ސައޫދީގެ ހިމާޔަތަށް ޕާކިސްތާނުގެ ނިއުކްލިއާ ހަތިޔާރު ބޭނުންކުރާނެ ކަމަށް ބުނެފި
ސައޫދީގެ ހިމާޔަތަށް ޕާކިސްތާނުގެ ނިއުކްލިއާ ހަތިޔާރު ބޭނުންކުރާނެ ކަމަށް ބުނެފި

ޕާކިސްތާނުގެ ނިއުކްލިއާ ހަތިޔާރު ސައޫދީ އަރަބިއްޔާގެ ހިމާޔަތާއި ދިފާއީ ކަންކަމަށް ބޭނުންކުރަން އެއްބަސްވެފައިވާ ކަމަށް ސައޫދީ ސަރުކާރާ ގާތް ގުޅުމެއް އޮންނަ އެނަލިސްޓެއް ކަމަށްވާ އަލީ ޝިހާބީ ވިދާޅުވެއްޖެ އެވެ.

ސައޫދީ ޝާހީ އާއިލާއާ ގާތް ގުޅުމެއް އޮންނަ އަލީ އޭއެފްޕީއަށް ވިދާޅުވި ގޮތުގައި މިދިޔަ ހަފްތާގައި ސައޫދީ އާއި ޕާކިސްތާނުން ކުއްލި ގޮތަކަށް އިއުލާނުކުރި ދިފާއީ އެއްބަސްވުމުގައި އެކަން ހިމެނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިކަމުގެ މަޝްވަރާތައް ކުރިއަށްދާތާ އެތައް އަހަރެއް ވެއްޖެ އެވެ. އަދި ސައޫދީގެ ދިފާއީ ބޭނުންތަކަށް މިފަދަ އެއްބަސްވުމެއްގެ މުހިންމުކަން، ޕާކިސްތާނާ މައްސަލަ ބޮޑު އިންޑިއާއަށް ވިސްނޭނެ ކަމަށް ސައޫދީން އުންމީދުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

ސައޫދީގެ ދިފާއުގައި ޕާކިސްތާނުގެ ނިއުކްލިއާ ހަތިޔާރު ބޭނުންކުރުން އެއްބަސްވުމުގައި ހިމެނޭތޯ ސުވާލުކުރުން އޭނާ ވިދާޅުވީ "އޭގައި އެ ވާހަކަ އެބަ އޮތް" ކަމަށެވެ.

"ނިއުކްލިއާ އަކީ މި އެއްބަސްވުމުގެ މުހިންމު ބައެއް. ޕާކިސްތާނުގެ ނިއުކްލިއާ މަޝްރޫއަށް ސައޫދީން ހޭދަކުރިކަމާއި ޕާކިސްތާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ވަގުތު ސައޫދީން އެހީވިކަން އެ ގައުމުން ހަނދާންކުރޭ،" އޭނާ ވިދާޅުވި އެވެ.

"ސައޫދީގެ ދިފާއީ ބޭނުންތައް އިންޑިއާއިން ގަބޫލުކުރޭ. ސައޫދީ އާއި އިންޑިއާއާ ދެމެދު ގާތް ގުޅުމެއް އެބަ އޮތް."

ސައޫދީއާ އެކު ހެދި އެއްބަސްވުމަށް ފަހު ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފް ޕާކިސްތާނުގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވެސް، ސައޫދީން ބޭނުންވެއްޖެ ނަމަ ޕާކިސްތާނުގެ ނިއުކްލިއާ ހަތިޔާރު ބޭނުންކުރާނެ ކަމަށް ވިދާޅުވި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

ޕާކިސްތާނާއި ސައޫދީއާ ދެމެދު ދިފާއީ އެއްބަސްވުމުގައި ސޮއިކުރީ ހަމާސްގެ ވެރިންނަށް އަމާޒުކޮށް އިޒްރޭލުން ގަތަރަށް ހަމަލާ ދިންތާ ދެތިން ދުވަސް ފަހުންނެވެ. އަދި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ވެސް މީގެ ދެތިން މަސް ކުރިން ހަނގުރާމަކޮށް ދެ ގައުމުން 70 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

ސައޫދީ އާއި ޕާކިސްތާނުގެ އެއްބަސްވުމުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ކޮންމެ ގައުމަކުން ވެސް އަނެއް ގައުމުގެ ދިފާއުގައި މަސައްކަތްކުރުމަށާއި އެއް ގައުމަށް ދޭ ހަމަލާ އަކީ އަނެއް ގައުމަށް ވެސް ދިން ހަމަލާއެއްގެ ގޮތުގައި ބަލައިގެން މަސައްކަތްކުރުމަށެވެ. -- އޭއެފްޕީ