22 ސެޕްޓެމްބަރ 2025 - 10:24

ރާއްޖޭގައި މިހާރު އޮތް ޝަރުއީ ނިޒާމުގެ ތެރެއިން މަރުގެ އަދަބު ދިނުމަށް ތާއީދު ނުކުރައްވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަކީ ޔާމީންގެ ވެރިކަމުގައި 2013 ގެ ރިޔާސީ ވައުދެކެވެ. އެ މަނިކުފާނުގެ ވެރިކަމުގައި 2017 ގައި މަރުގެ އަދަބު ތަންފީޒުކުރަން ފަށާނެކަން އޭރު އިއުލާނު ވެސް ކުރެއްވި އެވެ.
މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ގަވައިދާއި އެކަން ކުރާނެ ތަން ހެދުމުގެ މަސައްކަތް ވެސް ހޯމް މިނިސްޓްރީން ކުރި އެވެ.
ޕީއެންއެފް އިން ބާއްވަމުން އަންނަ ފްރަންޓް އޮފީސް ޖަލްސާގައި ޔާމީން ރޭ ވިދާޅުވީ ސުޕްރީމް ކޯޓަކީ މޫސުމީ ތަނަކަށް ވެގެން ނުވާނެ ކަމަށާއި އެކަމަކު އެ ތަނުގެ ނިންމުންތަކުން ފެންނަނީ އެފަދަ މަންޒަރެއް ކަމަށެވެ.
ޔާމީން އިޝާރާތްކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް 25 އަހަރަށް ޖަލަށްލާން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރި މައްސަލައަށެވެ.
ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް 25 އަހަރަށް ޖަލަށްލާން ސުޕްރީމް ކޯޓުން 2015 ގައި ހުކުމްކުރީ ކުރީގެ އެޓޯލްސް މިނިސްޓްރީ އަށް ދިދަތަކެއް ގަތުމަށް ކުރި އިއުލާނަކާ ގުޅިގެން މަކަރާއި ހީލަތުން އެ ޕްރޮޖެކްޓް ކާމިޔާބުކުރި ކަމަށް ދައުލަތުން ކުރި ދައުވާއެއް ސާބިތު ނުވެ އޮއްވައި ދުވަސްތަކެއް ފަހުން އިސްތިއުނާފަށް ހުށަހަޅައިގެންނެވެ.
ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުން މިދިޔަ ވެރިކަމުގައި އެ ހުކުމް ބާތިލްކުރީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނާޒިމާ ދެމެދު އޮތް ގާތް ގުޅުމެއްގެ ދަށުން ކަމަށެވެ.
އެހެންވެ އެއީ ސުޕްރީމް ކޯޓުން "ކައްކާފައި" ނެރެފައި އޮތް އަމުރެއްގެ ގޮތުގައި ޔާމީން ސިފަކުރެއްވި އެވެ.
"ނާޒިމް މައްސަލާގައި އެ ވިދާޅުވާ ގޮތަށް މިއޮތީ ކައްކާފައި އެއްޗެއް ނެރެފައި އޮތީ ސުޕްރީމް ކޯޓުން. ނާޒިމް އިސްތިއުފާނެއް ވެސް ނުކުރޭ. އިސްތިއުނާފުގެ މުއްދަތު ވެސް ފަހަނަޅައި ހިނގައްޖެ ... ސުޕްރީމް ކޯޓުން ހޫނުކޮށްލާފައި ކައްކާލާފައި ނެރޭނީ. އެވަރު ކަންތައް މި ހުންނަނީ ކޮށްފައި،" ރާއްޖޭގެ ޝަރުއީ ނިޒާމަށް ޔާމީން ވިދާޅުވި އެވެ.
އެފަދަ ހާލަތެއްގައި ރާއްޖޭގެ ޝަރުއީ ނިޒާމު އޮއްވައި މަރުގެ ހުކުމް ތަންފީޒުކުރުމަށް ކެރޭނީ ކޮން ރައީސަކަށްތޯ ޔާމީން ސުވާލު އުފެއްދެވި އެވެ.
