ޓްރޭނިން ދަނޑުގައި ބާސެލޯނާ އިން ތިން ޕޮއިންޓް ހޯދައިފި
ޓްރޭނިން ދަނޑުގައި ބާސެލޯނާ އިން ތިން ޕޮއިންޓް ހޯދައިފި

ބާސެލޯނާގެ ޓްރޭނިން ދަނޑު ކަމަށްވާ ޔޯހާން ކްރަޔަފް ސްޓޭޑިއަމްގައި ރޭ އެ ޓީމުން ސްޕެނިޝް ލީގުގައި 3-0 އިން ގެޓަފޭ ބަލިކޮށްފި އެވެ.

ޓްރޭނިން ދަނޑުގައި ބާސެލޯނާ އިން ތިން ޕޮއިންޓް ހޯދައިފި
ޓްރޭނިން ދަނޑުގައި ބާސެލޯނާ އިން ތިން ޕޮއިންޓް ހޯދައިފި

ހައެއްކަ ހާސް ސަޕޯޓަރުން ކުރިމަތީގައި ރޭ ކުޅުނު ލީގު މެޗުގައި ފެރާން ޓޮރޭޒް ދެ ގޯލު ޖަހާފައި ވާއިރު ޑެނީ އޮލްމޯ ވެސް ވަނީ ލަނޑެއް ކާމިޔާބު ކޮށްފަ އެވެ.

މިއާ އެކު ބާސާއަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ލިބިފަ އެވެ. އެ ޓީމު ދެ ވަނައިގައި އޮތް އިރު، އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެގެން 15 ޕޮއިންޓް ހޯދާފައިވާ ރެއާލް މެޑްރިޑެވެ. ރެއާލް ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި އެސްޕަނިޔޯލާ ވާދަކޮށް 2-0 އިން މޮޅުވެފަ އެވެ.

މި ސީޒަން ފެށިއިރު ބާސާގެ ކޭމްޕް ނޫ ސްޓޭޑިއަމްގައި އަލުން ކުޅެން ފެށުމުގެ އުންމީދުގައި އޮތެވެ. އެކަމަކު މަރާމާތުގެ މަސައްކަތްތައް ލަސްވުމާ ގުޅިގެން މި ސީޒަންގައި މިހާތަނަށް ކުޅުނު ދެ ހޯމް މެޗު ވެސް ކުޅެފައި ވަނީ ޔޯހާން ކްރަޔަފް ސްޓޭޑިއަމްގަ އެވެ. މިދިޔަ ހަފްތާ މި ސްޓޭޑިއަމްގައި ވަނީ 6-0 އިން ވެލެންސިއާ ބަލިކޮށްފަ އެވެ.

ބާސެލޯނާ 2022/2023 ސީޒަނަށް ފަހު 1.5 ބިލިއަން ޔޫރޯގެ ޕްރޮޖެކްޓެއްގައި ކޭމްޕް ނޫ މަރާމާތު ކުރުމުގެ ގޮތުން ފާއިތުވި ދެ ސީޒަންގައި ބޭނުން ކޮށްފައިވަނީ ލުއިސް ކޮމްޕެނީސް އޮލިމްޕިކް ސްޓޭޑިއަމް އެވެ. ނަމަވެސް މި ސީޒަންގައި ލީގުގައި އެންމެ ފަހުން ކުޅުނު ދެ ހޯމް މެޗަށް ވެސް އެ ދަނޑު ލިބެން ނެތުމުން މެޗުތައް ކުޅުނީ އެ ޓީމުގެ ޓްރޭނިން ދަނޑުގަ އެވެ.

ނަމަވެސް އަންނަ ހަފްތާ ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅޭ މެޗަށް ކޭމްޕް ނޫ ސްޓޭޑިއަމް ބޭނުން ކުރަން ފެށޭނެ ކަމަށް އެ ކްލަބުން ތިބީ އުންމީދު ކޮށްގެންނެވެ.

ކޭމްޕް ނޫ ސްޓޭޑިއަމް ޒަމާނީކޮށް، 99،000 މީހުންގެ ޖާގައިން 105،000 މީހުންގެ ޖާގައަށް ކެޕޭސިޓީ އިތުރު ކުރުމަށް ކުރިއަށް ގެންދާ މި ޕްރޮޖެކްޓާ އެކު، މިދިޔަ ނޮވެމްބަރު މަހު ކްލަބްގެ 125 ވަނަ އަހަރީދުވަހާ ގުޅުވައިގެން ދަނޑުން ބައެއް ހުޅުވަން މަސައްކަތް ކުރި ނަމަވެސް މަރާމާތުގެ ކަންކަން ލަސްވުމާއި ލައިސެންސިންގެ ކަންކަން ނުނިމޭތީ ޕްލޭނާ އެއްގޮތަށް ކުރިއަަކަށް ނުދިޔަ އެވެ.

ރެނޮވޭޝަންގެ ފުރަތަމަ ފިޔަވަހީގެ ކަންކަން ނިމިފައިވާއިރު އެންމެ ފުރަތަމަ ބޭނުން ކުރެވޭނީ 27،000 ސަޕޯޓަރުންގެ ޖާގަ އެވެ. ނަމަވެސް ފަހުގެ ތައްޔާރީތައް ނިމެންދެން ޓްރޭނިން ދަނޑުގައި ހޯމް މެޗުތައް ކުޅެން އެ ޓީމުން ނިންމީ އެވެ.

މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅަށް ދަނޑުގެ ޖާގައިގެ 60 ޕަސެންޓް ކަމަށްވާ 63،000 މީހުންނަށް ޖާގަ ހުޅުވާލެވޭނެ ކަމަށް ބާސާއިން އުންމީދު ކުރާއިރު، ޔޫރަޕްގެ އެންމެ ބޮޑު ސްޓޭޑީއަމް ގޮތުގައި ދަނޑުގެ ހުރިހާ މަރާމާތެއް އަންނަ އަހަރުގެ ޖޫން އަށް ނިންމާލެވޭނެ ކަމަށް އެ ކްލަބްގެ ރައީސް ޔޯއާން ޔަޕޯޓާ ވަނީ ހާމަކޮށްފަ އެވެ.