވެ، މުދަލަކަށް އަދި މީހަކަށް ވެސް ގެއްލުމެއް ނުލިބޭކަން ފާހަގަކުރެއްވި އެވެ.

"ދޯންޏަށް ލިބުނު ގެއްލުންތައް ބަލަމުން ދަނީ. އަދި ގެއްލުމެއް ލިބުނު ކަމަކަށް މައުލޫމާތެއް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.

އެ ބޮޑު ބޯޓު ދުއްވަން ފެށީ މި އަހަރުގެ ކުރީކޮޅެވެ. ގާތްގަނޑަކަށް 98 ފޫޓުގެ އެ ދޯންޏަށް އެކަނި ވެސް 12 ވަރަކަށް މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށްވެ އެވެ.