"އަދުލު އިންސާފުގެ އެންމެ ފަހު މަރުހަލާގައި މި ދޭ ހުކުމްތައް. އެއީ ދިވެހިރާއްޖޭގައި ގިސާސްގެ ވާހަކަ މި ދައްކަނީ. އެކަމަކު މިހާރު އޮތް ޝަރުއީ ނިޒާމަށް ބަރޯސާވެގެން ގިސާސް ހިންގަން ކެރޭނީ ނުވަތަ ތަންފީޒުކުރަންކެރޭނީ ކޮން ރައީސަކަށްތޯ،" ޔާމީން ސުވާލު އުފެއްދެވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި އިސްލާމްދީނުގައި އެންމެ މޮޅު އިތުރު ގޮތަކީ ގިސާސް ހިފުން ކަމަށާއި އެ މަނިކުފާނަކީ ވެސް އެކަމަށް ކުރިން ވަކާލާތު ކުރެއްވި ބޭފުޅެކެވެ. އެކަމަކު މިއަދުގެ ހާލަތު އޮތް ގޮތުން ފަނޑިޔާރުން ނިންމާ ގޯސްތައް ވެސް އެޅެނީ ރައީސްގެ ބޮލުގައި ކަމަށް ވިދާޅުވި އެވެ.
އެކަމަކު މިއަދު އަޅުގަނޑު ނުކުރަން [މަރުގެ އަދަބަށް]. އެއީ އަޅުގަނޑަށް އިތުބާރުނުކުރެވެނީ ފަނޑިޔާރުންނަށް. އެކަމަކު ރައްޔިތުން ކުރިމަތީގައި އެ ބަދުނާމު ނަގަން މި ޖެހެނީ ފަނޑިޔާރުންގެ ކޮންމެ ނުބައި ކޮންމެ އަނިޔާވެރި ނިންމުމެއް ވެސް ބިނާކޮށްފައި ތަންފީޒުކޮށްފައި މިވަނީ ރައީސް،"
އެހެންވެ، މަރުގެ އަދަބަކީ އެ ފަނޑިޔާރުންނާ އެކު ކުރަން ހެޔޮވާވަރު ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޔާމީން ތަކުރާރުކޮށް ވިދާޅުވި އެވެ.
"އެހެންވީމާ އެއީ ކުރާވަރު ކަމެއް ކަމަށް މި ފަނޑިޔާރުން ތިބެގެން އަޅުގަނޑު ގަބޫލެއް ނުކުރަން މިހާރު."
ޔާމީން ވިދާޅުވީ އިސްލާމް ދީނުގައި ހުންނަ މަތިވެރި ކަންކަން ވެސް ނިޒާމު ހުންނަ ގޮތުން ނުކުރެވޭ ކަމަށެވެ. ސުޕްރީމް ކޯޓުން ނިންމާ ނިންމުމުގައި ސިޔާސީ ކުލަ ޖެހުމާއި ނުފޫޒުގެ ކުލަ ޖެހުމާއި ގޯސްތައް ހުރުމުން ގަބޫލުކުރައްވަނީ އެގޮތަށް ކަމަށް ޔާމީން ވިދާޅުވި އެވެ.
މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ގޮތުން ޔާމީންގެ ވެރިކަމުގައި ހެދި ގަވާއިދު ބުނާ ގޮތުން މަރުގެ އަދަބު ދެވޭނީ ލީތަލް އިންޖެކްޝަން ޖަހައިގެން ނުވަތަ ދަންޖައްސައިގެންނެވެ. އެ ގަވާއިދު ބުނާ ގޮތުން މަރުގެ އަދަބު ތަންފީޒު ކުރެވޭނީ އިސްތިއުނާފް މަރުހަލާ ނިމި އަދި މަރުވި މީހާގެ ވާރިސުން އެންމެ ފަހު ވަގުތު ވެސް ގާތިލަށް މައާފް ނުދީފި ނަމަ އެވެ.
ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓައި، އިސްތިއުނާފްގެ މަރުހަލާ ނިމިފައިވާ ތިން މީހަކު ރާއްޖޭގައި އެބަ ތިއްބެވެ. އެއީ ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް އަހުމަދާއި ވަކީލް އަހުމަދު ނަޖީބުގެ ގާތިލް އަހުމަދުގެ މުއްރަތާއި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދުގެ ގާތިލް މުހައްމަދު ނަބީލެވެ.
ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒު ކޮށްފައިވަނީ 1953 ވަނަ އަހަރު އެވެ. އެއީ އޭރުގެ ރައީސް މުހައްމަދު އަމީން އަވަހާރަކޮށްލަން އުޅުނުކަން ސާބިތުވި މީހެއްގެ މައްޗަށެވެ.